އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރު ސްޓާމާ. (ފޮޓޯ/ގެޓީ އިމޭޖަސް)

އިނގިރޭސިވިލާތް

އީރާނުގެ އައިއާރުޖީސީއަކީ ޓެރަރިސްޓް ނުރައްކަލެއް ކަމަށް އިނގިރޭސިވިލާތުން ކަނޑައަޅަނީ

އައިއާރުޖީސީގެ އިތުރުން، އިނގިރޭސިވިލާތުގެ ޔަހޫދީ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ޒިންމާ އުފުލާފައިވާ، އީރާނުގެ އެހީތެރިކަން ލިބޭ އައިއެމްސީއާރު އާއި ރަޝިޔާގެ ޖީއާރުޔޫ ވޮލަންޓިއާ ކޯޕްސް ވެސް މަނާކުރާނެ
2 ގަޑިއިރު ކުރިން

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)އަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އަޅައިފި އެވެ.

މިއީ އަލަށް އެކުލަވާލާ ގާނޫނެއްގެ ދަށުން އެ ޖަމާއަތަށް ތާއީދުކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ކުރާ މަސައްކަތެކެވެ.

އިއްޔެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި މި ގަވާއިދުތަކަކީ، ޖާސޫސްކުރުމާއި ގެއްލުންދިނުމާއި ބޭރުގެ ނުފޫޒު ފޯރުވުމާ އަދި ޖިސްމާނީ ހަމަލާތައް ހިމެނޭހެން، ބޭރު ގައުމުތަކުގެ އެހީގައި ހިންގާ ހަރަކާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ލިބިދޭ އާ ބާރުތަކުގެ ބައެކެވެ. މި ފިޔަވަޅު އަޅާފައިވަނީ މި އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގައި ޔަހޫދީންނާ ދެކޮޅަށް ދެވުނު ސިލްސިލާ ހަމަލާތަކަކަށް ފަހު އެވެ.

މި ގަވާއިދު ފާސްވެއްޖެ ނަމަ، އައިއާރުޖީސީއަށް ދައުވަތު ދިނުމާއި އެ ޖަމާއަތަށް ތާއީދު ހާމަކުރުމާއި އިނގިރޭސިވިލާތާ ގުޅުންހުރި އެ ޖަމާއަތުގެ ހަރަކާތްތަކަށް އެހީތެރިވުން ނުވަތަ އެ ޖަމާއަތުގެ ފަރާތުން މާއްދީ އެހީތެރިކަމެއް ހޯދުމަކީ ގާނޫނާ ހިލާފު ކަމަކަށް ވާނެ އެވެ. މިގޮތަށް ކަނޑައެޅޭ ޖަމާއަތްތަކުގެ ފަރާތުން ގެއްލުންދިނުން ފަދަ އަމަލުތައް ހިންގާ މީހުންނަށް އުމުރަށް ޖަލަށްލުމާ ހަމައަށް އަދަބު ލިބިދާނެ އެވެ.

"މި އާ ބާރުތަކުގެ ސަބަބުން އިނގިރޭސިވިލާތުގައި އެ މީހުންގެ ނުބައި މަސައްކަތްތައް ހިންގާ ކޮންމެ މީހަކަށް ދައުވާކޮށް، ޖަލަށްލުން ފަސޭހަވެގެންދާނެ،" ބޮޑުވަޒީރު ކިއަރު ސްޓާމާ ވިދާޅުވި އެވެ.

"އީރާނާއި ރަޝިއާއިން ދަނީ އަހަރެމެންގެ ގައުމުގައި އެ މީހުންގެ ނުބައި މަސައްކަތްތައް ކުރުމަށްޓަކައި އެ މީހުންގެ ބާރުގެ ދަށުން ހަރަކާތްތެރިވާ ގްރޫޕުތައް ބޭނުންކުރަމުން. އަޅުގަނޑު މިވަނީ އަވަސް ފިޔަވަޅެއްގެ ގޮތުން ތިން ޖަމާއަތެއް މަނާކޮށްފައި. އެހެންކަމުން އެ ޖަމާއަތްތަކަށް މަސައްކަތްކޮށްދޭ މީހުން ހޯދައި ހައްޔަރުކުރެވޭނެ،" ހޯމް ސެކްރެޓަރީ ޝަބާނާ މަހްމޫދު އިތުރަށް ވިދާޅުވި އެވެ.

އައިއާރުޖީސީގެ އިތުރުން، އިނގިރޭސިވިލާތުގެ ޔަހޫދީ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ޒިންމާ އުފުލާފައިވާ، އީރާނުގެ އެހީތެރިކަން ލިބޭ އިސްލާމިކް މޫވްމަންޓް އޮފް ކޮމްޕޭނިއަންސް އޮފް ދަ ރައިޓް (އައިއެމްސީއާރު) އާއި ރަޝިޔާގެ ޖީއާރުޔޫ ވޮލަންޓިއާ ކޯޕްސް ވެސް ދައުލަތަށް ހުރި ނުރައްކާތައް ހުއްޓުވުމުގެ އާ އުސޫލުގެ ދަށުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

މި ގާނޫނު މަޖިލީހުން ފާސްވެއްޖެ ނަމަ، މި ހަފުތާގެ ފަހުކޮޅު އަމަލުކުރަން ފަށާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް