ގަތަރުގެ ކުރީގެ އަމީރު އަދި އެ ގައުމުގެ ފަސްމަންޒަރު ބަދަލުކޮށް އެ ގައުމު ސަރަހައްދީ ވަރުގަދަ ބާރަކަށް ހެއްދެވި ލީޑަރު.
ގަތަރުގެ ކުރިމަގު ބަދަލުކޮށްލެެއްވި ޝަހުސިއްޔަތު، ކުރީގެ އަމީރު ހަމަދު ބިން ހަލީފާ އަލްތާނީ އަވަހާރަވެއްޖެ
ގަތަރުގެ ކުރީގެ އަމީރު އަދި އެ ގައުމުގެ ފަސްމަންޒަރު ބަދަލުކޮށް އެ ގައުމު ސަރަހައްދީ ވަރުގަދަ ބާރަކަށް ހެއްދެވި ލީޑަރު ޝެއިހް ހަމަދު ބިން ހަލީފާ އަލްތާނީ، އުމުރުން 74 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުގެ އެންމެ މަތީ އިދާރާ، އަމީރީ ދީވާނުން މިއަދު ބުނެފި އެވެ.
ޝެއިހް ހަމަދު ބިން ހަލީފާ އަލްތާނީ ގަތަރުގެ ވެރިކަން ކުރެއްވީ 1995 އިން 2013އަށް 18 އަހަރު ދުވަހު އެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ ވެރިކަން ދޫކޮށްލައްވައި، ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަލްފްގެ އެ ގައުމުގެ މިހާރުގެ ވެރިޔާ އަދި އެމަނިކުފާނުގެ ދަރިކަލުން ޝެއިހް ތަމީމްއާ ވެރިކަން ހަވާލުކުރައްވައިފަ އެވެ.
"އަމީރީ ދީވާނުން މިއަދު ހެނދުނު ވަނީ ބައްޕަ އަމީރު، ޝެއިހް ހަމަދު ބިން ހަލީފާ އަލްތާނީ އަވަހާރަވިކަން އިއުލާންކޮށްފައި. މާތްﷲ އެމަނިކުފާނުގެ ފުރާނައަށް ރަހުމަތްލައްވައި، އެމަނިކުފާނުގެ ވަތަނަށާއި އުންމަތަށް ކޮށްދެއްވި ހިދުމަތްތަކަށް ހެޔޮ ޖަޒާ ދެއްވާށި،" ދީވާނުން ބުނެފައިވެ އެވެ.
ޝެއިހް ހަމަދު ވަނީ އަލްޖަޒީރާ ޓީވީ ނެޓްވޯކް އުފެއްދެވުމުގެ އިތުރުން، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ފުރުސަތު ގަތަރަށް ހޯއްދަވައިދެއްވައި ދުނިޔޭގެ މަސްރަހުގައި ގަތަރުގެ ނަން ކުރިއަރުއްވައިފަ އެވެ.
ގަތަރަކީ މެދުއިރުމަތީގައި އެމެރިކާގެ ބައިވެރިއެކެވެ. އެ ގައުމަކީ 2.5 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ކުޑަ ގައުމެއް ނަމަވެސް، އެއީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ގުދުރަތީ ގޭސް (އެލްއެންޖީ) އެކްސްޕޯޓްކުރާ ގައުމެވެ. އަދި މިއީ ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތަކުގެ ވަރުގަދަ ބާރެއްގެ އިތުރުން، މެދުއިރުމަތީގެ ސިޔާސީ މަސްރަހުގައްޔާއި ބައިނަލްއަގުވާމީ މީޑިއާގައި ވެސް ނުފޫޒު ގަދަ ބޮޑު ބާރެކެވެ.
ޝެއިހް ހަމަދު ވަނީ ޖޫން 2013ގައި އޭނާގެ ދަރިކަލުން އަދި އޭރުގެ ވަލީއަހުދާ ވެރިކަން ހަވާލުކުރައްވައިފަ އެވެ. މިއީ ގަލްފްގެ އަރަބި ރަސްކަންތަކުގެ ތާރީހުގައި ވެރިޔަކު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލެއްވި މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ. އެމަނިކުފާނު ވެސް ވެރިކަމަށް ވަޑައިގަތީ 1995 ވަނަ އަހަރު، ލޭއޮހޮރުވުމެއް ނެތް ބަގާވާތެއްގައި އޭނާގެ ބައްޕާފުޅު ވެރިކަމުން ދުރުކުރެއްވުމަށް ފަހު އެވެ.
ކޮމެންޓް