ސޮމާލިއާގެ މޮގަދިޝޫގައި ފެންބޮޑުވެފައި. (ފޮޓޯ/ރޮއިޓާސް)
ރެކޯޑު އެލް ނީނިއޯއާ ހެދި އެފްރިކާ އާއި އޭޝިއާގައި ފެންބޮޑުވުމުގެ ބިރު ބޮޑުވެއްޖެ
ހަލުވިކަމާ އެކު ބާރުގަދަވަމުންދާ އެލް ނީނިއޯގެ ސަބަބުން، ދުނިޔޭގެ އެންމެ ނާޒުކު ބައެއް ގައުމުތަކަށް ނުރައްކާތެރި މިންވަރަކަށް ފެންބޮޑުވުމާއި ހަނަފާސްކަމާއި ބަލިމަޑުކަމުގެ އިތުރުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރުސީ)ން އިއްޔެ ދީފި އެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެ ޖަމާއަތުން ބުނި ގޮތުގައި، މި ނުރައްކާ އެންމެ ބޮޑަށް އޮތް ގައުމުތަކުގެ ތެރޭގައި ކެންޔާ، ޔުގެންޑާ، ސޮމާލިއާ، ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްގާނިސްތާން ހިމެނެ އެވެ. މީގެ ތެރެއިން ގިނަ ގައުމުތަކަކީ މިހާރު ވެސް އިންސާނީ ކާރިސާތަކާ ކުރިމަތިލަމުންދާ ގައުމުތަކެކެވެ.
އެމެރިކާގެ ކްލައިމެޓް ޕްރިޑިކްޝަން ސެންޓަރުން ލަފާކުރާ ގޮތުގައި، މިހާރު އުފެދިފައިވާ އެލް ނީނިއޯއަކީ 1950ގެ ފަހުން އައި އެންމެ ބާރުގަދަ އެލް ނީނިއޯއަށް ވުމުގެ %81 ފުރުސަތު އެބައޮތެވެ. އަދި މީގެ ބާރު އެންމެ ގަދަވާނީ އަންނަ އޮކްޓޫބަރާއި ޑިސެމްބަރާ ދެމެދު އެވެ.
"އެއްފަހަރާ އެތައް ކުއްލި ނުރައްކަލެއް ކުރިމަތިވަމުންދާ ތަން އަޅުގަނޑުމެންނަށް އެބަފެނޭ. އަދި މިފަދަ އިތުރު ލޮޅުމަކަށް ކެތްކުރުމުގެ ގާބިލުކަން އެންމެ ކުޑަ ގައުމުތަކަކީ މިކަމުގެ ނުރައްކާ އެންމެ ބޮޑަށް އޮތް ގައުމުތައް،" އައިއާރުސީގެ ކުއްލި ނުރައްކާތަކާާ ބެހޭ އިސް އޮފިޝަލް ބޮބް ކިޗަން ވިދާޅުވި އެވެ.
ދުނިޔޭގެ މޫސުމާާ ބެހޭ ޖަމާއަތް (ޑަބްލިޔުއެމްއޯ)އިން ވެސް ވަނީ އެލް ނީނިއޯގެ ހާލަތްތައް ހަލުވިކަމާ އެކު ބާރުގަދަވަމުންދާނެ ކަމަށް ބެލެވޭ ކަމުގެ އިންޒާރު ދީފަ އެވެ.
ސޮމާލިއާގެ މޮގަދިޝޫއަށް މިހާރު ވެސް ތަކުރާރުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެފައިވާއިރު، ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުރި ރޮހިންގްޔާ ރެފިއުޖީ ކޭމްޕުތަކަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތަކުގައި މި މަހުގެ ކުރީކޮޅުން ފެށިގެން މަދުވެގެން 15 ރެފިއުޖީން މަރުވެ، 10،000އަށް ވުރެ ގިނަ މީހުން ވަނީ ގެދޮރުން މަހުރޫމްވެފަ އެވެ.
ވޯލްޑް ބޭންކުން އިންޒާރު ދީފައިވާ ގޮތުގައި، އެލް ނީނިއޯގެ ބާރު އިތުރަށް ގަދަވެއްޖެ ނަމަ، ދެކުނު އޭޝިޔާ އާއި އިރުމަތީ އެފްރިކާގެ އެންމެ ބޮޑަށް އަސަރުކުރާ ސަރަހައްދުތަކުން ހަނޑޫ ހެއްދޭ މިންވަރު %20 އާއި %50އާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސް، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ ބިރު ބޮޑުވާނެ އެވެ. މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާ ގުޅިގެން ގަސްކާނާގެ އަގުތައް އުފުލެމުންދިއުމަކީ ވެސް ކާބޯތަކެތީގެ އަގުތަކަށް އިތުރު ބުރައެއް ކުރިމަތިވާނެ ކަމެއް ކަމަށް ބެލެވެ އެވެ.
އައިއާރުސީ އާއި އެހީ ފޯރުކޮށްދޭ އެހެނިހެން ޖަމާއަތްތަކުން ވަނީ، އިންސާނީ ބޮޑެތި ކާރިސާތައް ހިނގަންދެން މަޑުނުކޮށް، މިކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް މިހާރުން މިހާރަށް ފައިސާ ފޯރުކޮށްދިނުމަށް އެހީދޭ ފަރާތްތަކަށް ގޮވާލާފަ އެވެ.
ކޮމެންޓް