އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ. (ފޮޓޯ/އޭއެފްޕީ)

އިޒްރޭލް

ނަތަންޔާހޫއަށް ގޮންޖެހުން ބޮޑު އިންތިހާބު 27 އޮކްޓޫބަރުގައި ބާއްވަނީ

މި އިންތިހާބުގައި ނަތަންޔާހޫއާ އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާޑީ އެއިސެންކޮޓް
1 ގަޑިއިރު ކުރިން

އިޒްރޭލުގެ އާންމު އިންތިހާބު، ގާނޫނުން ހުއްދަކުރާ އެންމެ ފަހު ތާރީހު ކަމަށްވާ 27 އޮކްޓޫބަރުގައި ބޭއްވުމަށް ނިންމައިފި އެވެ.

މި ވޯޓަކީ ފަލަސްތީނުގެ ގާޒާ ހަނގުރާމައަށް ފަހު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލީޑަޝިޕް ވަޒަންކުރެވޭނެ އިންތިހާބެއް ކަމަށް ބެލެވެ އެވެ.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް، ކްނެސެޓުން އިއްޔެ އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައިވާއިރު، ނަތަންޔާހޫގެ ކޯލިޝަން ވެގެންގޮސްފައިވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ހަތަރު އަހަރުގެ ފުރިހަމަ ދައުރެއް ނިންމި އިޒްރޭލުގެ ފުރަތަމަ ސަރުކާރަށެވެ.

އިޒްރޭލުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ނަތަންޔާހޫ، އިންތިހާބުގައި ވާދަކުރައްވާނެކަން މިދިޔަ ޖޫން މަހު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް، 7 އޮކްޓޫބަރު 2023ގައި ހަމާސްއިން ދިން ހަމަލާއާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތާއި ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަދި ގައުމުގެ އެތެރޭގެ ސިޔާސަތުތަކާ ގުޅިގެން އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މި އިންތިހާބުގައި ނަތަންޔާހޫއާ އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވެނީ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާޑީ އެއިސެންކޮޓް އެވެ. ދާދި ފަހުން އިޒްރޭލުގެ 'ޗެނަލް 13' އިން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އެއިސެންކޮޓްގެ ޔާޝަރު ޕާޓީ އޮތީ ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ވުރެ ކުޑަތަންކޮޅެއް ކުރީގަ އެވެ.

ގާނޫނު ހަދާ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން، ނަތަންޔާހޫގެ ސަރުކާރުން ދަނީ ޝަރުއީ ދާއިރާގެ އިސްލާހުތަކާއި މަޖުބޫރު އަސްކަރީ ހިދުމަތުން ރެކޭ ހަރުކަށި ފިކުރުގެ ޔަހޫދީން ހައްޔަރުކުރުން ފަސްކުރުމުގެ ބިލެއް ހިމެނޭހެން ބައެއް ގާނޫނުތައް ފާސްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޗެތަމް ހައުސްގެ ސިޔާސީ ތަޖުރިބާކާރު ޔޮސީ މެކެލްބާގް މި ވޯޓު ސިފަކުރެއްވީ "1948ގައި އިޒްރޭލު އުފެދުނު ފަހުން ބޭއްވޭ އެންމެ ނަތީޖާ ބޮޑު އަދި އެންމެ ގޮންޖެހުން ބޮޑު އިންތިހާބު"ގެ ގޮތުގަ އެވެ. އޭނާ މިހެން ވިދާޅުވީ ގާޒާ، ހިފާފައިވާ ހުޅަނގު އައްސޭރި، އީރާނު އަދި ލުބުނާނުގައި ހައްލުނުވެ ހުރި ހަމަނުޖެހުންތަކުގެ އިތުރުން، ގައުމުގެ އެތެރެ އާއި ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ރިއާޔަތްކުރައްވަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް