އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އެންޑީ ބާންހަމް ބޮޑުވަޒީރު ދިރިއުޅުއްވާ އަދި އޮފީސް، 10 ޑައުނިން ސްޓްރީޓްގެ ބޭރުގައި ވާހަކަދައްކަވަނީ. (ފޮޓޯ/ރޮއިޓާސް)
އެންޑީ ބާންހަމް '40 އަހަރުގެ ބޮޑު ބަދަލު'ގެ ވައުދާ އެކު އިނގިރޭސި ބޮޑުވަޒީރަކަށް
އެންޑީ ބާންހަމް ރަސްމީކޮށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ މިއަދު ހަވާލުވެވަޑައިގެންފި އެވެ.
ކިއަރު ސްޓާމާގެ ބަދަލުގައި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އޭނާ ވަނީ މާޒީގެ ސިޔާސީ އުސޫލުތަކާ ދުރުވެ، އިގްތިސާދީ އަދި ސިޔާސީ ދާއިރާއަށް ބޮޑެތި އިސްލާހުތަކެއް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފަ އެވެ.
އިނގިރޭސި ބޮޑުވަޒީރު ދިރިއުޅުއްވާ އަދި އޮފީސް، 10 ޑައުނިން ސްޓްރީޓްގެ ބޭރުގައި ވާހަކަދައްކަވަމުން ބާންހަމް ވަނީ ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި އޮތް މާޔޫސްކަން ގަބޫލުކުރައްވާފަ އެވެ.
"އަޅުގަނޑަށް އެނގޭ ގޭގޭގައި ތިބި ރައްޔިތުން ސިޔާސީ ކަންކަމަށް ފޫހިވެފައިވާކަން. އަޅުގަނޑުމެންގެ މަސައްކަތް އެންމެ އެކަށީގެންވާ ވަރަށް ރަނގަޅެއް ނޫން އަދި އަޅުގަނޑުމެން މިއަށް ވުރެ ރަނގަޅުވާންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވައުދުވެވަޑައިގަތީ މި ވަގުތަކީ އިނގިރޭސިވިލާތަށް އާ ފެށުމަކަށް ހައްދަވާނެ ކަމަށެވެ. އަދި އާ ސިޔާސީ މޮޑެލްއަކާއި އާ އިގްތިސާދީ މޮޑެލްއެއްގެ ޒަރީއާއިން "ފާއިތުވި 40 އަހަރުގެ ތެރޭގައި ގެނެވޭ އެންމެ ބޮޑު ބަދަލުތައް" ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބާންހަމް ވިދާޅުވީ، އޭނާގެ އެންމެ އިސް އަދި ކުއްލި މަސައްކަތްތަކުގެ ތެރޭގައި މަގުމަތީގައި ނިދާ ހިޔާވަހިކަމެއް ނެތް މީހުންގެ މައްސަލަ ހައްލުކުރުމާއި ދިރިއުޅުމުގެ ހަރަދުތައް ލުއިކުރުމަށް ފިޔަވަޅުތަކެއް ތައާރަފުކުރުން ހިމެނޭ ކަމަށެވެ. މީގެ އިތުރު ތަފްސީލުތައް މާދަމާ ހާމަކުރައްވާނެ އެވެ. އަދި މި އަހަރުގެ ފަހުކޮޅު 10 އަހަރުގެ ދިގު މުއްދަތުގެ 'ޕްލޭން ފޯ ބްރިޓަން' ޝާއިއުކުރައްވާނެ ކަމަށް ވެސް ވައުދުވެވަޑައިގަތެވެ.
މިދިޔަ މަހު ލޭބަ ޕާޓީގެ މަޖިލިސް މެމްބަރުންގެ ނިންމުމަކުން މަގާމުން އިސްތިއުފާ ދެއްވި ސްޓާމާ ވިދާޅުވީ، ބޮޑުވަޒީރުގެ ހައިސިއްޔަތުން ހިދުމަތްކުރުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަމަށެވެ. އަދި ބާންހަމްއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން ސްޓާމާ ވިދާޅުވީ އޭނާއަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ.
ކޮމެންޓް