އެމެރިކާ އިން އީރާނަށް ރޭ ފަތިހު ހަމަލާއެއް ދެނީ.
އެމެރިކާގެ ވައިގެ ހަމަލާތަކަށް ފަހު އީރާނުން ޔޫއޭއީގެ ތެޔޮ ޓޭންކަރުތަކަށާއި ބަހްރެއިނަށް ހަމަލާދީފި
އީރާނާ ދެކޮޅަށް އެމެރިކާއިން އަލުން ދަތުރުފަތުރަށް ހުރަސްއެޅުމުގެ ބްލޮކޭޑެއް ގާއިމުކުރާނެ ކަމަށާއި ހޮރްމޫޒް ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން އެމެރިކާއިން ބަލަހައްޓާތީ އެ އުޅަނދުތަކުން ފީއެއް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިއުލާން ކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ރޭ ފަތިހު އެމެރިކާއިން އީރާނަށް އަމާޒުކޮށް ވައިގެ ހަމަލާތަކުގެ އާ ބުރެއް ފަށައިފި އެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށާއި މިސައިލް އަދި ޑްރޯން ތައްޔާރުކުރާ ސަރަހައްދުތަކުގެ އިތުރުން ކަނޑުގެ އަސްކަރީ ގާބިލުކަން ހުރި ތަންތަނަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ކުށެއްނެތް އާންމުންނަށާއި ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުމަށް އީރާނަށް ލިބިފައިވާ ގާބިލުކަން ހީނަރުކޮށްލުމަށްޓަކާ އެމެރިކާގެ ހަމަލާތައް އަމާޒުކުރީ އަބޫ މޫސާ، ބަންދަރު އައްބާސް، ބުޝެހެރް، ޗަބަހާރް، ޖާސްކް އަދި ކޮނަރަކްގެ ވަށައިގެންވާ ސަރަހައްދުތަކަށެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ދަނީ ވަރަށް ވަރުގަދަ ހަމަލާތަކެއް ދެމުން ކަމަށެވެ.
"އަހަރެމެން މިދަނީ އެ މީހުންގެ ހަމަލާދިނުމުގެ ހުރިހާ ގާބިލުކަމެއް ނައްތާލަމުން އަދި ކަނޑުއޮޅީގެ ކޮންޓްރޯލް އަހަރެމެން މިދަނީ ހޯދަމުން. އަހަރެމެން އަލުން ބްލޮކޭޑް މި ގާއިމުކުރަނީ،" އޭނާ ވިދާޅުވި އެވެ.
"އަހަރެމެން މި ހިމާޔަތްކޮށްދެނީ ދުނިޔޭގެ ވަރަށް މުއްސަނދި ސަރަހައްދެއް. އެ ހިމާޔަތުގެ ބަދަލު އަހަރެމެންނަށް ލިބެންޖެހޭނެ،" އުޅަނދުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދޭތީ ފީ ނެގުމުގެ ވިސްނުން ގެންގުޅުއްވާކަން ކަށަވަރުކޮށްދެއްވަމުން އޭނާ އިތުރަށް ވިދާޅުވި އެވެ.
އީރާނުން ވަނީ މީގެ ރައްދުގައި ބަހްރެއިނަށާއި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ޔޫއޭއީއާ ގުޅުންހުރި ތެޔޮ އުފުލާ ދެ ޓޭންކަރަކަށް ހަމަލާދީފަ އެވެ. ޔޫއޭއީން ބުނި ގޮތުގައި، ކްރޫޒް މިސައިލްތަކުން ޓޭންކަރުތަކަށް ދިން ހަމަލާގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، އެ ހާދިސާގައި އިންޑިއާގެ ފަޅުވެރިއަކު މަރުވެ، އިންޑިއާގެ އިތުރު ހަ މީހަކާއި ޔޫކްރެއިންގެ ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މި ހަމަލާގެ ޒިންމާ އުފުލަމުން ބުނީ، އެ އުޅަނދުތަކުން ތަކުރާރުކޮށް ދިން އިންޒާރުތަކަށް ބޯނުލަނބައި މައިންް ވަޅުލާފައިވާ ސަރަހައްދަކަށް ވަދެފައިވާ ކަމަށެވެ.
ޔޫއޭއީން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މަސްރަހު ހޫނުވުމަށް ރައްދުދިނުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށާއި އެ ގައުމުގެ ސަރަހައްދާއި ރައްޔިތުންނާ އަދި އެ ގައުމުގައި ދިރިއުޅޭ މީހުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އަލުން ފެށުނު މި ހަމަނުޖެހުންތަކުގެ ސަބަބުން، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށާއި ހަމަލާތައް މަދުކުރުމަށް މިދިޔަ މަހު އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ވަގުތީ އެއްބަސްވުމަށް ވަނީ އިތުރު ހީނަރުކަމެއް އައިސްފަ އެވެ. މި ހަމަނުޖެހުންތަކާާ ގުޅިގެން ބްރެންޓް ކްރޫޑް ތެލުގެ ފީފާއެއްގެ އަގު 84 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށާއި އިންފްލޭޝަނަށް ނުވަތަ ތަކެތީގެ އަގުބޮޑުވުމަށް އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
ކޮމެންޓް