އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރިއާއާ އިއްޔެ ތުރުކީގެ އަންކާރާގައި ބައްދަލުކުރައްވަނީ. (ފޮޓޯ/ގެޓީ އިމޭޖަސް)
އެމެރިކާއިން ޓެރަރިޒަމްގެ ލިސްޓުން ސީރިއާ އުނިކުރަނީ
އެމެރިކާ އާއި ސީރިއާގެ ގުޅުން އާންމު ހާލަތަކަށް ގެނައުމަށާއި ސީރިއާގެ އިގްތިސާދު އާރާސްތުކުރުމަށް އެހީތެރިވުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރިއާއަށް އިއްޔެ އަންގަވައިފި އެވެ.
"ގައުމު އަލުން ބިނާކުރުމަށް ހުރި ހުރިހާ ހުރަސްތަކެއް ނައްތާލަދޭނެ ކަމަށް އަޅުގަނޑު ވީ ވައުދު ފުއްދާނަން. އަދި ވަރަށް އަވަހަށް، އެކަން ކުރުމުގެ ފުރުސަތު އެންމެ ފަހުން ތިޔަ ބޭފުޅުންނަށް ލިބިގެންދާނެ،" ތުރުކީގެ އަންކާރާގައި މި ދެ ބޭފުޅުން ބޭއްވެވި ބައްދަލުވުމަށް ފަހު ފޮނުއްވި ސިޓީއެއްގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން، ސީރިއާގައި އިންވެސްޓްކޮށް، އެ ގައުމަކީ މީގެ ކުރިއަށް ވުރެ ވެސް މާ ކުރިއަރާފައިވާ، ތަނަވަސް ގައުމަކަށް ހެދުމަށް އެހީތެރިވާން ތައްޔާރަށް ތިބި އެމެރިކާގެ ކުންފުނިތައް އެބަހުރި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ނިންމެވުން މިހާރު ވަނީ އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅުއްވާފަ އެވެ. މިއާ އެކު، މި ނިންމުމަށް އަމަލުކުރަން ފެށުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ 45 ދުވަހުގެ މުރާޖައާ ކުރުމުގެ މުއްދަތެއް ހިނގާނެ އެވެ. މި ލިސްޓުން ސީރިއާ އުނިކުރުމުން، އެމެރިކާގެ އެހީތަކާއި ދިފާއީ އުފެއްދުންތައް އެކްސްޕޯޓްކުރުމާއި މާލީ ބައެއް މުއާމަލާތްތަކަށް އަޅާފައިވާ ހުރަސްތައް ނެތިގެންދާނެ އެވެ.
މި ފިޔަވަޅަކީ ސީރިއާއާ ދެކޮޅަށް އެމެރިކާއިން ހިންގަމުންދިޔަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް ޓްރަމްޕް މިދިޔަ އަހަރު ނިންމެވި ނިންމެވުމާ ގުޅިގެން އެޅުނު ފިޔަވަޅެކެވެ.
މީގެ ސަބަބުން ސީރިއާއަށް އަލުން ބައިނަލްއަގުވާމީ މާލީ ނިޒާމާ ގުޅުމުގެ ފުރުސަތު ލިބުނެވެ. ސީރިއާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ސަފްވަތު ރަސްލާން ވިދާޅުވީ، އެންމެ ފަހުން މި ނިންމި ނިންމުމުގެ ސަބަބުން އިންވެސްޓްމަންޓްތަކަށާއި އިގްތިސާދީ ކުރިއެރުމަށް އަދި ދުނިޔޭގެ އިގްތިސާދުގެ ތެރެއަށް ސީރިއާ އަލުން ވަނުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ، ކުރިން އަލް-ނުސްރާ ފްރަންޓްގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު، ފަހުން އެ ޖަމާއަތާ ވަކިވެ، 2024 ވަނަ އަހަރު ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު މަގާމުން ދުރުކުރި ކޯލިޝަންގެ ލީޑަރު، ރައީސް ޝަރިއާއަށް އިއްޔެ ވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
"އަޅުގަނޑު ހިމެނޭ ގޮތަށް، އެންމެން ވެސް އޭނާއަށް އިހުތިރާމް ކުރޭ،" ޝަރިއާއަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވި އެވެ.
ކޮމެންޓް