ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ރޮއިޓާސް)
ހަމަލާތައް ވަރުގަދަވުމާ އެކު ހޮރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުތައް ވަރަށް ބޮޑަށް މަދުވެއްޖެ
އެމެރިކާ އާއި އީރާނާ ދެމެދު ހަމަލާ ބަދަލުކުރުންތައް އަލުން ފެށުމާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފި އެވެ.
މިއާ އެކު، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށާއި ކަނޑުގެ ސަލާމަތްތެރިކަމަށް ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ކުރިމަތިވެފަ އެވެ.
ލޯއިޑްސް ލިސްޓް އިންޓެލިޖަންސުން މިއަދު ބުނި ގޮތުގައި، މިދިޔަ އަންގާރަ ދުވަހުން ފެށިގެން، އެމެރިކާއިން ކޯޑިނޭޓްކުރާ ކަނޑުގެ ދަތުރުފަތުރުގެ ރޫޓު ބޭނުންކުރާ އެއްވެސް ބޮޑު އުޅަނދެއް އޭގެ ލޮކޭޝަން ދައްކަމުން އެ ކަނޑުއޮޅި ހުރަސްކޮށްފައެއް ނުވެ އެވެ. އަދި ދަތުރުތައް ހޯދާ ބެލޭ ނިޒާމުން ބަލާއިރު ޓްރެފިކް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސްފަ އެވެ.
ކަނޑުގެ ދަތުރުފަތުރާ ބެހޭ އިންޓެލިޖަންސް ޕްލެޓްފޯމެއް ކަމަށްވާ ވިންޑްވާޑުން ރެކޯޑްކޮށްފައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު 45 އުޅަނދެއް ދަތުރުކުރިއިރު، މި ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު އެވްރެޖްކޮށް 130 އުޅަނދު ހުރަސްކުރި ނަމަވެސް، މިދިޔަ ބުދަ ދުވަހު އެ ސަރަހައްދުން ދަތުރުކޮށްފައިވަނީ އެންމެ ފަސް އުޅަނދެވެ.
ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ، ދަތުރުތައް މިގޮތަށް ކުއްލިއަކަށް މަދުވެގެންދިޔައީ ނުރައްކާ ބޮޑުވެފައިވާ މާހައުލެއްގައި އުޅަނދުފަހަރު ދުއްވާ ޝިޕިން ކުންފުނިތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވިސްނުންތެރި ގޮތެއް އިހްތިޔާރުކުރުމުން ކަމަށެވެ.
"ޕާޝިއަން ގަލްފާއި ހޮރްމޫޒް ކަނޑުއޮޅި އަދި އޮމާން ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމުގެ ގާބިލުކަން އީރާނަށް ލިބިގެންވޭ. މީގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދަކަށް ބޮޑު ނުރައްކަލެއް އެބައޮތް،" ޔޮކޮސުކާ ކައުންސިލް އޮން އޭޝިއާ ޕެސިފިކް ސްޓަޑީޒްގެ ޖޯން ބްރެޑްފޯޑް ވިދާޅުވި އެވެ.
މި ކަންތައް މި ކުރިމަތިވީ، އީރާނުގެ މަރުކަޒުތަކަށް އެމެރިކާއިން އަލުން ދިން ހަމަލާތަކާއި އޭގެ ބަދަލުހިފުމުގެ ގޮތުން ގަލްފުގެ އެކި ސަރަހައްދުތަކުގައި ހުރި އެމެރިކާއާ ގުޅުންހުރި އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެންނެވެ.
ނުތަނަވަސްކަން ބޮޑުވެފައިވީ ނަމަވެސް، ތެލުގެ އަގުތައް މިއަދު ވަނީ ނިސްބަތުން އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެގޮތުން، ބްރެންޓް ކްރޫޑް ފީފާއެއް ހުރީ ގާތްގަނޑަކަށް 76.37 ޑޮލަރަށެވެ. ނަމަވެސް، ދުނިޔޭގެ ތެލުގެ ރިޒާވް މަދުވަމުންދާ ވަރަކަށް އަގުތައް އިތުރަށް މަތިވާނެ ކަމަށް އެނަލިސްޓުން ލަފާކުރެ އެވެ.
ޓީޑީ ސެކިއުރިޓީޒްގެ ބާޓް މެލެކް ވިދާޅުވީ، ހާލަތު ފަހުން ހަމައަކަށް އެޅޭނެ ކަމުގެ އިތުބާރު ބާޒާރުތަކަށް އެބައޮތް ކަމަށެވެ. ނަމަވެސް، ސަޕްލައި ތާށިވުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ފިއްތުންތައް ކުރިމަތިވެ، މި ހޫނު މޫސުމުގެ ތެރޭގައި ބްރެންޓް ކްރޫޑްގެ އަގުން 10 އާއި 15 ޑޮލަރާ ދެމެދުގެ އަދަދަކަށް މަތިވެގެން ހިނގައިދާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.
ކޮމެންޓް