އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. (ފޮޓޯ/ރޮއިޓާސް)
މަރާލަން އުޅެފި ނަމަ، މިސައިލްތައް ހުރީ އީރާނަށް އަމާޒުކޮށްފައި: ޓްރަމްޕް
އީރާނުން އޭނާ އަވަހާރަކޮށްލަން އުޅެފި ނަމަ ނުވަތަ އެފަދަ ކަމަކަށް މަސައްކަތް ކޮށްފި ނަމަ، އެ ގައުމަށް ހަމަލާދިނުމަށް ތައްޔާރަށް ތިބުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަމުރުކުރައްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވެެއްޖެ އެވެ.
ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓްރުތު ސޯޝަލްގައި ވިދާޅުވީ، މަގާމުގައި ހުންނެވި އެމެރިކާގެ ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އީރާނުން ތަކުރާރުކޮށް ދެމުންދާ އިންޒާރުތަކާ އެއްގޮތަށް އެ ގައުމުގެ ސަރުކާރުން އަމަލުކޮށްފި ނަމަ، ބޭނުންކުރުމަށް ތައްޔާރަށް ހުރި "1000 މިސައިލް" އީރާނަށް އަމާޒުކޮށް ލޯޑްކޮށްފައިވާ ކަމަށެވެ.
"އަމުރުތައް މިހާރު ވަނީ ދެވިފައި. އަދި އެމެރިކާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް، އެދިގެން، އަދި ގާބިލުކަން ލިބިގެން... އީރާނުގެ ހުރިހާ ސަރަހައްދެއް އެއްކޮށް ސުންނާފަތިކޮށް ހަލާކުކޮށްލުމަށް،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
އަސްކަރިއްޔާ އެއް އަހަރުދުވަހުގެ މުއްދަތަށް އެލާޓްގައި އޮންނާނެ ކަމަށާއި މި އަމުރުގެ މުއްދަތު އިތުރުކުރުމުގެ އިހްތިޔާރު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އިންޒާރު އައިސްފައި މިވަނީ، ދާދި ފަހުން ހިނގާދިޔަ އަސްކަރީ ކުރިމަތިލުންތަކާއި ގަލްފު ސަރަހައްދުގެ ސަލާމަތީ ކަންތައްތަކާ މެދު އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ނުތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ކޮމެންޓް