ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)އަށް ތާއީދުކުރާ މީހުން ދިއްލީގައި މުޒާހަރާ ކުރަނީ. (ފޮޓޯ/ރޮއިޓާސް)
އިމްތިހާނު ކަރުދާސް ލީކުވާތީ އެތައް ބަޔަކު ދިއްލީގައި މުޒާހަރާކުރަނީ
އިންޑިއާގެ ޒުވާނުން އިސްވެ ހިންގާ ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)އަށް ތާއީދުކުރާ އެތައް ސަތޭކަ މީހުން، އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި މިއަދު ނިއު ދިއްލީއަށް އެއްވެ، ގާނޫނު ހަދާ މަޖިލީހާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.
މިއީ މި މުޒާހަރާ ބޭއްވުމުގެ ހުއްދަ ދިނުމަށް ފުލުހުން ދެކޮޅު ހަދާފައިވަނިކޮށް ހިންގާ ހަރަކާތެކެވެ.
މެޑިސިން ކިޔަވަން ވަންނަންދޭ އިމްތިހާނެއްގެ ކަރުދާސް ލީކުވެ، ދެ މިލިއަނަށް ވުރެ ގިނަ ދަރިވަރުންނަށް އޭގެ އަސަރުކުރުމާ ގުޅިގެން ފެށުނު މި ހަރަކާތް ވެގެން ގޮސްފައިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތިންވަނަ ދައުރުގައި އާންމުންގެ ފަރާތުން ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ.
މުޒާހަރާގެ ބައިވެރިން ދިޔައީ "ދަރުމެންދުރާ ޕްރަދާން އިސްތިއުފާދީ" އަދި "ނަރެންދުރަ މޯދީ އިސްތިއުފާދީ" ގޮވަމުންނެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން ސުވާލު ކަރުދާސްތައް ލީކުވާކަށް. މިކަން ނިމުމަކަށް އަންނަންޖެހޭނެ،" މުޒާހަރާގައި ބައިވެރިވި ދަރިވަރެއް ކަމަށްވާ އަދީ ނަތަން ބުންޏެވެ.
"އަޅުގަނޑުމެން ބޭނުމީ މި ކޮރަޕްޝަން ނިމުމަކަށް އަންނަން،" މުޒާހަރާގެ އެހެން ބައިވެރިއެއް ކަމަށްވާ މުހައްމަދު ތަބްރޭޒް ބުންޏެވެ.
މި ހަރަކާތް ވަރުގަދަކުރުމަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައި، މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ބުނީ، ތައުލީމީ ނިޒާމަށް ދިމާވި ނާކާމިޔާބީގެ ޒިންމާ ސަރުކާރުން އުފުލައިފި ނަމަ ނުވަތަ މުޒާހަރާގެ ބައިވެރިންގެ ކަންބޮޑުވުންތަކަށް ގާނޫނު ހަދާ މަޖިލީހުގައި ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން މެންބަރުން ދެއްވައިފި ނަމަ، ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލާނެ ކަމަށެވެ.
އިންޓަނެޓްގެ ޒަރީއާއިން މިލިއަނުން މީހުންގެ ތާއީދު ލިބެމުން އަންނަ މި ހަރަކާތުން ދައްކުވައިދެނީ، އިމްތިހާނު ކަރުދާސް ލީކުވުމާއި ވަޒީފާނެތުމުގެ މައްސަލާގައި އިންޑިއާގެ ޒުވާނުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ކަންބޮޑުވުންތަކެވެ.
ކޮމެންޓް