އެމެރިކާގެ ވެރިރަށް ތެހެރާނުގެ މަގެއްގައި އެމެރިކާއާ ދެކޮޅު ކުރެހުމެއް ކުރަހާފައި. (ފޮޓޯ/އީޕީއޭ)
ހަނގުރާމަ ނިންމަން މެދުވެރިން އާ ހުށަހެޅުންތަކެއް ހުށަހަޅައިފި؛ އީރާން
ދެ ފަރާތުން އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދިޔަ ނަމަވެސް، އެމެރިކާއާ އެކު އަލުން ފެށިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމުގެ މަގްސަދުގައި، ޕާކިސްތާނާއި ގަތަރު ހިމެނޭ ގޮތަށް މަޝްވަރާތަކުގެ މެދުވެރިން މެދުވެރިކޮށް ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށް އީރާނުން އިއްޔެ ބުނެފި އެވެ.
ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއި ވިދާޅުވި ގޮތުގައި، މެދުވެރިން މެދުވެރިކޮށް ހުށަހެޅި ހުށަހެޅުންތައް އީރާނަށް ވަނީ ލިބިފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދެއްވަން އޭނާ ދެކޮޅު ހެއްދެވި އެވެ. އަދި އީރާނަށް ހަމަލާދިނުމަށްޓަކައި އެމެރިކާގެ އަސްކަރިއްޔާއަށް އެ ގައުމުތަކުގެ ސަރަހައްދުތައް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް އޭނާ ވަނީ އަވަށްޓެހި ގައުމުތަކަށް އިލްތިމާސްކުރައްވާފަ އެވެ.
މި ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދަނީ އެމެރިކާއިން ޖެހިޖެހިގެން 10 ދުވަހަށް އީރާނަށް ހަމަލާތައް ދެމުންދިޔަ ދަނޑިވަޅެއްގަ އެވެ. އަދި އީރާނުގެ ލަޝްކަރުން ވެސް ދަނީ މުޅި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދެމުންނެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ ވޮޝިންޓަން އަބަދު ވެސް އޮތީ ސިޔާސީ ހައްލުތަކަށް ހުޅުވާލެވިގެން ކަމަށެވެ. ނަމަވެސް ދާދި ފަހުން އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގައި އެމެރިކާގެ ސިފައިންގެ ތިން މީހަކު މަރުވުމަކީ މަޝްވަރާތަކަށް އޮތް ހުރަހެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަމަލުތަކުން ސާބިތުކޮށްދޭންޖެހޭނީ ދައްކާ ވާހަކަތައް. އޭގެ އިދިކޮޅެއް ނޫން،" އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އެމެރިކާގެ ނިޔަތާ މެދު ސުވާލު އުފައްދަވަމުން ވިދާޅުވި އެވެ.
އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން ވެސް ވަނީ އެމެރިކާއާ އެކު މިދިޔަ މަހު ސޮއިކުރި ވަގުތީ އެމްއޯޔޫ ދިފާއުކުރައްވާފަ އެވެ. އަދި ގައުމީ މަސްލަހަތު ދިފާއުކުރުމަށް އީރާން އޮތީ ސާބިތުކަމާ އެކު ތައްޔާރަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ކޮމެންޓް