އިންޑިއާގެ ކޫޑަންކުލާމް ނިއުކްލިއާ ޕަވަ ޕްލާންޓް. (ފޮޓޯ/ރޮއިޓާސް)
އިންޑިއާގެ އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓާ ގުޅުންހުރި ފައިލްތަކެއް ލީކުވެއްޖެ
ރެންސަމްވެއާ ހެކަރުންގެ ގްރޫޕަކުން އިންޑިއާގެ ކޫޑަންކުލާމް ނިއުކްލިއާ ޕަވަ ޕްލާންޓާ ގުޅުންހުރި ކަމަށް ބުނާ އެތައް ހާސް ފައިލްތަކެއް ޑާކް ވެބްގައި އާންމުކޮށްފި އެވެ.
މިއާ އެކު، އެ މަޝްރޫއުގެ ކޮންޓްރެކްޓަރެއް ކަމަށްވާ ރިލަޔަންސް ގްރޫޕުގެ ހުއްދަނެތި މައުލޫމާތު ހޯދުމުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ބުނާ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ރިލަޔަންސް އިން ވަނީ، ތިންވަނަ ފަރާތެއްގެ ކުންފުންޏެއް ކަމަށްވާ ޔޮއްޓާ އިން ހޯސްޓްކޮށްފައިވާ ސާވަރެއްގައި ރައްކާކޮށްފައި ހުރި އެ ކުންފުނީގެ ޑޭޓާތަކެއް "ކޮންމެވެސް މިންވަރަކަށް" ލީކުވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި މިކަން އިންޑިއާ ސަރުކާރަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް، ލީކުވީ ކޮން ކަހަލަ މައުލޫމާތުތަކެއް ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ނިއުކްލިއާ ޕްލާންޓުގެ ކުރު ނަމުން ނަންދީފައިވާ ގާތްގަނޑަކަށް 19,000 ފައިލް މިދިޔަ 11 ޖޫން އިން ފެށިގެން އޮންލައިންކޮށް ލިބެން ހުއްޓެވެ. މީގެ ތެރޭގައި ޕްލާންޓުގެ ބްލޫޕްރިންޓްތަކާއި މުދާ ފޯރުކޮށްދޭ ފަރާތްތަކުގެ ތަފްސީލާއި އިންސްޕެކްޝަން ރެކޯޑުތަކުގެ އިތުރުން އިންޝުއަރެންސް ލިޔެކިޔުންތައް ހިމެނެ އެވެ. ނަމަވެސް، އެ ފައިލްތަކުގެ ސައްހަކަން މިނިވަންކަމާ އެކު ކަށަވަރު ނުކުރެވޭ ކަމަށް ރޮއިޓާސް އިން ބުންޏެވެ.
މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނި ގޮތުގައި، ނިއުކްލިއާ ޕަވަ ކޯޕަރޭޝަން އޮފް އިންޑިއާ އިން ދަނީ ރިލަޔަންސްއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި އިންޑިއާގެ ކޮމްޕިއުޓަރު އެމަޖެންސީ ރެސްޕޮންސް ޓީމުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
ނިއުކްލިއާ ތުރެޓް އިނިޝިއޭޓިވްގެ ނިކޮލަސް ރޮތު އިންޒާރު ދެއްވި ގޮތުގައި، މި ލީކުގެ ސަބަބުން ސީރިއަސް ސަލާމަތީ ނުރައްކަލެއް ކުރިމަތިވެދާނެ އެވެ. ސަބަބަކީ ލީކުވި މައުލޫމާތުގެ އެހީގައި ދުޝްމަނުންނަށް، އެ މަޝްރޫއަށް ވަދެވޭނީ ކޮން ބަޔަކަށްކަން އެނގުމުގެ އިތުރުން، އެ ހުއްދައިގެ ދަށުން ވަދެވެނީ ކޮން ސިސްޓަމްތަކަކަށްކަން ދެނެގަތުމަށް ފަސޭހަވެގެންދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޮއްޓާ ކުންފުނިން ބުނީ، 29 މޭގައި ރިލަޔަންސް އިންފްރާސްޓްރަކްޗާގެ ސާވަރުން ޝައްކުކުރެވޭ ހަރަކާތްތަކެއް ފާހަގަކުރެވިގެން، ރެންސަމްވެއާ ހަމަލާއެއް ދޭން އުޅުނު ކަމަށް ބެލެވޭ ބައެއް ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ހެކަރުން ކުރަމުންދާ ދައުވާތަކުގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޫޑަންކުލާމް ޕްލާންޓަށް މީގެ ކުރިން 2019 ވަނަ އަހަރު ވެސް ސައިބަ ހަމަލާއެއްގެ އަސަރުކޮށްފައިވެ އެވެ. އެފަހަރު އެތަނުގެ އިދާރީ ނެޓްވޯކުން ވައިރަސް ފެނުނު ނަމަވެސް، ރިއެކްޓަރުގެ ސިސްޓަމްތަކަށް އެއްވެސް އަސަރެއް ނުކުރާ ކަމަށް އޮޕަރޭޓަރުން ބުނެފައިވެ އެވެ.
ކޮމެންޓް