އުމުރުން 59 އަހަރުގެ ވަންގްޗުކް ދިއްލީގެ ޖަންތަރު މަންތަރުގައި.
އިންޑިއާގެ އެކްޓިވިސްޓް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި؛ 8.2 ކިލޯ ލުއިވެ، ސިއްހީ ކަންބޮޑުވުންތައް
އިންޑިއާގެ ތައުލީމީ ދާއިރާގެ ބޭފުޅެއް އަދި ތިމާވެށީގެ ހަރަކާތްތެރިއެއް ކަމަށްވާ ސޯނަމް ވަންގްޗުކް، އޭނާގެ ސިއްހީ ހާލަތު ގޯސްވަމުންދިޔަ ނަމަވެސް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދިއުމަށް އަޒުމް ކަނޑައަޅައިފި އެވެ.
އޭނާ ބުނީ އިންޑިއާގެ ތައުލީމީ ނިޒާމުގެ ޒިންމާދާރުކަން ކަށަވަރުކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަންދެން އިހުތިޖާޖު ހުއްޓާނުލާނެ ކަމަށެވެ.
އުމުރުން 59 އަހަރުގެ ވަންގްޗުކް ދިއްލީގެ ޖަންތަރު މަންތަރުގައި ހަޅުތާލުކުރަމުންދާތާ މިއަދަށް މިއީ 16 ވަނަ ދުވަހެވެ. އޭނާ ތާއީދުކުރަމުންދަނީ ކޮކްރޯޗު ޖަންތާ ޕާޓީ (ސީޖޭޕީ)ން އިސްވެ ހިންގާ އިހުތިޖާޖުތަކަށެވެ. އެ ޕާޓީން ދަނީ ގައުމީ މެޑިކަލް އެންޓްރަންސް އިމްތިހާނުގެ ޕޭޕަރު ލީކުވި މައްސަލައާ ގުޅިގެން އިމްތިހާނު ބާތިލުކުރަން ޖެހުމުން، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވަމުންނެވެ.
"އަޅުގަނޑުގެ ބޭރުފުށުން ބަލިކަށިވި ނަމަވެސް، އެތެރެހަށި ވަރުގަދަ،" ވަންގްޗުކް ބީބީސީއަށް ބުންޏެވެ.
"އަޅުގަނޑު ފެށި މި މަސައްކަތް ހަމަޖެހޭ ހަމައަކުން ނިންމާލަންދެން ކުރިއަށްގެންދާނަން."
އެންމެ ފަހުގެ މެޑިކަލް ރިޕޯޓުތަކުން ދައްކާ ގޮތުން، ވަންގްޗުކްގެ ބަރުދަނުން 8.2 ކިލޯ ލުއިވެފައިވާއިރު، އޭނާގެ ލޭގެ ޕްރެޝަރާއި ހަކުރުގެ މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. މިއީ ޑޮކްޓަރުންނާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.
ސީޖޭޕީގެ ބާނީ އަބީޖީތު ދިޕްކޭ ވިދާޅުވީ، ވަންގްޗުކް ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީ ހަޅުތާލު ހުއްޓާލުމަށް ލަފާދީފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
"ތައުލީމީ ނިޒާމުގައި ސަރުކާރުން ޒިންމާދާރުކަން ކަނޑަނާޅަނީސް އޭނާ މިކަން ހުއްޓައެއް ނުލާނެ،" ދިޕްކޭ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޕްރަދާން ވަނީ އިސްތިއުފާ ދެއްވުމަށް ގޮވާލާ ގޮވާލުންތަކަށް އިންކާރު ކުރައްވާފަ އެވެ. އިހުތިޖާޖުގެ ބައިވެރިންނަކީ އިންޑިއާގެ ކުރިއެރުމަށް އިތުބާރު ނުކުރާ އަދި ހަލަބޮލިކަން އުފައްދާ ފަރާތްތަކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.
އިހުތިޖާޖު ކުރިއަށްދާ ސަރަހައްދަށް އޭނާއަށް ތާއީދުކުރާ މީހުންނާއި އެކްޓިވިސްޓުންގެ އިތުރުން އިދިކޮޅު ސިޔާސީ ބޭފުޅުން ދަނީ އެއްވަމުންނެވެ. އަދި ސަރުކާރުން މަޝްވަރާކުރުމަށް އިންކާރުކުރާ ކަމަށް ތުހުމަތުކޮށް، އިހުތިޖާޖު އިންތިޒާމުކުރާ ފަރާތްތަކުން ވަނީ މި މަހުގެ 20ގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާ ދިމާލަށް ހިނގާލުމެއް ބޭއްވުމަށް ނިންމާފަ އެވެ.
ކޮމެންޓް