އިރާގުގެ ތެޔޮ ކާރުހާނާއެއް. (ފޮޓޯ/ރޮއިޓާސްް)
ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުތައް އަނެއްކާވެސް މަދުވެ، ތެލުގެ އަގު އުފުލިއްޖެ
އެމެރިކާ އާއި އީރާނާ ދެމެދު އަލުން އަސްކަރީ ހަމަލާތައް ބަދަލުކުރަން ފެށުމާ އެކު، ހޮރްމޫޒް ކަނޑުއޮޅިން ތެލާއި ގޭސް އުފުލުމާ މެދު އޮތް ކަންބޮޑުވުންތައް ބޮޑުވެ، މިއަދު ތެލުގެ އަގު %4އަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.
މިއީ ވޭތުވެދިޔަ ފަސް ހަފުތާގެ ތެރޭގައި އެ ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރި މިންވަރު އެންމެ ދަށަށް ދިޔަ ފަހަރެވެ.
ބްރެންޓް ކްރޫޑްގެ އަގު %4.08 މަތިވެ ފީފާއެއްގެ އަގު 79.11 ޑޮލަރަށް އެރިއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު %4.11 މަތިވެ ފީފާއެއްގެ އަގު 74.36 ޑޮލަރަށް ވަނީ އުފުލިފަ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އަލުން ފެށުނު މި ހަމަނުޖެހުންތަކުގެ ސަބަބުން، ސްޓްރެޓީޖިކް ގޮތުން މުހިންމު އެ ކަނޑުގެ މަގު އަލުން ހުޅުވުމަށާއި ހަމަނުޖެހުންތައް ނިންމުމަށް އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ ވަގުތީ އެއްބަސްވުމުގެ މުސްތަގުބަލާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
ކެޕްލާގެ އުޅަނދުފަހަރު ދަތުރުކުރާ ގޮތް ބަލާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އިއްޔެ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރީ އެންމެ ހަ އުޅަނދެވެ. މިއީ ފަސް ހަފުތާގެ ތެރޭގައި އެންމެ މަދު އަދަދެކެވެ. ގިނަ ތެޔޮ ޓޭންކަރުތަކުން ކަނޑުއޮޅި ހުރަސްކުރިއިރު އެ ޓޭންކަރު އޮތް ތަން ދައްކާ ނިޒާމު ނިއްވާލާފައިވާއިރު، ހަފުތާ ބަންދުގައި ގުދުރަތީ ގޭސް އުފުލާ އެއްވެސް ޓޭންކަރެއް އެ ކަނޑުއޮޅިއަށް ވަންނަނިކޮށް ފެނިފައެއް ނުވެ އެވެ.
އަގުތައް މިގޮތަށް މައްޗަށް ދިޔައީ އިއްޔެ އީރާނުގެ އަމާޒުތަކަށް އެމެރިކާއިން އަނެއްކާވެސް ހަމަލާތައް ދިނުމާ ގުޅިގެންނެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ، އެ ހަމަލާތަކުގެ ރައްދުގައި ކުވެއިތާއި ބަހްރެއިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށެވެ. އޭގެ ފަހުން އެ ގައުމުގެ ކަނޑުގެ ސިފައިން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދެއްގެ ސިސްޓަމްތައް ހުއްޓުވައި އެ އުޅަނދުތައް ހިފަހައްޓާފައިވާ ކަމަށް ވެސް އީރާނުން ބުންޏެވެ.
ނަމަވެސް، ހުއްދަ ނޫން ރޫޓަކުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިނުމަށް ފަހު އެ މަގު ބަންދުކޮށްފައިވާ ކަމަށް އީރާނުން ކުރިން ބުނި ބުނުމަށް އިންކާރު ކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅި އަދިވެސް އޮތީ ވިޔަފާރި އުޅަނދުތަކަށް ހުޅުވާލެވިފައި ކަމަށެވެ.
"ހަފުތާ ބަންދުގައި މަސްރަހު އިތުރަށް ގޯސްވުމާ ގުޅިގެން، މި ފަހުގެ ހަމަނުޖެހުންތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށް ކުރި އުންމީދުތަކާ މެދު މިހާރު ޝައްކު އުފެދިދާނެ،" އޭއެންޒެޑުން ނެރުނު ނޯޓެއްގައިވެ އެވެ.
އައިޖީގެ ޓޯނީ ސިކަމޯ ވިދާޅުވީ، ތެލުގެ އަގަށް އައި މެދު މިންވަރެއްގެ ބަދަލުން އެނގެނީ، މާކެޓްތަކުން އަދިވެސް މި ފަހުގެ ހަމަލާތައް ސިފަކުރަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލުން އެއްކޮށް އުވުމުގެ ބަދަލުގައި، ދޭތެރެދޭތެރެއިން ދެ ފަރާތުން މަސްރަހު ހޫނުކޮށްލުމުގެ ގޮތުގައި ކަމަށެވެ.
ކޮމެންޓް