އެމެރިކާ އަދި އިޒްރޭލުން އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނައީގެ ޖަނާޒާގެ ތެރެެއިން. (ފޮޓޯ/ރޮއިޓާސް)

ހަފުތާއަކަށް ހިތާމަ ފާޅުކުރުމަށް ފަހު ހާމަނައީ ފަސްދާނުލައިފި

މި ރަސްމިއްޔާތުތަކުން ހާމަނައީގެ ދަރިކަލުން އަދި އެ މަނިކުފާނަށް ފަހު ވެރިކަމަށް ވަޑައިގަތް މުޖްތަބާ ހާމަނައީ ފެނިފައެއް ނުވޭ
2 ގަޑިއިރު ކުރިން

އެމެރިކާ އަދި އިޒްރޭލުން އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނައީ، އިމާމް ރިޒާ ޒިޔާރަތުގައި މިއަދު ފަސްދާނުލައިފި އެވެ.

އެ މަނިކުފާނު ފަސްދާނުލާފައި މިވަނީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. އެ ހަމަލާއަކީ އެމެރިކާ އަދި އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމައިގެ ފެށުމެވެ.

އާއިލާގެ ބޭފުޅުންނާ އެކު ބޭއްވުނު މި ޖަނާޒާ ކުރިއަށްދިޔައީ، އާންމުންގެ އެތައް ބަޔަކު ބައިވެރިވި އެއް ހަފުތާގެ ހިތާމަފާޅުކުރުމުގެ ހަރަކާތްތަކަށް ފަހު އެވެ. އީރާނުގެ އޮފިޝަލުން ބުނާ ގޮތުގައި، ތެހެރާން، ގޮމް، ނަޖަފް، ކަރްބަލާ އަދި މަޝްހަދުގައި ބޭއްވުނު މި ހަރަކާތްތަކުގައި 15 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. ހާމަނައީގެ ސަންދޯތް އެތައް ސިޓީއަކަށް ގެންދިއުމަށް ފަހު، ހެލިކޮޕްޓަރުގައި ޒިޔާރަތަށް ގެންދަންޖެހުނީ، އެއްވެފައި ތިބި މީހުން ގިނަކަމުން ޖަނާޒާގެ އުޅަނދަށް އެ ސަރަހައްދަށް ވާސިލުނުވެވުމުންނެވެ.

މި ރަސްމިއްޔާތުތަކުން ހާމަނައީގެ ދަރިކަލުން އަދި އެ މަނިކުފާނަށް ފަހު ވެރިކަމަށް ވަޑައިގަތް މުޖްތަބާ ހާމަނައީ ފެނިފައެއް ނުވެ އެވެ. މިދިޔަ 28 ފެބްރުއަރީގައި އެ މަނިކުފާނުގެ ބައްޕާފުޅާއި އާއިލާގެ އިތުރު ހަތަރު ބޭފުޅުން އަވަހާރަކޮށްލި ހަމަލާއަށް ފަހު، މުޖްތަބާ އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންފައެއް ނުވެ އެވެ.

މަޝްހަދުގައި ބޭއްވުނު އެންމެ ފަހުގެ ހިނގާލުމުގައި، ހިތާމަވެރިން ވަނީ އީރާނުގެ ދިދަޔާއި ހާމަނައީގެ ތަސްވީރުތައް ހިފައިގެން ތިބެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކިބައިން ބަދަލުހިފުމަށް ގޮވާލާ އަޑުއުފުލާފަ އެވެ. އެގޮތުން، "އަހަރެމެންގެ ރޫހާނީ ލީޑަރުގެ ލެއަށް ހުވާކޮށް ބުނަން، ޓްރަމްޕް، އަހަރެމެން ކަލޭ މަރާލާނަން،" ފަދަ ޝިއާރުތައް ގޮވަމުންދިޔަ އެވެ.

މި ފަސްދާނުލުމުގެ ކަންތައް ހިނގާދިޔައީ ސަރަހައްދީ ނުތަނަވަސްކަން އަލުން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. އީރާނުގެ ދެކުނުގައިވާ ބޫޝެހްރު އަދި އެހެނިހެން ސަރަހައްދުތަކުން ގޮވުންތަކެއްގެ ރިޕޯޓްތައް ލިބިފައިވީ ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އެމެރިކާގެ ސިފައިން ރޭ އެއްވެސް ހަމަލާއެއް ދީފައިނުވާނެ ކަމަށެވެ.

މިދިޔަ މަހުގެ 17ގައި އެއްބަސްވި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް ވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ދެވުނު ހަމަލާތަކާއި އޭގެ ފަހުން އެމެރިކާ އާއި އީރާނުގެ އަސްކަރިއްޔާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާ ގުޅިގެން ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ.

ނަމަވެސް، ފަހަކަށް އައިސް ހަމަލާތައް ވަރުގަދަވި ނަމަވެސް، ވޮޝިންޓަނުން ވެސް އަދި ތެހެރާނުން ވެސް ފުރިހަމަ ހަނގުރާމައަކަށް ދާން ބޭނުންވާކަމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް