ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)

އެމެރިކާގެ ހަމަލާތަކަށް ފަހު އީރާނުން ގަލްފުގެ ހަމަލާތައް ފުޅާކޮށް، ހޮރްމޫޒް ބަންދުކޮށްފި

އީރާނުން ވަނީ އެ ގައުމުގެ ހަމަލާތައް ގަތަރު، ޔޫއޭއީ، ބަހްރެއިން، އުރުދުން، ކުވެއިތު އަދި އޮމާނަށް ފުޅާކޮށްފައި
1 ގަޑިއިރު ކުރިން

އެމެރިކާ އާއި އީރާނުން އިއްޔެ ވެސް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

ތެހެރާނުން ވަނީ ގަލްފުގެ އެކި ސަރަހައްދުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކޮށްފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. މިއާ އެކު، މިދިޔަ މަހު އެކުލަވާލި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް ވަނީ އިތުރު ލޮޅުމެއް އަރާފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އީރާނުން ހޮރްމޫޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުކުރާ އާންމު ދަތުރުވެރިންނަށާއި ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުމަށް ލިބިފައިވާ ގާބިލުކަން އިތުރަށް ހީނަރުކޮށްލުމަށްޓަކައި އެމެރިކާއިން ވަނީ އީރާނުގެ އަމާޒުތަކަށް އާ ހަމަލާތަކެއް ދީފަ އެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، އެމެރިކާގެ ސިފައިން ވަނީ އީރާނުގެ ކްރޫޒް މިސައިލަކާއި ހަމަލާދޭން ފޮނުވާލި ޑްރޯނެއް ވައްޓާލާފަ އެވެ.

އީރާނުން ވަނީ އެ ގައުމުގެ ހަމަލާތައް ގަތަރު، ޔޫއޭއީ، ބަހްރެއިން، އުރުދުން، ކުވެއިތު އަދި އޮމާނަށް ފުޅާކޮށްފަ އެވެ. އަދި އުޅަނދުތައް ދަތުރުކުރީ ހުއްދަ ނޫން ރޫޓުތަކަކުން ކަމަށް ބުނެ، ސްޓްރެޓީޖިކް ގޮތުން މުހިންމު އެ ކަނޑުގެ މަގު ބަންދުކޮށްފައިވާ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. އަލަށް އުފެއްދި ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީން ބުނި ގޮތުގައި، އެ ކަނޑުއޮޅިން އަލުން ދަތުރުފަތުރު ކުރަން ފެށޭނީ ހަމަޖެހުމާއި އަމާންކަން އަލުން ގާއިމުވުމުންނެވެ.

"އަހަރެމެން އެމީހުން ބަލިކުރަމުން މި ދަނީ،" މި އަސްކަރީ ކެމްޕޭނާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި އެވެ.

"އެއްކޮޅުން ނިންމާ އެއްބަސްވުންތަކުގެ ޒަމާން މިހާރު ނިމިއްޖެ. އަހަރެމެން ބުނާނި، ވީ ވައުދު ފުއްދާށޭ، ނޫން ނަމަ އޭގެ އަގު އަދާކުރަން ޖެހޭނެ،" އަނެއްކޮޅުން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވި އެވެ.

ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން، މިދިޔަ ފެބްރުއަރީ މަހު ފެށުނު ހަމަނުޖެހުންތައް ހުއްޓާލުމަށް އަމާޒުކޮށްގެން ކުރިއަށްދާ މަޝްވަރާތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފަ އެވެ. އީރާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ބެލެހެއްޓުމުގެ އިންތިޒާމުތަކާ ބެހޭ ގޮތުން އޮމާންގައި ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވީ، އެމެރިކާއިން ކުރި ފާޅުކަން ބޮޑު އަދި ސިއްރު ފިއްތުންތަކުގެ ސަބަބުންނެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އެންމެ މުހިންމު ހަކަތައިގެ މަގަށް ވަނީ ބުރޫއަރާފަ އެވެ. ދުނިޔޭގެ ތެލާއި ގުދުރަތީ ގޭސްގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ. މީގެ ސަބަބުން ހަކަތައިގެ އަގުތައް ވަނީ މަތިވެފަ އެވެ. އަދި ދުނިޔޭގެ އިގްތިސާދީ ހަމަޖެހުމާ މެދު އޮތް ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް