އިންޑިއާގެ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ހޮސްޕިޓަލަށް ގެންދަނީ. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި 21 ދުވަސް ހޭދަކުރި އިންޑިއާގެ އެކްޓިވިސްޓަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

ދިއްލީ ހައި ކޯޓުން އޭނާގެ ސިއްހީ ހާލަތު ބަލައި ބޭނުންވެއްޖެ ނަމަ ފަރުވާދިނުމަށް އެންގި އެންގުމަކާ ގުޅިގެން، ދިއްލީ ފުލުހުން ވަނީ އުމުރުން 59 އަހަރުގެ މި އެކްޓިވިސްޓް މުޒާހަރާކުރާ ސަރަހައްދުން ބަދަލުކޮށްފައި
1 ގަޑިއިރު ކުރިން

އިންޑިއާގެ އެކްޓިވިސްޓް ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް 21 ދުވަސް ވީ ތަނާ، ހާލު ދެރަވުމުގެ ސަބަބުން ސަރުކާރުގެ ހޮސްޕިޓަލެއްގައި މިއަދު އެޑްމިޓްކޮށްފި އެވެ.

އޭނާ ހަޅުތާލުކުރަމުން ދަނީ މުޅި ގައުމުގައި އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލަ އެވެ.

ދިއްލީ ހައި ކޯޓުން އޭނާގެ ސިއްހީ ހާލަތު ބަލައި ބޭނުންވެއްޖެ ނަމަ ފަރުވާދިނުމަށް އެންގި އެންގުމަކާ ގުޅިގެން، ދިއްލީ ފުލުހުން ވަނީ އުމުރުން 59 އަހަރުގެ މި އެކްޓިވިސްޓް މުޒާހަރާކުރާ ސަރަހައްދުން ބަދަލުކޮށްފަ އެވެ. ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ސަޗިން ޝަރްމާ ވިދާޅުވީ، ވަންގްޗުކް ބަދަލުކުރެވުނީ ވަރަށް ބޮޑަށް ބޭނުންވެފައިވާ ސިއްހީ ފަރުވާ ދިނުމަށް ކަމަށާ އަދި މިހާރު އޭނާ އޮތީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ވަންގްޗުކް ވަކި މުއްދަތެއް ނެތް ގޮތަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށީ މިދިޔަ މަހުގެ 28ގަ އެވެ. އެއީ ތައުލީމީ ދާއިރާގެ އިސްލާހުތަކަށާއި މިލިއަނަކަށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރި އިމްތިހާނު ކަރުދާސް ލީކުވުމުގެ މައްސަލާގައި މިނިސްޓަރު ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލާ ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)އަށް ތާއީދުކުރުމުގެ ގޮތުންނެވެ.

"އެ މީހުން ސޯނަމް ސާ ދަމާފައި ގެންދިޔައީ. އޭނާ ގެންދިޔައީ ކޮންތާކަށް ކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ،" އޭނާ ވެސް އަމިއްލައަށް ވަކި މުއްދަތެއް ނެތް ގޮތަށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައި، ފުލުހުންގެ އަމަލަށް ފާޑުކިޔަމުން ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ ވިދާޅުވި އެވެ.

މީގެ އިތުރުން، މުޒާހަރާގެ ބައިވެރިން ވަނީ އެ މީހުންގެ ޑިމާންޑްތަކަށް ބާރުއެޅުމުގެ ގޮތުން އަންނަ ހޯމަ ދުވަހު ގާނޫނު ހަދާ މަޖިލީހާ ދިމާލަށް ހިނގާލުމެއް ބޭއްވުމަށް ވައުދުވެފަ އެވެ.

ހާލު ދެރަވުމުގެ ކުރިން ވަންގްޗުކް ބުނެފައިވަނީ، އޭނާ މަރުނުވާހާ ހިނދަކު އެ ހަޅުތާލު ހަ ހަފުތާއަށް ކުރިއަށްދާނެ ކަމަށެވެ.

"ޑިމޮކްރަސީއެއްގައި ނަމަ، ސަރުކާރަކުން ރައްޔިތުންގެ ވޭންތައް އަޑުއަހާނެ އަދި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް އަހަރެން އުންމީދުކުރަން،" އޭނާ ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް