ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ބާއެއްގައި އަލިފާން ރޯވުމާ ގުޅިގެން އަލިފާން ނިއްވާ މީހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. (ފޮޓޯ/ރޮއިޓާސް)
ބެންކޮކްގެ ބާއެއްގައި ރޯވެ 27 މީހުން މަރުވެ، އެތައް ބަޔަކަށް ސީރިއަސް އަނިޔާތަކެއް
ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ މަގުބޫލު ބާއެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 27 މީހުން މަރުވެ، އިތުރު 63 މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެއްޖެ އެވެ.
މިއީ ފަހުގެ ތާރީހެއްގައި ތައިލެންޑުގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ.
ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރެއްވުމަށް ފަހު ބޮޑުވަޒީރު އަނުތިން ޗާންވީރަކުލް ވިދާޅުވީ، ކަމާބެހޭ ފަރާތްތަކަށް 27 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
"އަނިޔާވި އެހެން މީހުން ދަނީ ހޮސްޕިޓަލަށް ފޮނުވަމުން،" އޭނާ ވިދާޅުވި އެވެ.
މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މެންދަމުން އަލިވުމާ ގާތްވެފައި ވަނިކޮށް، ބެންކޮކްގެ ޗަޓުޗަކް ސަރަހައްދުގައި ހުންނަ 'ރޮން ބީރު ނާ ލެޓް ޕްރާއޯ' ބާގަ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، އަނިޔާވި މީހުންގެ ތެރެއިން 22 މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ.
ހާދިސާއިން ސަލާމަތްވި މީހުން ކިޔައިދިން ގޮތުގައި، އަލިފާން ރޯވުމާ އެކު މުޅި އެތަން ބޯ ދުމުން ފުރިގެންދިޔަ އެވެ. މީގެ ސަބަބުން އެތަނުގައި ތިބި ގިނަ ބަޔަކަށް މަޖުބޫރުވީ ފާހާނާތަކަށް ވަދެ ނުވަތަ އެތަނުގެ ފަހަތު ކޮޅަށް ދިއުމަށެވެ. ބޮޑުވަޒީރު ވިދާޅުވީ އެ ސަރަހައްދުގައި އަލިފާނުން ސަލާމަތްވާން ނުކުންނާނެ ދޮރެއް ނެތް ކަމަށެވެ.
އަލިފާން ނިއްވާ މީހެއް ކަމަށްވާ ޗަކްރިޓް ހޮންގްކޮމް ވިދާޅުވީ، ހުޅުގަނޑަށް ވުރެ ބޮޑަށް އެންމެ ނުރައްކާވީ ދުމުގެ ސަބަބުން ކަމަށެވެ.
"އަލިފާންގަނޑު އެހާ ބޮޑެއް ނޫން. އެކަމަކު ދުން ވަނީ މުޅި އެތަނުގެ %100އަށް ފެތުރިފައި. ކޮންމެ ތަނަކުން ވެސް ފެންނަން ހުރީ ދުން،" އޭނާ ވިދާޅުވި އެވެ.
ސަލާމަތްވި ގިނަ މީހުންނަށް އަނިޔާވީ ދުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ވަގުތު ބާގައި މިއުޒިކް ކުޅެން ހުރި ބޭންޑެއްގެ މެންބަރަކު ބުނި ގޮތުގައި، ބާރުގަދަ ގޮވުމަކާ އެކު އަލިފާން ރޯވުމުގެ ކުރިން، ކުޑަ ވަގުތުކޮޅަކަށް އެތަނުގެ ބޮކިތައް ނިވުނެވެ.
"ގޮވުމަށް ފަހު އެއްވެސް މީހަކު ދުވަން އުޅޭ ތަނެއް އަހަރެންނަކަށް ނުފެނޭ. ގިނަ މީހުން ތިބީ ބިންމަތީގައި އެހީއަށް އެދި ހަޅޭއްލަވަން،" އޭނާ ބުންޏެވެ.
ބެންކޮކްގެ ގަވަރުނަރު ޗާޓް ސިއްތިޕުންތު ވިދާޅުވީ، އެ ބާއަކީ ބޭނުންވާ ހުއްދަތަކާއި އަލިފާނުން ސަލާމަތްވާން ނުކުންނާނެ ދޮރުތައް ހުރި ތަނެއް ނަމަވެސް، އަލިފާންގަނޑު ފެތުރިގެންދިޔައީ ވަރަށް ހަލުވިކަމާ އެކު ކަމަށެވެ.
ފުލުހުން މިހާރު ދަނީ އަލިފާން ރޯވާން ދިމާވި ސަބަބު ހޯދުމަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް