ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)
މި މަހުގެ ފުރަތަމަ 2 ހަފުތާގައި ތެޔޮ އެކްސްޕޯޓް ކުރި މިންވަރު އިތުރުވެއްޖެ
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނު ހަނގުރާމަ ފެށުނު ފަހުން، މެދުއިރުމަތީގެ ގައުމުތަކުން ސާފު ނުކުރާ ތެޔޮ އެކްސްޕޯޓްކުރި މިންވަރު ޖުލައި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ނަމަވެސް އަލުން ހަނގުރާމަ ވަރުގަދަވަމުން ދިއުމުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް މިހާރު ބޭރުކުރާ ތެލުގެ މިންވަރުވަނީ ދަށަށް ގޮސްފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އިރާގު، ކުވެއިތު އަދި އީރާނުން ސާފުނުކުރާ ތެޔޮ އެކްސްޕޯޓްކުރި މިންވަރު ޖުލައި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ވަނީ، މުޅި ޖޫން މަހު ދުވާލަކު އެވްރެޖްކޮށް އެކްސްޕޯޓްކުރި މިންވަރާ އަޅާބަލާ އިރު ގާތްގަނޑަކަށް %16 އިތުރުވެ، ދުވާލަކު 12 މިލިއަން ފީފާއަށް އަރައިފަ އެވެ.
"ވޯޓެކްސާ" އިން އަންދާޒާކުރާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި އެކްސްޕޯޓް ކުރި މިންވަރު މިއަށްވުރެ ވެސް މަތިވެ، ދުވާލަކު 13.06 މިލިއަން ފީފާއަށް ވެސް އެރި އެވެ.
ޖުލައި މަހުގެ ފުރަތަމަ ދެ ހަފުތާގައި ތެޔޮ ބޭރުކުރި މިންވަރު އިތުރުވި ގައުމުތަކުގެ ތެރޭގައި ކުރީގައި އުޅެނީ ސައުދީ އަރަބިއްޔާ، އީރާނު އަދި އިރާގެވެ. އަދި "ވޯޓެކްސާ" އިން ލަފާކުރާ ގޮތުގައި މަހުން މަހަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އިރާގުންނެވެ. ނަމަވެސް ޖޫން މަހުގެ ރެކޯޑުތަކަށް ބަލާއިރު ޔޫއޭއީގެ އެކްސްޕޯޓް ވަނީ ކުޑަކޮށް ދަށަށް ގޮސްފަ އެވެ.
ޖޫން މަހުގެ މެދުތެރޭގައި އެމެރިކާ އާއި އީރާނާ ދެމެދު ވަގުތީ އެއްބަސްވުމަކަށް އާދެވި، ތެލާއި ގޭހުގެ ވިޔަފާރީގައި ދުނިޔޭގެ އެންމެ މުހިންމު ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ހަނގުރާމަ ހުއްޓާލުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ފެށުމުން، ތެޔޮ ލިބުމަށް އޮތް ހުރަސްތަކުގެ ބިރު ކުޑަވެ، ގަލްފުގެ އެކްސްޕޯޓް އިތުރުވުމާ އެކު ތެލުގެ އަގުތައް ދަށަށް ދިޔަ އެވެ.
ނަމަވެސް އެ ކަނޑުއޮޅި ބަލަހައްޓާނެ ގޮތަކާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، ޖުލައި ފެށުމުގެ ކުރިން އެ އެއްބަސްވުން ވަނީ އުވާލެވިފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެ ފަރާތުން ދެމުންދާ ހަމަލާތައް އަލުން ވަރުގަދަވުމާ ގުޅިގެން ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ އެކްސްޕޯޓްކުރާ މިންވަރު މިހާރު ވެސް ދަނީ ދަށްވަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެންމެ ތިން ޓޭންކަރެވެ. މިއީ މޭ މަހުގެ ފަހުން ދުވާލެއްގެ މައްޗަށް އެންމެ މަދުން ޓޭންކަރު ދަތުރުކުރި ދުވަހެވެ.
ވޭތުވެ ދިޔަ ދުވަސްތަކުގައި ތެޔޮ އެކްސްޕޯޓްކުރި މިންވަރު ކުޑަކޮށް މަތިވި ނަމަވެސް، ހަނގުރާމައިގެ ކުރިން ފެބްރުއަރީ މަހު ދުވާލަކު ތެޔޮ ބޭރުކުރި މިންވަރު 17.6 މިލިއަން ފީފާއާ އަޅާބަލާ އިރު، މިއީ އަދި ވެސް ގާތްގަނޑަކަށް %32 ދަށް އަދަދެކެވެ.
ކޮމެންޓް