އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ވާހަކަދައްކަވަނީ. (ފޮޓޯ/ރޮއިޓާސް)

އީރާން ހަނގުރާމައިގެ ހަރަދު 37.5 ބިލިއަން ޑޮލަރަށް އަރައިފި

ހެގްސެތު ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައިވާ އިތުރު 90 ބިލިއަން ޑޮލަރާ ގާތްކުރާ ފައިސާ ހުއްދަކުރުމަށް އޭނާ ވަނީ ކޮންގްރެސްއަށް އިލްތިމާސްކުރައްވާފައި
1 ގަޑިއިރު ކުރިން

އެމެރިކާއިން އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގެ ހަރަދު 37.5 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އިއްޔެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މި ހަމަނުޖެހުމަށް ބޭނުންވާ ކަންކަމަށް ކޮންގްރެސްއިން ކުއްލި ހާލަތުގެ ފައިސާ ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވަމުންނެވެ.

ހެގްސެތު ވިދާޅުވި ގޮތުގައި، މި އަދަދުގެ ތެރޭގައި މިހާރު ކުރެވެމުންދާ ހަރަދުތަކާއި 30 ސެޕްޓެމްބަރުގެ ނިޔަލަށް ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދުތައް ހިމެނެ އެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައިވާ އިތުރު 90 ބިލިއަން ޑޮލަރާ ގާތްކުރާ ފައިސާ ހުއްދަކުރުމަށް އޭނާ ވަނީ ކޮންގްރެސްއަށް އިލްތިމާސްކުރައްވާފަ އެވެ. މީގެ ތެރެއިން ގިނަ ފައިސާއަކީ މި ހަނގުރާމައާ ގުޅުންހުރި ފައިސާ އެވެ.

މި ފައިސާއަށް އެދުނު އެދުމަށް ގާނޫނު ހަދާ މަޖިލީީހުގެ މެންބަރުންގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ސެނެޓަރު ޕެޓީ މަރޭ ވަނީ ހަމަނުޖެހުން ބޮޑުކުރުމަށާއި ހަނގުރާމައިގެ ކުށްތަކަށް ޓްރަމްޕް އިންޒާރު ދެއްވާ ކަމަށް ތުހުމަތުކުރައްވައި، މި ހަމަނުޖެހުން މުސްތަގުބަލުގައި ނިމުމެއް ނެތް ހަނގުރާމައަކަށް ވެގެންގޮސްދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

"ތިޔަބޭފުޅުންނާއި މި ސަރުކާރާ މެދު އެހާ ހިތްހަމަނުޖެހިފައި ތިބި ސަބަބަކީ މާޒީގައި ތިޔަބޭފުޅުން ބޭނުންކުރެއްވި ބަސްތަކާއި އަމަލާ ދިމާނުވާތީ،" ސެނެޓަރު ކާސްޓަން ޖިލިބްރޭންޑް ވެސް ސަރުކާރުގެ މެސެޖުތަކާ މެދު ސުވާލު އުފައްދަވަމުން ވިދާޅުވި އެވެ.

އިތުރު ފައިސާ ނުލިބިއްޖެ ނަމަ، އަސްކަރީ ތަމްރީނުތަކަށާއި މުސްތަގުބަލުގެ ގާބިލުކަމަށް އަސަރުކޮށްފާނެ ކަމަށް ހެގްސެތު އިންޒާރު ދެއްވި އެވެ.

"މި މިނިސްޓްރީއަށް 1.5 ޓްރިލިއަން ޑޮލަރުގެ ފައިސާ ނުލިބުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންގެ ގައުމަށް އޮތް އެންމެ ބޮޑު ނުރައްކާ،" އޭނާ ވިދާޅުވި އެވެ.

ޕެންޓަގަންއިން ބުނި ގޮތުގައި، މިދިޔަ މަހު ސޮއިކުރި ސުލްހައިގެ ވަގުތީ އެއްބަސްވުން މި މަހުގެ ކުރީކޮޅު ރޫޅި، އެމެރިކާ އާއި އީރާނާ ދެމެދު ކުރެވޭ ހަނގުރާމަ ކުރިއަށްދާއިރު، މި ހަމަނުޖެހުމުގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވަނީ 18އަށް އަރާފަ އެވެ. އަދި ގާތްގަނޑަކަށް 430 މީހުން ވަނީ ޒަހަމްވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް