އެމެރިކާ އިން އީރާނަށް ދިން ހަމަލާއެއް.

އުރުދުންގައި އެމެރިކާގެ ސިފައިން މަރުވުމާ ގުޅިގެން، އެމެރިކާއިން އީރާނަށް ހަމަލާތަކެއް

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުވައިތު، ބަހުރައިން އަދި އުރުދުންގައި ހުރި އެމެރިކާއާ ގުޅުންހުރި ސަރަހައްދުތަކަށް ހަމަލާދީފައިވޭ
12 ގަޑިއިރު ކުރިން

އުރުދުންގައި އީރާނުން ދިން ހަމަލާއެއްގައި އެމެރިކާގެ އަސްކަރިއްޔާގެ ދެ މެންބަރަކު މަރުވެ އަދި އެކަކު ގެއްލިފައިވާ ކަމަށް އިއްޔެ ރިޕޯޓްކުރުމާ ގުޅިގެން، އެމެރިކާއިން އީރާނަށް އާ ވައިގެ ހަމަލާތަކެއް ރޭ ދީފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ނުރައްކާކުރުމަށް އީރާނަށް އޮތް ގާބިލުކަން ނައްތާލުމަށެވެ. އަދި މިއީ އެމެރިކާގެ ސިފައިންނަށް ދިން ހަމަލާގެ ޒިންމާ އުފުލަންޖެހޭ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ލަޝްކަރަށް ވަގުތުން އަދަބު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖްތަބާ ހާމަނައީ އިންޒާރު ދެއްވަމުން ވިދާޅުވީ، ހަމަނުޖެހުން ބޮޑުކުރަން އުޅުމުގެ ބަދަލު ވޮޝިންޓަނުން ދައްކަންޖެހޭނެ ކަމަށެވެ. އަދި އެމެރިކާގެ އަމަލުތަކުން ދައްކުވައިދެނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮޔަކީ އެއްވެސް އަގެއް ނެތް އަދި އިތުބާރެއް ވެސް ނެތް އެއްޗެއްކަން ކަމަށް ވިދާޅުވެ، އެމެރިކާއަށް މިއަށް ވުރެ ބޮޑު ގެއްލުންތަކަކާއި އިތުރު ހުތުރުކަމެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވި އެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުވައިތު، ބަހުރައިން އަދި އުރުދުންގައި ހުރި އެމެރިކާއާ ގުޅުންހުރި ސަރަހައްދުތަކަށް ހަމަލާދީފައިވެ އެވެ. އަދި އީރާނުން މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ ރިޕޯޓްތަކެއް ލިބުމާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަނީ ސަމާލުވުމަށް އަންގާފަ އެވެ.

މި ފަހަކަށް އައިސް ހަމަނުޖެހުންތައް ބޮޑުވެގެން މި ދިޔައީ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅިއާ ގުޅުންހުރި އުމްރާނީ ވަސީލަތްތަކަށާއި އުޅަނދުފަހަރަށް ދެ ފަރާތުން ވެސް ހަމަލާދެމުންދާ ދަނޑިވަޅެއްގަ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ގަލްފުގެ ގައުމުތަކުން ގުޅިގެން ވަނީ ހަމަލާތައް ހުއްޓާލުމަށާއި ކަނޑުގެ އެ މަގު ހުޅުވާލެވިފައި ބޭއްވުމަށް އީރާނަށް ގޮވާލާފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް