ޔަމަނުގެ ރަށެއް. (ފޮޓޯ/ރޮއިޓާސް)

ހޮރްމޫޒަށް ފަހު، އީރާނުގެ ހުރަސްތަކުގެ އަމާޒު ރަތްކަނޑަށް

ހޫތީންގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު އަލް ފަރާހު ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ޔަމަނަށްދޭ ހަމަލާތައް ކުރިއަށްގެންދާ ނަމަ، ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމަށް ޔަމަނުގެ ހަތިޔާރު އެޅި ލަޝްކަރުތައް އޮތީ ތައްޔާރަށް ކަމަށް
1 ގަޑިއިރު ކުރިން

ހޮރްމޫޒް ކަނޑުއޮޅީގެ ބޭރުން، ޔަމަނުގައި ތިބި އެ މީހުންގެ ބައިވެރިން ކަމަށްވާ ހޫތީން މެދުވެރިކޮށް ބާބުލް މަންދަބު ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް ނުރައްކާކޮށް، ހަމަނުޖެހުންތައް އިތުރަށް ފުޅާކުރެވިދާނެ ކަމުގެ އިޝާރާތެއް އީރާނުން ދެމުންދާ ކަމަށް މެދުއިރުމަތީގެ ތަޖުރިބާކާރުން ބުނެފި އެވެ.

މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމާއި ވިޔަފާރިއަށް ކަންބޮޑުވުންތަކެއް އުފެދިގެންދާނެ ކަމެކެވެ.

މި އިންޒާރު އައިސްފައިވަނީ، އީރާނަށް އެމެރިކާއިންދޭ ހަމަލާތައް ވަރުގަދަވެ، ހޫތީންގެ ހަމަލާތައް ވެސް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ. ހޫތީންގެ އިސް އޮފިޝަލެއް ކަމަށްވާ މުހައްމަދު އަލް ފަރާހު ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ޔަމަނަށްދޭ ހަމަލާތައް ކުރިއަށްގެންދާ ނަމަ، ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރުމަށް ޔަމަނުގެ ހަތިޔާރު އެޅި ލަޝްކަރުތައް އޮތީ ތައްޔާރަށް ކަމަށެވެ.

"މިހާރު އޮތް ހާލަތު އިތުރަށް ގޯސްވެއްޖެ ނަމަ، އޮޕަރޭޝަނަލް އިއްތިހާދެއްގެ ދަށުން ބާބުލް މަންދަބު ކަނޑުއޮޅި އާއި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރެވޭނެ. އެއާ އެކު، ތެލުގެ އަގު ފީފާއަކަށް 200 ޑޮލަރަށް ވުރެ މައްޗަށް އުފުލިގެންދާނެ،" އަލް ފަރާހު ވިދާޅުވި އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރުވާލުމަށް ފަހު، އިތުރު ބާރެއް ހޯދުމުގެ ގޮތުން އީރާނަށް ރަތްކަނޑުގެ މި ނާޒުކު ސަރަހައްދު ބޭނުންކުރެވިދާނެ އެވެ.

"ހަމައެކަނި ހޮރްމޫޒް އެއް ނޫން، ބާބުލް މަންދަބު ވެސް އޮތީ ނުރައްކަލެއްގެ ތެރޭގައި" މެދުއިރުމަތީގެ ތަޖުރިބާކާރެއް ކަމަށްވާ ފަވާޒް ޖަރްޖިސް ވިދާޅުވި އެވެ.

މީގެ ސަބަބުން މި ހަމަނުޖެހުން ދުނިޔޭގެ ހަކަތައިގެ ވިޔަފާރިއަށް އޮތް ފުޅާ ނުރައްކަލަކަށް ބަދަލުވެގެން ހިނގައިދާނެ އެވެ.

ހޫތީން މީގެ ކުރިން ވެސް ވަނީ ރަތްކަނޑުން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދީފަ އެވެ. އެކަމުގެ ސަބަބުން އުޅަނދުތަކަށް މަޖުބޫރުވީ އެފްރިކާގެ ދެކުނުން ދަތުރުގެ މަގު ބަދަލުކުރުމަށެވެ. މިއާ އެކު، އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ ރައްދުތަކެއް ވެސް ދިނެވެ. ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި ބާބުލް މަންދަބު ބަންދުކުރަން އުޅޭ ކޮންމެ މަސައްކަތެއްގެ ސަބަބުން ބައިނަލްއަގުވާމީ އަސްކަރީ ބޮޑު އިއްތިހާދެއް އުފެދިގެން ހިނގައިދާނެ އެވެ.

އެމެރިކާގެ މެދުއިރުމަތީގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ޑެނިސް ރޮސް ވިދާޅުވީ، ވޮޝިންޓަނުގެ އެންމެ ބޮޑު އިސްކަމެއް އަދިވެސް އޮތީ މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ތެހެރާނަށް ބާރުއެޅުން ކަމަށެވެ. ނަމަވެސް، ސިޔާސީ ގޮތުން ކުރާ މަސައްކަތްތައް ނާކާމިޔާބުވެއްޖެ ނަމަ، މި ހަމަނުޖެހުން އިތުރަށް ފުޅާވެގެންދިއުމުގެ ބިރު އެބައޮތް ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް