ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ. (ފޮޓޯ/އޭއެފްޕީ)

ބަންގްލަދޭޝް

ބަންގްލަދޭޝްއިން ހަސީނާއާ ގުޅުންހުރި 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި

ބީއެފްއައިޔޫގެ ވެރިޔާ އިހްތިޔާރު މުހައްމަދު މައުމޫން ވިދާޅުވީ، ހަސީނާ އާއި އޭނާގެ ބައިވެރިންނާ ގުޅުންހުރި 98 މައްސަލައެއް ކަމާބެހޭ ފަރާތްތަކުން މިހާރު ބަލަމުންދާ ކަމަށް
1 ގަޑިއިރު ކުރިން

ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތުހުމަތުތަކާ ގުޅިގެން ކުރިއަށްދާ ތަހުގީގުތަކުގެ ތެރެއިން، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާއި އޭނާގެ އާއިލާ އާއި އަދި ވިޔަފާރި ކުރާ 10 ގްރޫޕަކާ ގުޅުންހުރި 760 ބިލިއަން ޓާކާ (6.2 ބިލިއަން ޑޮލަރު)ގެ މުދާ އެ ގައުމުގެ ސަރުކާރުން ހިފަހައްޓައިފި އެވެ.

ބަންގްލަދޭޝް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (ބީއެފްއައިޔޫ)ން އިއްޔެ ބުނި ގޮތުގައި، ބަންގްލަދޭޝްގެ އެތެރެއިން 570 ބިލިއަން ޓާކާގެ މުދާ އަދި ގައުމުން ބޭރުން 190 ބިލިއަން ޓާކާގެ މުދާ ވަނީ ހިފަހައްޓާފަ އެވެ. ބީއެފްއައިޔޫގެ ވެރިޔާ އިހްތިޔާރު މުހައްމަދު މައުމޫން ވިދާޅުވީ، ހަސީނާ އާއި އޭނާގެ ބައިވެރިންނާ ގުޅުންހުރި 98 މައްސަލައެއް ކަމާބެހޭ ފަރާތްތަކުން މިހާރު ބަލަމުންދާ ކަމަށެވެ.

"ގައުމުން ބޭރަށް ލޯންޑާކޮށްފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން އަދިވެސް އެބަކުރަން. މި އަހަރު ނިމުމުގެ ކުރިން މީގެ ހެޔޮ ނަތީޖާއެއް ހިއްސާކުރެވޭނެ ކަމަށް އުންމީދުކުރަން،" މައުމޫން ވިދާޅުވި އެވެ.

މިދިޔަ 2024 ވަނަ އަހަރު ދަރިވަރުން އިސްނަގައިގެން ހިންގި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެން މަގާމުން ދުރުކުރުމުން ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން، އޭނާގެ ގައިރު ހާޒިރުގައި ކޮރަޕްޝަންގެ ބައެއް މައްސަލަތައް ސާބިތުވެފައިވެ އެވެ. މީގެ އިތުރުން، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް ހިންގި ކަމުގެ ކުށުގައި އޭނާ މަރަން ވެސް ވަނީ ހުކުމްކޮށްފަ އެވެ.

ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން ބަންގްލަދޭޝްއަށް އަނބުރާ ވަޑައިގަތުމަށް ގަސްތުކުރައްވާ ކަމަށް ހަސީނާ ވިދާޅުވެފައިވެ އެވެ.

ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ވިދާޅުވީ، އޭނާ އަނބުރާ ގައުމަށް ގެނެސް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ.

"އެ ހުކުމް ތަންފީޒުކުރެވޭނެ. އިސްތިއުނާފް ކުރުމުގެ އެއްވެސް ފުރުސަތެއް އޮތްތޯ ނުވަތަ ނެތްތޯ ކަނޑައަޅާނީ ކޯޓުން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް