ނިއު ޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ. (ފޮޓޯ/އޭއެފްޕީ)
ނަތަންޔާހޫ އދ.އަށް އަންނައިރު ހައްޔަރުކުރެވޭނެ ގޮތްތައް އެބަ ބަލަން: މަމްދާނީ
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އދ.ގެ އާންމު މަޖިލީހަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއު ޔޯކަށް ވަޑައިގެންފި ނަމަ، އޭނާ ހައްޔަރުކުރެވިދާނެތޯ ބެލުމަށް ސިޓީގެ ގާނޫނީ މާހިރުންނާ މަޝްވަރާކުރައްވަމުންދާ ކަމަށް ނިއު ޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި މަމްދާނީ ވިދާޅުވީ، ނަތަންޔާހޫ ހުންނަންޖެހޭނީ ހޭގްގައި ކަމަށެވެ. އަދި އޭނާއަކީ ގާޒާގައި ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)ން ދައުވާ އުފުލާފައިވާ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި މޭޔަރު ސިފަކުރެއްވި އެވެ.
މޭޔަރު ވިދާޅުވީ އޭނާއަށް އޮތް ގާނޫނީ ބާރުތައް ދެނެގަތުމަށްޓަކައި ސިޓީގެ ލޯ ޑިޕާޓްމަންޓާ އެކު އަމަލީ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
"ނިއު ޔޯކް ސިޓީގައި ގާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެން އަމަލުކުރާނަން. އެކަމަކު އެ ބޭނުމަށްޓަކައި އަޅުގަނޑުމެން އަމިއްލަ ގާނޫނުތަކެއް ނުހަދާނަން،" އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫ ވަނީ މި ވާހަކަތަކަށް ރޭޑިއޯ ހޯސްޓް ސިޑް ރޯސެންބާގްގައި ރައްދު ދެއްވާފަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މަމްދާނީ ސިއްރިއްޔާތުގައި އެމެރިކާ ދެކެ ރުޅިއާދެ އެވެ. އދ.އަށް ކަނޑައަޅާފައި ހުންނަވާ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން ވިދާޅުވީ، ހައްޔަރުކޮށްފާނެ ކަމުގެ އިންޒާރުތަކެއް ހުރި ނަމަވެސް، ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މަމްދާނީގެ މި ވާހަކަތައް އައިސްފައިވަނީ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ވޯޓުލާ މީހުންގެ މެދުގައި އިޒްރޭލަށް ކުރާ ފާޑުކިޔުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ދާދި ފަހުން ހެދި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، އިޒްރޭލަށް އެމެރިކާއިންދޭ އަސްކަރީ އެހީއާ ދެކޮޅުހެދުން ދަނީ އިތުރުވަމުންނެވެ. އަދި ގާޒާ ހަނގުރާމައާ ގުޅިގެން ޒިންމާދާރުކުރުވުން އިތުރުކުރުމަށް ޕާޓީގެ އެތެރެއިން ގޮވާލާ ގޮވާލުންތައް ވެސް ދަނީ އިތުރުވަމުންނެވެ.
ކޮމެންޓް