އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރެއްވި ދަތުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ނައިބު ރައީސް ޖޭޑީ ވެންސްއާ ބައްދަލުކުރައްވަނީ. (ފޮޓޯ/ރޮއިޓާސް)
އެމެރިކާ ދަތުރުގައި ނަތަންޔާހޫ ހައްޔަރެއް ނުކުރެވޭނެ: ޓްރަމްޕް
ނިއު ޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ، ގާނޫނީ ފުރުސަތުތައް ބައްލަވަމުންދާ ކަމަށް ވިދާޅުވި ވިދާޅުވުމާ ގުޅިގެން، އެމެރިކާއަށް ކުރައްވާ އެއްވެސް ދަތުރެގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
"އެމެރިކާގައި ހުންނަވަނިކޮށް ބެންޖަމިން ނަތަންޔާހޫ، އެއްވެސް ގޮތަކުން، އެއްވެސް ގޮތެއްގައި ހައްޔަރެއް ނުކުރެވޭނެ،" ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ނިއު ޔޯކް ޓައިމްސްގެ ޕޮޑްކާސްޓެއްގައި މަމްދާނީ ވިދާޅުވީ، ނަތަންޔާހޫ ހުންނަންޖެހޭނީ ހޭގްގައި ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި ނަތަންޔާހޫއަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، މަމްދާނީ ވިދާޅުވީ ގާނޫނު ތަންދޭ މިންވަރަކުން އެޅޭނެ ފިޔަވަޅުތައް ނިއު ޔޯކް ސިޓީގެ ލޯ ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށެވެ.
ގާޒާ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން 2024 ވަނަ އަހަރު އައިސީސީން ވަނީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ. ނަމަވެސް އިޒްރޭލުން އެ ކޯޓުގެ އިހްތިސޯސް ގަބޫލެއް ނުކުރެ އެވެ. އަދި އެ ތުހުމަތުތައް ދޮގުކޮށް، އެ އަމުރަކީ އެއްވެސް އަސާސެއް ނެތް އަމުރެއް ކަމަށް ބުނެ، އިޒްރޭލުން ވަނީ މަމްދާނީ އެ ގައުމުގެ ލީޑަރަށް ޒާތީ ގޮތުން ވާހަކަދައްކަވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ކޮމެންޓް