އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޖީ7ގައި ބައްދަލުވުމުގެ ތެރެއިން ސަލާމްކުރައްވަނީ. (ފޮޓޯ/ރޮއިޓާސް)

އިންޑިއާ

އެމެރިކާއާ އެކު ވިޔަފާރީގެ އެއްބަސްވުމެއް އަވަހަށް ހަދަން އިންޑިއާއިން ދެކޮޅު ހަދައިފި

މިދިޔަ މަހު އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓެޓިވް ޖޭމިސަން ގްރީއާ ނިއުދިއްލީއަށް ކުރެއްވި ދަތުރުގައި، އިންޑިއާގެ މައިގަނޑު ޑިމާންޑުތަކަށް ވޮޝިންޓަނުން އެއްބަސްނުވުމުގެ ސަބަބުން މި މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވިފައެއް ނުވޭ
1 ގަޑިއިރު ކުރިން

އެމެރިކާއާ އެކު އަވަސް މަރުހަލާއެއްގެ ވަގުތީ ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް އިންޑިއާއިން ދެކޮޅު ހަދައިފި އެވެ.

އިންޑިއާއިން ބޭރުކުރާ މުދަލުން އެމެރިކާއިން ބޮޑު ޓެރިފެއް ނެގިޔަސް، އޭގެ ބަދަލުގައި އިންޑިއާއަށް ފައިދާހުރި ގޮތްތަކެއް ހޯދުމަށް މަޝްވަރާކުރުމަށް އިސްކަންދީފައިވާ ކަމަށް އޮފިޝަލުންނާއި ތަޖުރިބާކާރުން ވިދާޅުވެ އެވެ.

މިދިޔަ މަހު އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓެޓިވް ޖޭމިސަން ގްރީއާ ނިއުދިއްލީއަށް ކުރެއްވި ދަތުރުގައި، އިންޑިއާގެ މައިގަނޑު ޑިމާންޑުތަކަށް ވޮޝިންޓަނުން އެއްބަސްނުވުމުގެ ސަބަބުން މި މަޝްވަރާތަކުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. އިންޑިއާގެ މައިގަނޑު ޑިމާންޑުތަކުގެ ތެރޭގައި ޗައިނާ ފަދަ ވާދަވެރި ގައުމުތަކަށް ވުރެ ޓެރިފްގެ ގޮތުން ލުއިތަކެއް ލިބުމާއި ކުރިއަށް އޮތް ތަނުގައި އެމެރިކާއިން ނަގާ ޓެރިފްތައް އިތުރު ނުކުރާނެ ކަމުގެ ކަށަވަރުކަން ހޯދުން ހިމެނެ އެވެ.

"އަހަރެމެންގެ ވިސްނުން ވަރަށް ސާފު. އަހަރެމެން ބޭނުމެއް ނޫން އަހަރެމެންނަށް ފައިދާއެއް ނެތް އެއްބަސްވުމަކަށް އަވަސް އަރުވާލައިގެން ދާާކަށް ނުވަތަ ދަނޑުވެރިކަމުގެ ދާއިރާ ފަދަ ހުރަސްނުކުރެވޭނެ އިންތަކުން ދޫދޭކަށް،" މި މަޝްވަރާތަކާ ގާތް ގުޅުމެއް ހުރި އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ ވޮޝިންޓަނުން އަދިވެސް މި މަސައްކަތުގައި ދެމިއޮތް ކަމަށާއި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ، މަޝްވަރާތަކުގެ ތެރޭގައި ބައެއް ފަހަރު އިންޑިއާގެ ފަރާތުން "ލަސް، އިދާރީ ހުރަސްތައް ގިނަ އަދި އުނދަގޫ" ގޮތްތަކެއް ފެނިފައިވާ ކަމަށެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކުޝް ދެސާއީ ވިދާޅުވީ، އެމެރިކާގެ ރައްޔިތުންނާއި އެމެރިކާ އިސްކުރާ ތާރީހީ ވިޔަފާރީގެ އެއްބަސްވުމެއް ނިންމުމަށްޓަކައި، ޓްރަމްޕްގެ ސަރުކާރުން ދަނީ އިންޑިއާގެ އޮފިޝަލުންނާ އެކު އުފެއްދުންތެރި މަސައްކަތްތަކެއް ކުރަމުންނެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އިންޑިއާގެ ވިސްނުމުން ދައްކުވައިދެނީ އެ ގައުމުން ބޭރުކުރާ މުދާ އިތުރުވަމުންދިއުމާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދު (އީޔޫ) ފަދަ ބައިވެރިންނާ އެކު އާ ވިޔަފާރީގެ އެއްބަސްވުންތައް ހެދުމާއި އިގްތިސާދީ ނުރައްކާތައް ކުޑަވުމާ އަދި ދާދި ފަހުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ލިބިވަޑައިގަތް ސިޔާސީ ކާމިޔާބީތަކެވެ.

އޭޝިއާ ސޮސައިޓީ ޕޮލިސީ އިންސްޓިޓިއުޓްގެ ވެންޑީ ކަޓްލާ ވިދާޅުވީ، އިންޑިއާގެ މަޝްވަރާކުރާ ޓީމަށް ބާރު ލިބިފައިވަނީ އެ ގައުމުގެ ވަރުގަދަ އިގްތިސާދާއި އެހެން ބައިވެރިންނާ އެކު ވިޔަފާރި ފުޅާކުރުމަށް ކުރާ މަސައްކަތްތަކާ އަދި ދުނިޔޭގައި އެ ގައުމަށް އޮތް ސްޓްރެޓީޖިކް މަގާމުގެ ސަބަބުންނެވެ.

ވިޔަފާރީގެ ތަޖުރިބާކާރުން ވެސް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާގެ ދަނޑުވެރިންނާއި ކުދި ވިޔަފާރިތަކުގެ މަސްލަހަތަށް ބުރޫއަރާފާނެ ފަދަ އެއްބަސްވުމެއް ގަބޫލުކުރުމުގެ ބަދަލުގައި، ނިއުދިއްލީ އޮތީ މަޑުކޮށްލައިގެން އިންތިޒާރުކުރަން ތައްޔާރަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް