އީރާނުން ދިން ހަމަލާއެއްގައި ބޯޓެއްގައި އެއްޗެއް ގޮވަނީ.

ހޮރްމޫޒް ކަނޑުއޮޅީގެ ހަމަލާއެއްގައި ފަޅުވެރިއަކު މަރުވުމުން، އިންޑިއާއިން އީރާނުގެ ސަފީރު ހާޒިރުކޮށްފި

މި ފިޔަވަޅު އަޅާފައިވަނީ ސައިޕްރަސްގެ ދިދަ ޖަހާފައިވާ 'ޖީއެފްއެސް ގެލެކްސީ' މުދާ އުފުލާ ބޯޓަށް އާދީއްތަ ދުވަހު އީރާނުން ދިން ކަމަށް ބުނާ ހަމަލާއަކަށް ފަހު، އިންޑިއާގެ އެހެން ފަޅުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް
1 ގަޑިއިރު ކުރިން

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ ތެޔޮ ޓޭންކަރަކަށް އީރާނުން އިއްޔެ ކްރޫޒް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ބުނާ ހާދިސާގައި، އިންޑިއާގެ ފަޅުވެރިއަކު މަރުވެ އިތުރު އަށް މީހަކު ޒަޚަމްވުމާ ގުޅިގެން، އިންޑިއާ އިން އީރާނުގެ ނައިބު ސަފީރު މިއަދު ހާޒިރުކޮށްފި އެވެ.

ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި 'މޮމްބާސާ' އަދި 'އަލް ބާހިޔާ' ނަމަކަށް ކިޔާ ދެ ޓޭންކަރަށް ހަމަލާދީފައިވަނީ އޮމާންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށެވެ. މި ހަމަލާގެ ސަބަބުން ބޮޑެތި ރޯވުންތަކާއި ގެއްލުންތައް ލިބިފައިވެ އެވެ.

މަރުވި އިންޑިއާގެ ފަޅުވެރިޔާގެ އިތުރުން، ޒަހަމްވި މީހުންގެ ތެރޭގައި އިންޑިއާގެ ހަ ރައްޔިތުންނާއި ޔޫކްރެއިންގެ ދެ ރައްޔިތުން ހިމެނެ އެވެ.

ޔޫއޭއީން ވަނީ މި ހާދިސާ ކުށްވެރިކޮށް، މިއީ އެއްވެސް ޖެހިލުމެއްނެތި ދިން ހަމަލާއެއް ކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، ސީރިއަސް އަމަލެއް ކަމަށް ބުނެފަ އެވެ. އަދި ރައްދު ދިނުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވަނީ އިންޑިއާގެ ފަޅުވެރިޔާ މަރުވި މައްސަލާގައި އީރާނުގެ ނައިބު ސަފީރު ހާޒިރުކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

މި ފިޔަވަޅު އަޅާފައިވަނީ ސައިޕްރަސްގެ ދިދަ ޖަހާފައިވާ 'ޖީއެފްއެސް ގެލެކްސީ' މުދާ އުފުލާ ބޯޓަށް އާދީއްތަ ދުވަހު އީރާނުން ދިން ކަމަށް ބުނާ ހަމަލާއަކަށް ފަހު، އިންޑިއާގެ އެހެން ފަޅުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އިންޑިއާއިން ވަނީ މި ހަމަލާތަކަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ން ބުނީ އެ ޖަމާއަތުން އަމާޒުކުރީ، ތަކުރާރުކޮށް ދިން އިންޒާރުތަކަށް ބޯނުލަނބައި، މައިން އަޅާފައިވާ ކަމަށް ބުނާ މަގަކުން ދަތުރުކުރަން އުޅުނު، ގަވާއިދާ ހިލާފުވި ދެ ޓޭންކަރަކަށް ކަމަށެވެ. އަދި އުޅަނދުތައް ގައިރު ގާނޫނީ މަގަކުން ދަތުރުކުރުމަށް އެމެރިކާއިން ހިތްވަރުދޭ ކަމަށް ވެސް އީރާނުން ވަނީ ތުހުމަތުކޮށްފަ އެވެ.

މި ހަމަލާތަކަކީ ދުނިޔޭގައި ވިޔަފާރިކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ، ހަކަތައިގެ މުހިންމު ކޮރިޑޯއެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި ދާދި ފަހުން ހިނގި އެންމެ ފަހުގެ ހާދިސާތަކެވެ.

އިންޑިއާ ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި 300,000އަށް ވުރެ ގިނަ އިންޑިއާގެ ފަޅުވެރިން މަސައްކަތް ކުރެ އެވެ. އަދި މި ފަހުން ހިނގި ހަމަލާތަކުގައި މަދުވެގެން ހަތް ފަޅުވެރިއަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް