އެމެރިކާ އަދި އިޒްރޭލުން އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނައީގެ ޖަނާޒާގެ ތެރެެއިން. (ފޮޓޯ/ރޮއިޓާސް)
ބައްޕަ އަވަހާރަކޮށްލުމުގެ ބަދަލުހިފާނަން: އީރާނުގެ އާ ލީޑަރު
އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނާއީ، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލި ހާދިސާގެ ބަދަލުހިފާނެ ކަމަށް އިއްޔެ ވައުދުވެވަޑައިގެންފި އެވެ.
މިއީ މީގެ ހަފުތާއެއް ކުރިން ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުނު ފަހުން އޭނާ ރަސްމީކޮށް ނެރުއްވި ފުރަތަމަ ބަޔާނެވެ.
ދައުލަތުގެ ޓީވީ މެދުވެރިކޮށް ލިޔުމުން ދެއްވި ބަޔާނެއްގައި މުޖުތަބާ ވިދާޅުވީ، ބަދަލުހިފުމަކީ ގައުމުގެ އެދުން ކަމަށާއި އެކަން ޔަގީނުން ވެސް ކުރާނެ ކަމަށެވެ.
"ޝަހީދުކޮށްލާފައިވާ ލީޑަރާއި މި ހަނގުރާމައިގެ ހުރިހާ ޝަހީދުންގެ ލޭގެ ބަދަލު، ކުށްވެރި އަދި އަގުވެއްޓިފައިވާ ގާތިލުންގެ ކިބައިން ހިފުމަށް އަހަރެމެން އަހުދުވަން،" އެ ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވީ ބަދަލުހިފުމުގެ ކަންކަން ހަމައެކަނި އީރާނަށް ބިނާވެގެން ނުވާ ކަމަށެވެ.
"އަހަރެމެން ތިއްބަސް ނުވަތަ ނެތްކަމުގައި ވިޔަސް މިކަން ފުރިހަމަވާނެ. އަދި ދާދި އަވަހަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކޮންމެ މިނިވަން އިންސާނަކު މި މުގައްދަސް ވާޖިބުގެ ބައެއް ފުރިހަމަކުރާނެ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ 28 ފެބްރުއަރީގައި އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު ހަތަރު މަސްދުވަހުގެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ. ވޮޝިންޓަނާއި ތެހެރާނުން ދާދި ފަހުން އަސްކަރީ ހަމަލާތައް ބަދަލުކުރުމަށް ފަހު ވެސް މަޝްވަރާތައް ކުރިއަށްގެންދަން އެއްބަސްވެފައިވީ ނަމަވެސް، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުސްތަގުބަލާ މެދު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
ބައްޕާފުޅު އަވަހާރަކޮށްލި ހަމަލާގައި އަނިޔާވި ކަމަށް އަޑުފެތުރިފައިވާ މުޖުތަބާ، 8 މާޗުގައި ރޫހާނީ ލީޑަރުގެ މަގާމަށް އައްޔަންކުރި ފަހުން އަދި އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. މީގެ ސަބަބުން އޭނާގެ ސިއްހީ ހާލަތާއި ލީޑަޝިޕާ މެދު ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ.
ކޮމެންޓް