އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒީ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރައްވަނީ. (ފޮޓޯ/އޭޕީ)
އިންޑިއާއަށް ޔުރޭނިއަމް ވިއްކަން އޮސްޓްރޭލިއާއިން އެއްބަސްވެއްޖެ
އޮސްޓްރޭލިއާއިން އިންޑިއާއަށް ސުލްހަވެރި ބޭނުންތަކަށް ޔުރޭނިއަމް އެކްސްޕޯޓްކުރަން ފެށުމުގެ އިދާރީ އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
މިއީ މިތަކެތި ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުންތަކާ ހުރެ، އެތައް އަހަރެއް ވަންދެން މަޑުޖެހިފައި އޮތުމަށް ފަހު އެޅި ފިޔަވަޅެކެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒީ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މި އެއްބަސްވުން އިއުލާންކުރެއްވީ މެލްބަންގައި ބޭއްވެވި ބައްދަލުވުމަކަށް ފަހު އެވެ.
މި ވިޔަފާރި ކުރިއަށްދާނެ ސުންގަޑިއެއް ނުވަތަ އެކްސްޕޯޓްކުރާނެ މިންވަރެއް ހާމަކޮށްފައި ނުވި ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން 2014 ވަނަ އަހަރު ވެފައިވާ އަދި ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމުގެ ކަންބޮޑުވުންތަކާ ހުރެ ކުރިއަށް ނުގޮސް ހުރި މުއާހަދާއަކަށް އަމަލުކުރަން ފެށޭނެ އެވެ.
ދުނިޔޭގައި އެންމެ ގިނައިން ޔުރޭނިއަމް ރައްކާކުރެވިފައިވާ އޮސްޓްރޭލިއާއިން، އެ ގައުމުގައި އުފައްދާ ހުރިހާ ޔުރޭނިއަމްއެއް އެކްސްޕޯޓް ކުރާއިރު، އެ ގައުމަކީ އަމިއްލައަށް ނިއުކްލިއާ ބާރު އުފައްދާ ޕްލާންޓްތައް ހިންގާ ނުވަތަ ނިއުކްލިއާ ހަތިޔާރު ގެންގުޅޭ ގައުމެއް ނޫނެވެ. އިންޑިއާގެ އަމާޒަކީ 2047 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ ނިއުކްލިއާ ހަކަތައިގެ ގާބިލުކަން 100 ގިގަވޮޓަށް އިތުރުކުރުމެވެ. ނަމަވެސް މިހާރު އެ ގައުމުގައި ނިއުކްލިއާ ހަކަތައިގެ ހިއްސާއަކީ ބޭނުންކުރާ ކަރަންޓުގެ އެންމެ %3 އެވެ.
ނިއުކްލިއާ ހަތިޔާރު ގެންގުޅޭ އިންޑިއާއަކީ ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށް ނުވި ނަމަވެސް، 2008 ވަނަ އަހަރު 'ނިއުކްލިއާ ސަޕްލަޔާސް ގްރޫޕް' އިން އިންޑިއާއަށް ދިން ހާއްސަ އިސްތިސްނާއަކާ ގުޅިގެން ގާއިމުކުރި ބައިނަލްއަގުވާމީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މި އެއްބަސްވުމުގައި ވެސް ބޯލަނބާނެ އެވެ. އޮސްޓްރޭލިއާއިން ބުނި ގޮތުގައި، ޔުރޭނިއަމް އެކްސްޕޯޓްކުރުން ކުރިއަށްދާނީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ބެލުމުގެ ދަށުންނެވެ. އަދި އިންޑިއާގެ މަދަނީ ބޭނުންތަކަށް ބޭނުންކުރާ ނިއުކްލިއާ ޕްރޮގްރާމްތަކާއި އަސްކަރީ ޕްރޮގްރާމްތައް ވަކިކޮށްފައި ބެހެއްޓުމުގެ ޝަރުތުގެ މަތިންނެވެ.
ދެ ބޭފުޅުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ދިފާއީ އަދި ސަލާމަތީ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ވައުދުވެވަޑައިގެންނެވި އެވެ. އަދި މިއީ ދެ ގައުމުގެ ގުޅުމުގެ ފުންމިނާއި އަމާޒަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
އިންޑިއާއަކީ އޮސްޓްރޭލިއާގެ ފަސްވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ އެވެ. އެގޮތުން، 2024-25 ވަނަ މާލީ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރި ވިޔަފާރީގެ އަގު 54.4 ބިލިއަން އޮސްޓްރޭލިއާ ޑޮލަރަށް (37.7 ބިލިއަން އެމެރިކާ ޑޮލަރަށް) އަރަ އެވެ.
ކޮމެންޓް