ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ. (ފޮޓޯ/ރޮއިޓާސް)
ހަސީނާ އެނބުރި ބަންގްލަދޭޝްއަށް ވަޑައިގެންފި ނަމަ ކުރިމަތިލައްވަން ޖެހޭނީ ޖަލު ހުކުމާ: ސަރުކާރު
އަމިއްލައަށް އިންޑިއާއަށް އަރުވާލެވިގެން ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފި ނަމަ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުން ދުރުކުރި ޝެއިހް ހަސީނާ ޖަލަށްލާނެ ކަމަށް ބަންގްލަދޭޝްގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ އިސް އޮފިޝަލަކު އެހެން ވިދާޅުވީ އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވަން ގަސްދުކުރައްވާ ކަމަށް ހަސީނާ ރޮއިޓާސްއަށް އިންޓަވިއުއެއް ދެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރު އޭނާގެ ދިގު ވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ހިންގި ވަރުގަދަ ބަގާވާތަކާ ގުޅިގެން ހަސީނާއަށް ބަންގްލަދޭޝްގައި ވަނީ މަރުގެ ހުކުމެއް އިއްވައިފަ އެވެ. އަދި އޭނާގެ ސިޔާސީ ޕާޓީ ވެސް ވަނީ މަނާކޮށްފަ އެވެ.
އދ. އިން ބުނާ ގޮތުގައި، އެ ހަމަނުޖެހުންތަކުގައި 1,400 މީހުން މަރުވި އެވެ.
އެ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އޭނާ ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގަ އެވެ.
"ޝެއިހް ހަސީނާއަކީ ކުށް ސާބިތުވެފައިވާ ކުށްވެރިއެއް. އޭނާ އަމިއްލައަށް ކޯޓާ ހަވާލުވެއްޖެ ނަމަ، ބަންގްލަދޭޝްގެ ގާނޫނުތަކާ އެއްގޮތަށް އޭނާއާ މެދު ފިޔަވަޅު އެޅޭނެ،" ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓަރު ފޮ ފޮރިން އެފެއާޒް ޝަމާ އޮބައިދު އިސްލާމް ނޫސްވެރިންނަށް ވިދާޅުވި އެވެ.
"އޭނާ ޖެހޭނީ ޖަލަށް ދާން. އަދި ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށް ހުރި މަރުހަލާތައް ކުރިއަށްދާނެ."
ދަރިވަރުން އިސްވެ ހިންގި މުޒާހަރާތައް ލޭއޮހުރުންތަކަށް ބަދަލުވެ، އެ އަމުރުކުރި މައްސަލައިގައި، އެ ގައުމުގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ ހަސީނާގެ ގައިރު ހާޒިރުގައި އޭނާ މަރަން ހުކުމް ކޮށްފަ އެވެ.
ނަމަވެސް ހަސީނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
ދެ އަހަރުގެ ސިޔާސީ ހަލަބޮލިކަމަށް ފަހު ބަންގްލަދޭޝްގައި، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވެރިކަން ކުރަނީ ބޮޑުވަޒީރު ތޯރިގް ރަހްމާންގެ ސަރުކާރުންނެވެ.
ކޮމެންޓް