ޔަމަނުގެ ސަންއާ އެއާޕޯޓަށް ދިން ހަމަލާ. (ފޮޓޯ/ރޮއިޓާސް)
ހޫތީން 4 އަހަރަށް ފަހު އަނެއްކާވެސް ސައޫދީއަށް މިސައިލް ހަމަލާތަކެއްދީފި
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ޖަމާއަތުން ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް އިއްޔެ ދީފި އެވެ.
މިއީ ހޫތީންގެ ބާރުގެ ދަށުގައި އޮތް އެއާޕޯޓަކަށް ދިން ވައިގެ ހަމަލާތަކަށް ސައޫދީން އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކޮށް، ހަތަރު އަހަރު ވަންދެން ދެމިއޮތް ސުލްހައިގެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ފަހު ދިން ހަމަލާތަކެކެވެ.
ސައޫދީން ބުނި ގޮތުގައި، އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލްތައް ވަނީ ދިފާއީ ނިޒާމުތަކުން ހުއްޓުވާފަ އެވެ. ސައޫދީ އިސްވެ އޮންނަ ކޯލިޝަނުގެ ތަރުޖަމާނު ވިދާޅުވީ، އެ މިސައިލްތައް ފޮނުވާލާފައިވަނީ "ޓެރަރިސްޓް ހޫތީ"ން ކަމަށެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވީ، ސައޫދީގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދިނީ، ސަންއާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން "ބޮޑު އުދުވާނަށް" ރައްދުދިނުމުގެ ގޮތުން ކަމަށެވެ. ހޫތީން ވަނީ ހަމަލާތައް މަދުކޮށްގެން ތިބި ތިބުން ނިމުމަކަށް އައިސްފިކަން އިއުލާންކޮށް، ސަންއާ އެއާޕޯޓަށް ކުރަމުންދާ "ހިސޯރު" އުވާލަންދެން ސައޫދީގެ ވައިގެ ސަރަހައްދު ބޭނުންނުކުރުމަށް އެއާލައިންތަކަށް އިންޒާރު ދީފަ އެވެ.
ސައޫދީގެ އެހީތެރިކަމާ އެކު ހިންގާ، ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުން ބުނީ، ސަންއާ އެއާޕޯޓުގެ ރަންވޭއަށް ހަމަލާދިނީ، ޔަމަނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަނެ، އެތަނަށް ޖައްސަން އުޅުނު އީރާނުގެ މަތިންދާބޯޓެއް ހުއްޓުވުމަށްޓަކައި ކަމަށެވެ. އަދި ޔަމަނުގެ ވައިގެ ސަރަހައްދަށް ވަންނަ ކޮންމެ ދުޝްމަން އުޅަނދަކަށް ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ރައްދުދޭނެ ކަމަށް ބުނެ، މި ހާދިސާގެ ޒިންމާ ޔަމަނުގެ ސަރުކާރުން ވަނީ އީރާނުގެ ބޮލުގައި އަޅުވާފަ އެވެ. ހަބަރުތައް ބުނާ ގޮތުން އެ ބޯޓު ފަހުން ޖައްސާފައިވަނީ ހޫތީންގެ ކޮންޓްރޯލް އޮންނަ ހުދައިދާ އެއާޕޯޓަށެވެ.
މި ހަމަލާތަކަކީ މާޗު 2022ގައި ނުރަސްމީ ސުލްހައިގެ އެއްބަސްވުމަކަށް އައި ފަހުން، ސައުދީއަށް އަމާޒުކޮށް ހޫތީން ދިން ފުރަތަމަ ހަމަލާ އެވެ. މިއާ އެކު ސައޫދީގެ ދެކުނު ބޯޑަރުގައި އަލުން ހަނގުރާމަ ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފަ އެވެ. ތަޖުރިބާކާރުން އިންޒާރު ދޭ ގޮތުގައި، މި ހަމަނުޖެހުން އިތުރަށް ފުޅާވެއްޖެ ނަމަ، މީގެ ކުރިން ވެސް ހޫތީން ހަމަލާދީފައިވާ ރަތްކަނޑުގެ ކަނޑުދަތުރުފަތުރުގެ މަގުތަކަށް ނުރައްކާވެގެންދާނެ އެވެ.
މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެފައި މިވަނީ، ގައިދީން ބަދަލުކުރުމުގެ އެއްބަސްވުން ނާކާމިޔާބުވުމާއި ޔަމަނުގައި ގިނަ ދުވަސްތަކެއް ވަންދެން ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ނުތަނަވަސްކަން އަލުން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓް