ފުޖައިރާ ބަނދަރު. (ފޮޓޯ/ރޮއިޓާސް)

ތެޔޮ

ހޮރްމޫޒް ކަނޑުއޮޅީގެ ބަދަލުގައި ޔޫއޭއީގެ އިރުމަތީ ބިތުގައި އާ ބަނދަރެއް ހަދަނީ

ފުރަތަމަ މަރުހަލާގައި އެތައް މިލިއަން ޑޮލަރެއް ހަރަދުވާނެ ކަމަށް ބެލެވޭ އަދި 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރާ މި މަޝްރޫއަކީ، ވިޔަފާރީގެ މަގުތައް ރައްކާތެރިކުރުމަށް ޔޫއޭއީން އަޅަމުން އަންނަ ފިޔަވަޅުތައް ދައްކުވައިދޭ ކަމެއް
1 ގަޑިއިރު ކުރިން

ޔޫއޭއީގެ އިރުމަތީ ބިތުގައި އާ ބަނދަރަކާއި ކޮންޓޭނަރު ޓާމިނަލެއް ބިނާކުރުމަށް ޑީޕީ ވޯލްޑުން ރާވަމުން އަންނަ ކަމަށް ފައިނޭންޝަލް ޓައިމްސް އިން އިއްޔެ ރިޕޯޓުކޮށްފި އެވެ.

މިއީ ދުބާއީގެ މައި ބަނދަރު ކަމަށްވާ ޖަބަލް އަލީއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ހޮރްމޫޒް ކަނޑުއޮޅި ބޭނުންނުކޮށް ދަތުރުކުރެވޭނެ ގޮތް ހެދުމަށް އަޅާ ފިޔަވަޅެކެވެ.

މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ފައިނޭންޝަލް ޓައިމްސްއަށް ބުނި ގޮތުގައި، ދުބާއީގައި ހުންނަ މި ބަނދަރު އޮޕަރޭޓްކުރާ ކުންފުންފުނިން ދަނީ އާ ބަނދަރެއް ހެދުމަށާއި މިހާރު ހުރި ފުޖައިރާ ބަނދަރު ފުޅާކުރުމަށް މަޝްވަރާ ކުރަމުންނެވެ. މީގެ ސަބަބުން، އޮމާން ކަނޑުގެ ސަރަހައްދު މެދުވެރިކޮށް ޔޫއޭއީއަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި އެއަށް ފަހު އެއްގަމު މަގުން ދުބާއީ، އަބޫދާބީ އަދި ގަލްފުގެ އަވަށްޓެރި ގައުމުތަކަށް މުދާ އުފުލޭނެ އެވެ.

މި މަޝްރޫއު ރާވާފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ އެންމެ ބޮޑު ކޮންޓޭނަރު ބަނދަރު ކަމަށްވާ ޖަބަލް އަލީގެ މަސައްކަތްތައް %90 އާއި %95އާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނާ ދަނޑިވަޅެއްގަ އެވެ. ފެބްރުއަރީ މަހު ހަނގުރާމަ ފެށި ފަހުން، އީރާނުން ވަނީ ޔޫއޭއީއަށް އަމާޒުކޮށް ގާތްގަނޑަކަށް 3,000 ޑްރޯން އަދި މިސައިލް ހަމަލާ ފޮނުވާލާފަ އެވެ. މިއީ އެ ގައުމުގެ ވިޔަފާރީގެ މައި ހަބުގެ ނާޒުކުކަން ހާމަކޮށްދޭ ކަމެކެވެ.

ޑީޕީ ވޯލްޑުން މި މަޝްރޫއުގެ ތަފްސީލުތައް ކަށަވަރުކޮށްދޭން އިންކާރުކޮށްފައިވީ ނަމަވެސް، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ވިޔަފާރީގެ މަގުތައް ފުޅާކުރުމުގެ ރޭވުންތަކެއް ގެންގުޅޭ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ، މި ފިޔަވަޅަކީ ކަންކަން ގޯސްވެއްޖެ ހާލަތެއްގައި ރައްކާތެރިވުމުގެ ގޮތުން އަޅާ ދިފާއީ ފިޔަވަޅެއް ކަމަށެވެ. ހަމަ އެއާ އެކު، ޖަބަލް އަލީ ބަނދަރު އަބަދުވެސް އޮންނާނީ ޖަބަލް އަލީގެ ގޮތުގައި ކަމަށާއި އެ ބަނދަރުގެ މަސައްކަތްތައް ދުވަހަކު ވެސް ކުޑައެއް ނުކުރާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ފުރަތަމަ މަރުހަލާގައި އެތައް މިލިއަން ޑޮލަރެއް ހަރަދުވާނެ ކަމަށް ބެލެވޭ އަދި 18 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރާ މި މަޝްރޫއަކީ، ވިޔަފާރީގެ މަގުތައް ރައްކާތެރިކުރުމަށް ޔޫއޭއީން އަޅަމުން އަންނަ ފިޔަވަޅުތައް ދައްކުވައިދޭ ކަމެކެވެ. 

ހަމަނުޖެހުންތައް ފެށުމުގެ ކުރިން، ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 135 އުޅަނދު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރެ އެވެ. ނަމަވެސް، އަސްކަރީ ނުތަނަވަސްކަމާ ހުރެ މިހާރު ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ވަރަށް ބޮޑަށް މަދެވެ.

ރޭޓިން އެޖެންސީ، މޫޑީސް އިން އަންދާޒާކުރާ ގޮތުގައި، މި ހަމަނުޖެހުންތަކުގެ ސަބަބުން 2025 ވަނަ އަހަރު ޑީޕީ ވޯލްޑަށް ލިބުނު 6.6 ބިލިއަން ޑޮލަރުގެ އާމްދަނީ، މި އަހަރު ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރަށް ދަށަށް ދާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް