އެމެރިކާ އަދި އިޒްރޭލުން އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނައީގެ ޖަނާޒާގެ ތެރެެއިން. (ފޮޓޯ/ރޮއިޓާސް)
އީރާނުން ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް އިތުރު ހަމަލާތަކެއް ދީފި
ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް ބުރޫއަރާ ގޮތަށް، އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން އާ ހަމަލާތަކަކާ ގުޅިގެން، އީރާނުން ރޭ ވެސް ގަލްފުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި އެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ކުވެއިތު، ގަތަރު، ބަހްރެއިން އަދި އުރުދުންގައި ހުރި މަރުކަޒުތަކަށެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އެ ގައުމުން ވަނީ ކުވެއިތުގައި ހުރި އެމެރިކާގެ ޕޭޓްރިއަޓް މިސައިލް ނިޒާމުތަކަށާއި ގަތަރުގައި ހުރި ކުރިއާލާ އިންޒާރުދޭ މަރުކަޒަކަށާއި ބަހްރެއިންގައި ހުރި އެމެރިކާގެ ސިފައިންގެ ތެޔޮ ގުދަނަކަށް ހަމަލާދީފަ އެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ން ފަހުން ބުނި ގޮތުގައި، އެމެރިކާ ސިފައިން ބޭނުންކުރާ އުރުދުންގެ އަޒްރަގް އަސްކަރީ މަރުކަޒަށް ވެސް ބެލިސްޓިކް މިސައިލްތަކެއް ވަނީ ފޮނުވާލާފަ އެވެ.
ކުވެއިތުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުން ވަނީ ކްރޫޒް މިސައިލްތަކާއި ބެލިސްޓިކް މިސައިލްތަކާއި ޑްރޯންތައް ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ. އަދި މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން އެކަކަށް އަނިޔާވެފައިވެ އެވެ.
އުރުދުންއިން ބުނި ގޮތުގައި، އެ ގައުމުން އަށް މިސައިލެއް ވައިގެ ތެރޭގައި ހުއްޓުވާފައިވާއިރު، އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެ އެވެ.
މި ހަމަލާތައް ވަރުގަދަވެގެންދިޔައީ، އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކާ އަދި ފާރަވެރިވުމުގެ ވަސީލަތްތައް ހިމެނޭހެން އީރާނުގެ ގާތްގަނޑަކަށް 90 އަސްކަރީ އަމާޒަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މި ހަމަލާތަކަކީ "އިއްޔެ އީރާނުން ކަނޑުގެ އުޅަނދުތަކަކަށް ބޮން އެޅުމުގެ ބަދަލުހިފުމެއް" ކަމަށެވެ. އަދި "މިފަދަ ކަމެއް ދެން ވެސް ތަކުރާރުވެއްޖެ ނަމަ، މިއަށް ވުރެ މާ ހާލަތު ގޯސްވާނެ" ކަމަށް ވިދާޅުވެ އިންޒާރު ދެއްވި އެވެ.
އީރާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އެމެރިކާގެ ހަމަލާތަކުގައި ފަސް ޕްރޮވިންސަކުން 14 މީހުން މަރުވެ، 78 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޫޝެހްރު ނިއުކްލިއާ ޕަވަ ޕްލާންޓް ކައިރިން ގޮވުންތަކެއްގެ އަޑު އިވިފައިވެ އެވެ. އަދި އެތަނުން ބުނީ އެމެރިކާގެ ހަމަލާއެއް އެ ފެސިލިޓީގެ ވަށާފާރުގެ ސަރަހައްދަށް އަރާފައިވާ ކަމަށެވެ.
މި ހަމަލާތައް މި ދިނީ، ހަފުތާއެއް ވަންދެން ބޭއްވި ޖަނާޒާގެ ރަސްމިއްޔާތުތަކަށް ފަހު، އެމެރިކާ އަދި އިޒްރޭލުން އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނައީގެ ހަށިކޮޅު މަޝްހަދުގައި ފަސްދާނުލީ ވަގުތާ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިންޒާރު ދެމުން ބުނެފައިވަނީ، އެމެރިކާއިން އިތުރަށް މިއަށް ވުރެ ކުރިއަށްދާން އުޅެފި ނަމަ، ބަދަލުގައި "ފުނޑުފުނޑުކޮށްލާ ފަދަ ހަމަލާއެއް" ދޭނެ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވޭނީ އީރާނުގެ އިންތިޒާމުތަކުގެ ދަށުން ކަމަށާއި އެމެރިކާގެ ބިރުދެއްކުންތަކުން ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
މި ހަމަލާ ބަދަލުކުރުންތައް އަލުން ފެށުނު ނަމަވެސް، އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ ވޮޝިންޓަނުން އަދިވެސް އިސްކަންދެނީ ހައްލު ހޯދުމަށް ޑިޕްލޮމެޓިކް މަޝްވަރާތަކަށް ކަމަށާއި ތެހެރާނާ އެކު ކުރެވޭ ޓެކްނިކަލް ވާހަކަތައް ކުރިއަށްދާ ކަމަށެވެ.
ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ހަފުތާގެ ކުރީކޮޅު މަތިވި ތެލުގެ އަގުތައް އިއްޔެ ވަނީ ކުޑަކޮށް ދަށަށް ގޮސްފަ އެވެ.
ކޮމެންޓް