ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ. (ފޮޓޯ/ރޮއިޓާސް)
ޖަލަށްލިޔަސް އަންނަ ޑިސެމްބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ހަސީނާ
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައިވުމާ އަދި ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތް ނަމަވެސް، އަންނަ ޑިސެމްބަރު މަހު އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގައި އަރުވާލެވިގެން ހުންނަވައި ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ހަސީނާ ވިދާޅުވީ، އޭނާ އެނބުރި ވަޑައިގަންނަވާނީ، މަނާކޮށްފައިވާ އަވާމީ ލީގާ ދެކޮޅަށް ހިންގާ ގާނޫނީ ފިޔަވަޅުތަކަށް ގޮންޖެހުމަށްޓަކައި އެ ޕާޓީގެ އިސް މެންބަރުންނާ ވެސް އެކުގައި ކަމަށެވެ.
"އަހަރެން އެނބުރި ދިއުމުން އެ މީހުން އަހަރެން ހައްޔަރުކޮށްފާނެ، ނޫނީ މަރާ ވެސް ލާފާނެ. އެހެން ވިޔަސް އަހަރެން ދާންޖެހޭނެ. މަރު އަންނަން އޮތިއްޔާ، އަހަރެން ބޭނުމީ އަހަރެންގެ އަމިއްލަ ފަސްގަނޑުގައި މަރުވާން،" އޭނާ ވިދާޅުވި އެވެ.
އޭނާގެ ވެރިކަން ނިމުމަކަށް ގެނައި 2024 ވަނަ އަހަރުގެ ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންނެވި ހަސީނާ ވިދާޅުވީ، އޭނާގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ހާން ކަމާލް ހިމެނޭހެން އަރުވާލެވިގެން ތިއްބެވި ޕާޓީގެ އެހެން ލީޑަރުން ވެސް އެނބުރި ވަޑައިގެން، "ހުރިހާ ބޭފުޅުން ވެސް ކޯޓަށް ހާޒިރުވެ އަމާންދޭނެ" ކަމަށެވެ. އަދި އެ ބޭފުޅުންނާ ދެކޮޅަށް އުފުލާފައިވާ މައްސަލަތަކަކީ ހަގީގަތެއް ނެތް މައްސަލަތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ އޭނާގެ މި އިއުލާނާ ދެކޮޅު ހަދާފަ އެވެ.
ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ހަސީނާއަށް ތުހުމަތު ކުރެއްވި ގޮތުގައި، އޭނާ ލޭއޮހޮރުވުން ބޮޑު މަރުތަކާއި ގަތުލުއާންމު ހިންގެވުމަށް ފަހު ވެސް އެއްވެސް ވަރަކަށް ދެރަވެ ހިތާމަކުރުމެއް ނެތެވެ. އަދި އަވާމީ ލީގަކީ "ސިޔާސީ ގޮތުން ސުންނާފަތިވެ، ނެތިގޮސް، ދިއްލީގައި ވަޅުލެވިފައިވާ" ޕާޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަސީނާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ސަބަބުން މުސްތަގުބަލުގައި ބާއްވާ އިންތިހާބުތަކުގައި ވާދަކުރުން މަނާވެދާނެ ކަމަށް ގަބޫލުކުރައްވާފަ އެވެ. ނަމަވެސް އޭނާގެ ޕާޓީ މަނާކުރުމާ މެދު ސުވާލު އުފައްދަވަމުން އޭނާ ގޮވާލެއްވީ އެ ޕާޓީން ކަމެއް ގޯސްކޮށް ކޮށްފައިވާ ނަމަ، އެކަން ނިންމަން ރައްޔިތުންނަށް ދޫކޮށްލުމަށެވެ.
އޭނާ އެނބުރި ގައުމަށް ވަޑައިގަތުމަށް ރާވާފައިވާ ރޭވުމުގެ ސަބަބުން ބަންގްލަދޭޝްގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ އެވެ. އަދި މިއީ އިންޑިއާއާ އެކު އޮތް ނުތަނަވަސްކަން ކުޑަވެގެންދާނެ ކަމެއް ވެސްމެ އެވެ. ސަބަބަކީ އޭނާ ގައުމުން ފިއްލެވި ފަހުން ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގަ އެވެ. އަދި ބަންގްލަދޭޝްގެ ސަރުކާރުން އޭނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް އެދިފައިވާ އެދުމަށް އިންޑިއާ ސަރުކާރުން އަދިވެސް ދަނީ ވިސްނަމުންނެވެ.
ކޮމެންޓް