މަޝްހޫރު އޮންލައިން ކުންފުނި 'ޝީއިން'ގައި ވިއްކާ ހެދުންތަކެއް. (ފޮޓޯ/ރޮއިޓާސް)
'ލަކޯސްޓް'ގެ އުފެއްދުންތަކާ ވައްތަރު ތަކެތި ނުވިއްކަން ޝީއިންއަށް އަމުރުކޮށްފި
ބްރޭންޑްގެ ހައްގުތަކަށް އަރައިގަތުމުގެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން، ފްރާންސްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ 'ލަކޯސްޓް'ގެ ލޯގޯ ޖަހާފައިވާ އުފެއްދުންތައް ޔޫރަޕްގެ އިއްތިހާދު (އީޔޫ)ގެ ގައުމުތަކުގައި ވިއްކުން ހުއްޓާލުމަށް ފްރާންސްގެ ކޯޓަކުން، ހެދުން ވިއްކާ މަޝްހޫރު އޮންލައިން ކުންފުނި 'ޝީއިން'އަށް އިއްޔެ އަމުރުކޮށްފި އެވެ.
ޕެރިސް ޖުޑީޝަލް ކޯޓުން ނިންމި ގޮތުގައި، ޝީއިންގެ ޕްލެޓްފޯމުގައި ހެދުމާއި ގަހަނާ އަދި ފެޝަން އެކްސެސަރީޒް ވިއްކުމުގައި ލަކޯސްޓްގެ އުފެއްދުންތައް ކޮޕީކޮށްގެން ވިއްކާފައިވާ ކަމުގެ އެކަށީގެންވާ ހެކި އެބަހުއްޓެވެ. އަދި މީގެ ސަބަބުން ކަސްޓަމަރުންނަށް އޮޅުންއެރުމުގެ ބޮޑު ފުރުސަތެއް އެބައޮތެވެ.
ވަގުތީ އަމުރެއްގެ ގޮތުން ކޯޓުން ވަނީ ޝީއިންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަންތަކުގައި މި ނިންމުން އެއް މަސްދުވަހުގެ މުއްދަތަށް ޝާއިއުކުރުމަށް އަމުރުކޮށްފަ އެވެ. މިއީ ކަސްޓަމަރުން ހޭލުންތެރިކުރުވުމަށާއި އިތުރު ގެއްލުންތަކުން ރައްކާތެރިވުމަށްޓަކަ އެވެ. މީގެ އިތުރުން، ބަދަލުގެ ގޮތުގައި ލަކޯސްޓަށް 110,000 ޔޫރޯގެ ވަގުތީ ފައިސާގެ އެހީއެއް ދިނުމަށް ވެސް ކޯޓުން ޝީއިންގެ މައްޗަށް އަމުރުކުރި އެވެ.
ޝަރީއަތް ފެށުމުގެ ކުރިން މި އަމުރު ނެރުއްވީ އިންޓެލެކްޗުއަލް ޕްރޮޕަޓީ ނުވަތަ ފިކުރީ މުދަލުގެ ހައްގުތަކާ ބެހޭ މައްސަލަތަކަށް ހާއްސަ ފަނޑިޔާރެކެވެ. އަދި މި މައްސަލައިގައި ކޯޓުން އެންމެ ފަހުގެ ނިންމުން ނިންމަންދެން މި އަމުރު ދެމިއޮންނާނެ އެވެ.
މި ނިންމުން އައިސްފައި މިވަނީ، ފްރާންސްގައި ޝީއިންއާ މެދު ފިޔަވަޅު އެޅުމުގެ ކަންތައްތައް ހަރުކަށިވަމުންދާ ދަނޑިވަޅެއްގަ އެވެ.
ފްރާންސް ސަރުކާރުން ވަނީ ޝީއިން، ޓީމޫ އަދި އަލީއެކްސްޕްރެސް ފަދަ ފާސްޓް-ފެޝަން ޕްލެޓްފޯމުތަކުން ވިއްކާ ކޮންމެ މުދަލަކަށް 2030 ވަނަ އަހަރާ ހަމައަށްދާއިރު 20 ޔޫރޯއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އުސޫލެއް ހުށަހަޅާފަ އެވެ. އަދި ދާދި ފަހުން ފްރާންސުން ވަނީ ފާސްޓް-ފެޝަންގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަމާޒުކޮށް ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.
ކޮމެންޓް