ކުލަގަދަ ޕެކްތަކެއްގައި ހުރި ވޭޕްތަކެއް.

އިނގިރޭސިވިލާތް

ކުލަގަދަ ޕެކްގައި ހުންނަ ވޭޕް މަނާކުރަން އިނގިރޭސިވިލާތުން ހުށަހަޅައިފި

މި ޕްލޭންގެ ދަށުން، ވޭޕްގެ ރަހަތަކަށް ނަން ދެވޭނީ 'އެޕަލް' ނުވަތަ 'ކޯލާ' ފަދަ އާދައިގެ ނަންނަމުން
56 މިނިޓު ކުރިން

ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ވޭޕް ބޭނުންކުރުން މަދުކުރުމުގެ މަގުސަދުގައި، ކުލަގަދަ ޕެކްގައި ހުންނަ ވޭޕް އަދި ކުޑަކުދިން ގަޔާވާ ފަދަ ބްރޭންޑިން މަނާކުރުމުގެ ހުށަހެޅުންތަކާ މެދު ހިޔާލު ހޯދުމަށް 12 ހަފުތާގެ ޕްރޮގްރާމެއް އިނގިރޭސި ސަރުކާރުން ފަށައިފި އެވެ.

މި ޕްލޭންގެ ދަށުން، ވޭޕް އުފެއްދުންތަކުގައި ބޭނުންކުރަން ޖެހޭނީ ހަރުކަށި އުސޫލުތަކެއް އެކުލެވޭ ކުލަ މަޑު ޕެކްތަކެކެވެ. އަދި އޭގެ ރަހަތަކަށް ނަން ދެވޭނީ 'އެޕަލް' ނުވަތަ 'ކޯލާ' ފަދަ އާދައިގެ ނަންނަމުންނެވެ. މީގެ އިތުރުން، މިހާރު ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ވިއްކާއިރު އަމަލުކުރާ އުސޫލާ އެއްގޮތަށް، ވޭޕް ވެސް ފިހާރަތަކުގައި އާންމުންނަށް ނުފެންނާނެހެން ބެހެއްޓުން މަޖުބޫރުކުރުމަށް ސަރުކާރުން ދަނީ ވިސްނަމުންނެވެ.

ހެލްތު ސެކްރެޓަރީ ޖޭމްސް މަރޭ ވިދާޅުވީ، މި ފިޔަވަޅުތަކުގެ ބޭނުމަކީ ކުޑަކުދިން ނިކޮޓިން އެކުލެވޭ އުފެއްދުންތަކަށް ޝައުގުވެރިވުން ހުއްޓުވުން ކަމަށެވެ.

"ހެކިތަކުން ސާފުކޮށް އެނގެން އެބައޮތް، ތަފާތު ގިނަ ރަހަތަކާއި ދިއްލޭ ކުލަތަކާއި އިޝްތިހާރުކުރުމުގެ އުކުޅުތަކަށް ހޭލުންތެރިވެ، ވޭޕް ޓެސްޓުކުރާ ޒުވާނުންގެ އަދަދު މާ ގިނަ،" މަރޭ ވިދާޅުވި އެވެ.

"ވޭޕަކީ ސިނގިރޭޓަށް ވުރެ ގެއްލުން ކުޑަ އަދި ބޮޑެތިމީހުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ މުހިންމު އެއްޗެއް. ނަމަވެސް ކުޑަކުދިން އެއަށް ހެއްލޭނެ ފަދަ ގޮތްގޮތަށް އެ ތައްޔާރުކޮށް އިޝްތިހާރުކޮށްގެން ނުވާނެ."

މި މަޝްވަރާތައް ފަށާފައިވަނީ، އިނގިރޭސިވިލާތުގައި ދުމުގެ އަސަރުން ސަލާމަތްވެފައިވާ ފުރަތަމަ ޖީލު ބިނާކުރުމުގެ މަގުސަދުގައި ފާސްކުރި ދުންފަތާއި ވޭޕްގެ ގާނޫނަށް ފަހު އެވެ. މި ގާނޫނުގެ ދަށުން ކުޑަކުދިން އުފުލާ ކާރުތަކުގަ އާއި ކުޅޭ މައިދާންތަކުގަ އަދި ސްކޫލްތަކުން ބޭރުގައި ވޭޕްކުރުން މަނާކުރުމުގެ ބާރު ލިބިދެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވޭޕް ވިއްކާ މެޝިންތަކާއި އޭގެ އިޝްތިހާރުތަކަށް އަމާޒުކޮށް އިތުރު ހުރަސްތަކެއް އެޅޭނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެކްޝަން އޮން ސްމޯކިން އެންޑް ހެލްތުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އިނގިރޭސިވިލާތުގައި އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ ގާތްގަނޑަކަށް އެއް މިލިއަން ކުދިން ވޭޕް ޓެސްޓުކޮށްފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް