ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)

އީރާނުގެ ބަނދަރުތައް ބަންދުކޮށްފިން، ހޮރްމޫޒް ކަނޑުއޮޅިން %20 ފީ ނަގާނަން: ޓްރަމްޕް

އެމެރިކާއިން މި އިއުލާން މިކުރީ، ހުއްދަ ނެތް އުޅަނދުތަކެއް ދަތުރުކުރުމާ ގުޅިގެން، ހަމަޖެހުމާއި އަމާންކަން އަލުން ގާއިމުވަންދެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުން ބުނެފައި ވަނިކޮށް
7 ގަޑިއިރު ކުރިން

އެމެރިކާއިން އީރާނާ ދެކޮޅަށް އަސްކަރީ ކަނޑުގެ ބްލޮކޭޑެއްއަލުން ހިންގާނެ ކަމަށާއި ސްޓްރެޓީޖިކް ގޮތުން މުހިންމު އެ ކަނޑުގެ މަގު ބަންދުކޮށްފައިވާ ކަމަށް ތެހެރާނުން އިއުލާން ކުރުމާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ މުދަލެއްގެ އަގުން 20އާ އެއްވަރުގެ ބަދަލެއް ހޯދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ވިދާޅުވެއްޖެ އެވެ.

"ހޮރްމޫޒް ކަނޑުއޮޅި އޮތީ ހުޅުވިފައި. އަދި އީރާނާއާ އެކު ނުވަތަ އީރާނާ ނުލާ ވެސް އެ ތަން އޮންނާނީ ހުޅުވިފައި. އަހަރެމެން މިދަނީ އީރާނުގެ ބްލޮކޭޑް އަލުން ހިންގަމުން،" ޓްރަމްޕް ޓްރުތު ސޯޝަލްގައި ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖެއްސުމަށްޓަކައި، ދަތުރުކުރާ ހުރިހާ މުދަލަކުން %20ގެ ރޭޓުން އެމެރިކާއަށް "ބަދަލު ފައިސާ ލިބެންޖެހޭނެ" ކަމަށެވެ.

މީގެ ކުރިން ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އެ ކަނޑުގެ މަގުގެ ކޮންޓްރޯލް ނެގުން އެކަށީގެންވާ ކަމަށެވެ.

"އަހަރެމެން އެ ކަނޑުއޮޅި ހިފަހައްޓާނަން އަދި ބޮޑަށް ބެލެވެނީ އަހަރެމެން އެތަން ބަލަހައްޓާނެ ކަމަށް. އަހަރެމެން ވެގެންދާނީ އެ ކަނޑުއޮޅީގެ ބަލަދުވެރިޔާއަށް އަދި އެކަމުގެ ބަދަލު އަހަރެމެންނަށް ލިބެންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މި އިއުލާން އެމެރިކާއިން މިކުރީ، ހުއްދަ ނެތް އުޅަނދުތަކެއް ދަތުރުކުރުމާ ގުޅިގެން، ހަމަޖެހުމާއި އަމާންކަން އަލުން ގާއިމުވަންދެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުން ބުނެފައި ވަނިކޮށެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނި ގޮތުގައި، އާންމު ދަތުރުފަތުރުތައް އަލުން ފެށޭނީ އެމެރިކާއިން އެ ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމުންނެވެ.

"މިފަދަ ނުފޫޒު ފޯރުވުންތައް ކުރިއަށްދާ ނަމަ، ދުނިޔޭގެ ތެލާއި ގޭހުގެ ސިނާއަތަށް މިއަށް ވުރެ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ" އެ ފަރާތުން ބުންޏެވެ.

މި ފަހުގެ ބަހުގެ ހަމަލާތައް މި އައީ އެމެރިކާ އާއި އީރާނުގެ އަސްކަރިއްޔާއާ ދެމެދު މިސައިލް އަދި ޑްރޯން ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ސަބަބުން، ފުޅާ މަޝްވަރާތައް ކުރިއަށްދާއިރު ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށާއި ހަމަލާތައް މެދުކަނޑާލުމަށް މިދިޔަ މަހު އެކުލަވާލި ވަގުތީ އެއްބަސްވުމަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް