ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމާ ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ފޮޓޯ/ރޮއިޓާސް)

އީރާނު ހަނގުރާމައާ ހެދި، 1.15 ޓްރިލިއަންެގެ ދިފާއީ ބިލް އެމެރިކާގެ ސެނެޓުން ހުއްޓުވައިފި

މިއީ އާންމުކޮށް ދެ ޕާޓީގެ ވެސް ބޮޑު ތާއީދަކާ އެކު ފާސްވާ މިފަދަ ގާނޫނަކަށް ކުރިމަތިވި މަދުން ނޫނީ ނުފެންނަ ނާކާމިޔާބީއެއް
1 ގަޑިއިރު ކުރިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކޮންގްރެސްގެ ހުއްދައެއް ނެތި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅުއްވާފައިވާ ކަމަށް ބުނެ، އެމެރިކާގެ ސެނެޓުގެ ޑިމޮކްރެޓުން 1.15 ޓްރިލިއަން ޑޮލަރުގެ އަހަރީ ދިފާއީ ސިޔާސަތުގެ ބިލް އިއްޔެ ހުއްޓުވައިފި އެވެ.

ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް (އެންޑީއޭއޭ) ކުރިއަށް ގެންދިއުމަށް ނެގި އިޖުރާއީ ވޯޓު ނާކާމިޔާބުވީ 50-46 ވޯޓުންނެވެ. ބިލް ފާސްކޮށް ކުރިއަށް ގެންދިއުމަށް މަދުވެގެން 60 ވޯޓު ބޭނުންވެ އެވެ.

މި ވޯޓަކީ ބޮޑަށް ޕާޓީތަކުގެ ފިކުރާ އެއްގޮތަށް ބެހިގެންދިޔަ ވޯޓެކެވެ. މިއީ އާންމުކޮށް ދެ ޕާޓީގެ ވެސް ބޮޑު ތާއީދަކާ އެކު ފާސްވާ މިފަދަ ގާނޫނަކަށް ކުރިމަތިވި މަދުން ނޫނީ ނުފެންނަ ނާކާމިޔާބީއެކެވެ.

"ޓްރަމްޕް މި ހަނގުރާމަ ފެއްޓެވީ އެއްވެސް ހުއްދައެއް ނެތި، ސްޓްރެޓެޖީއެއް ނެތި އަދި މީގެއިން ނިކުންނާނެ ސާފު ގޮތެއް ވެސް އެނގިވަޑައިނުގެން،" ބިލާ ދެކޮޅު ހެއްދެވި ސަބަބު ހާމަކުރައްވަމުން ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ޗަކް ޝޫމާ ވިދާޅުވި އެވެ.

ޑިމޮކްރެޓުން ބުނި ގޮތުގައި، ރެކޯޑު އަދަދެއްގެ މި ދިފާއީ ބަޖެޓު ފާސްކުރުމަކީ، ފެބްރުއަރީ މަހު ފެށުނު އީރާނާ ދެކޮޅު އެމެރިކާ-އިޒްރޭލު އަސްކަރީ ހަރަކާތްތަކަށް ތާއީދުކުރުން ފަދަ ކަމެކެވެ. މީގެ އިތުރުން، އެމެރިކާގެ އެތެރޭގެ އިޖުތިމާއީ ޕްރޮގްރާމްތަކުގެ ފަންޑު ކުޑަކޮށް، ޖުމްލަ އަސްކަރީ ހަރަދުތައް 1.5 ޓްރިލިއަން ޑޮލަރަށް އިތުރުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ވެސް އެ ބޭފުޅުން ފާޑުވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ އަސްކަރިއްޔާ މިއަދަށް ތައްޔާރުވެފައި އޮތުމަށާއި މާދަމާއަށް ރޭވުމަށް އެހީތެރިވެދޭނެ ބިލެއް،" ސެނެޓުގެ ރިޕަބްލިކަން ލީޑަރު ޖޯން ތޫން މި ގާނޫނު ދިފާއުކުރައްވަމުން ވިދާޅުވި އެވެ.

ޑިމޮކްރެޓުން ގައުމީ ސަލާމަތަށް ވުރެ ބޮޑަށް ސިޔާސީ މަންފާ ކުރިއަށް ނެރެފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މި ވޯޓު ނާކާމިޔާބުވި ނަމަވެސް، ގާނޫނު ހެދުމުގެ މަރުހަލާގެ ތެރެއިން މި ބިލް އަލުން އަނބުރާ އަންނާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ އާންމުކޮށް ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އަދި ސެނެޓުން ވަކިން ފާސްކުރާ ބިލްތަކުގެ ކަންކަން އެއްގޮތްކުރުމަށް ފަހު، ރައީސްގެ ތަސްދީގަށް ފޮނުވޭތީ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް