ކޭ2 އެއާވޭސްގެ ކާގޯ މަތިންދާބޯޓުގެ ބައިތައް އަރަބި ކަނޑުން ނަގަނީ. (ފޮޓޯ/ރޮއިޓާސް)

ޕާކިސްތާން

ޕާކިސްތާނުގެ ކާގޯ މަތިންދާބޯޓު ފެނިއްޖެ؛ 5 ފަޅުވެރިން ހޯދަނީ

ޔޫއޭއީގެ ޝާރްޖާއިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި މި ބޯޓު، އެއާ ޓްރެފިކް ކޮންޓްރޯލާ އޮތް ގުޅުން ކެނޑުމުގެ ކުޑަވަގުތުކޮޅެއް ކުރިން ވަނީ ބޯޓުގެ ނެވިގޭޝަން ނިޒާމަށް މައްސަލައެއް ދިމާވެގެން އުޅޭކަން ރިޕޯޓްކޮށްފައި
2 ގަޑިއިރު ކުރިން

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކަރާޗީގެ އައްސޭރިފަށުން ގެއްލުނު، ކޭ2 އެއާވޭސްގެ ބޮއިން 737 މަރުކާގެ ކާގޯ މަތިންދާބޯޓުގެ ބައިތައް، އޮރްމާރާ ބަނދަރުގެ ދެކުނުން 53 ނޯޓިކަލް މޭލު ބޭރުން އަރަބި ކަނޑުގެ ތެރެއިން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ހޯދައިފި އެވެ.

ޕާކިސްތާން އެއާޕޯޓްސް އޮތޯރިޓީން މިއަދު ބުނި ގޮތުގައި، ދެ ޕައިލެޓުންނާއި ދެ އިންޖިނިއަރުން އަދި އެހީތެރިއަކު ހިމެނޭ ގޮތަށް ގެއްލިފައިވާ ފަސް ފަޅުވެރިން ހޯދުމަށް ހިންގާ ސާޗު އެންޑް ރެސްކިއު ހަރަކާތްތައް އަދިވެސް ދަނީ ކުރިއަށެވެ. އޮފިޝަލުން އެ މީހުންނަށް ވީ ގޮތެއް އަދި ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އެ މީހުންގެ އާއިލާތަކަށް "އިހްލާސްތެރި ތައުޒިޔާ" ވިދާޅުވެފަ އެވެ.

ޔޫއޭއީގެ ޝާރްޖާއިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި މި ބޯޓު، އެއާ ޓްރެފިކް ކޮންޓްރޯލާ އޮތް ގުޅުން ކެނޑުމުގެ ކުޑަވަގުތުކޮޅެއް ކުރިން ވަނީ ބޯޓުގެ ނެވިގޭޝަން ނިޒާމަށް މައްސަލައެއް ދިމާވެގެން އުޅޭކަން ރިޕޯޓްކޮށްފަ އެވެ. ފްލައިޓް ޓްރެކިން ޑޭޓާތަކުން ދައްކާ ގޮތުގައި، ކާގޯ ބޯޓަކަށް ބަދަލުކޮށްފައިވާ މި 27 އަހަރުވީ ބޯޓުގެ އުސްމިނަށް ކުއްލި ކުއްލިއަށް ނުރައްކާތެރި ބަދަލުތަކެއް އައުމަށް ފަހު، ވަރަށް ބާރަށް ތިރިއަށްގޮސް ކަނޑަށް ވަނީ ވެއްޓިފަ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، ފަޅުވެރިން މައްސަލަ ރިޕޯޓްކުރުމާ އެކު އެއާ ޓްރެފިކް ކޮންޓްރޯލަރުން ބޯޓަށް މަގުދައްކައިދޭން މަސައްކަތް ކުރި އެވެ. ނަމަވެސް މަދު މިނެޓުކޮޅެއްގެ ތެރޭގައި މުވާސަލާތީ ގުޅުން މުޅިން ކެނޑުނެވެ.

އޭވިއޭޝަން މާހިރެއް ކަމަށްވާ ޖޯން ކޮކްސް ވިދާޅުވީ، ލިބިފައިވާ ފްލައިޓް ޑޭޓާތަކަށް ބަލާއިރު ފަޅުވެރިންންނަށް ނޭނގޭ ސަބަބުތަކަކާ ހުރެ ބޯޓު ކޮންޓްރޯލް ނުކުރެވުނު ކަމަށް ބެލެވޭ ކަމަށެވެ.

"އެކަށީގެންވޭ ބޯޓުގެ އިންޖީނުގެ ބާރު ކެނޑި، ވަރަށް ބާރު މިނެއްގައި ތިރިއަށް ދިޔައީ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މި ހާދިސާގެ ތަހުގީގު ޕާކިސްތާނުން އިސްވެ ކުރިއަށްގެންދާއިރު، އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު، ބޮއިން ކުންފުނި، ޖީއީ އެއޭރޯސްޕޭސް އަދި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް ބޯޓުގެ ފްލައިޓް ރިކޯޑަރުތައް ފެނިފައިވޭތޯ އޮފިޝަލުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މި ހާދިސާގައި ފަސް ފަޅުވެރިން ވެސް މަރުވެފައިވާކަން ކަށަވަރުވެއްޖެ ނަމަ، މިއީ 2020 ވަނަ އަހަރު ކަރާޗީއަށް އެއާބަސް އޭ320 ވެއްޓި 97 މީހުން މަރުވި ހާދިސާއަށް ފަހު، ޕާކިސްތާނުގައި ހިނގި ފުރާނައަށް ނުރައްކާވި ފުރަތަމަ ވައިގެ ހާދިސާއަށް ވާނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް