އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އޮފީސް. (ފޮޓޯ/އޭޕީ)
އީރާން ހަނގުރާމައާ ހެދި، އައިއެމްއެފުން ދުނިޔޭގެ އިގްތިސާދުގެ އަންދާޒާ ދަށްކޮށްފި
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް އައި ލޮޅުމުގެ އަސަރުތައް ދެމިއޮތުމާ ގުޅިގެން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި އަހަރުގެ ދުނިޔޭގެ އިގްތިސާދީ ކުރިއެރުމުގެ އަންދާޒާ 3%އަށް ދަށްކޮށްފި އެވެ.
މިއީ މިދިޔަ އެޕްރީލް މަހު އައިއެމްއެފުން ލަފާކުރި %3.1އަށް ވުރެ ދަށް މިންވަރެކެވެ.
އިއްޔެ އާންމުކުރި އެންމެ ފަހުގެ 'ވޯލްޑް އިކޮނޮމިކް އައުޓްލުކް' ރިޕޯޓުގައި އައިއެމްއެފުން ބުނެފައިވަނީ، އަންނަ އަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުން %3.4އަށް އަލުން މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، ދުނިޔޭގެ މުދަލާއި ހިދުމަތުގެ އަގުތައް މި އަހަރު %4.7އަށް އުފުލުމަށް ފަހު، އަންނަ އަހަރު %3.9އަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އައިއެމްއެފްގެ ރިސާޗު ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ޕެޓްޔާ ކޮއެވާ ބްރުކްސް ވިދާޅުވީ، ދުނިޔޭގެ އިގްތިސާދީ މަސްރަހަށް ބަދަލުތައް އަންނަނީ "ދެކޮޅަށް ދަމާ ބާރުގަދަ ދެ ބާރެއްގެ ސަބަބުން" ކަމަށެވެ. އެއީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް ލިބުނު ކުއްލި ސިހުމުގެ އަސަރުތައް ދެމިއޮތުމާއި ޓެކްނޮލޮޖީއަށް ބިނާކޮށް އިންވެސްޓްމަންޓްތައް އިތުރުވަމުންދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ފަހަކަށް އައިސް ހިނގަމުންދާ ކަންތައްތަކުން މި އަންދާޒާތަކާ ގުޅިފައިވާ ނުތަނަވަސްކަމާއި ނުރައްކާތައް ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިއެމްއެފްގެ މި އަންދާޒާ ބިނާކޮށްފައިވަނީ މި މަހުގެ މެދުތެރޭގައި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވެން ފަށައި އަންނަ މާޗު މަހާ ހަމައަށް އާންމު ހާލަތަކަށް އަންނާނެ ކަމަށް ބަލައިގެންނެވެ.
ނަމަވެސް، ތެޔޮ އުފުލުމުގައި އެންމެ މުހިންމު މި މަގުގެ ދަތުރުފަތުރަށް އަދިވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފަ އެވެ. އެމެރިކާއިން އީރާނަށް އަލުން ދޭން ފެށި ހަމަލާތަކާއި ސަރަހައްދީ ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ އަގު އުފުލެމުންދާއިރު، މި ކަނޑުއޮޅިން ކުރާ ދަތުރުފަތުރުގެ ނިސްބަތް ހުރީ ހަނގުރާމައިގެ ކުރީގެ މިންވަރަށް ވުރެ މާ ދަށުގަ އެވެ.
ކުރިއަރާފައިވާ ބޮޑެތި އިގްތިސާދުތަކުގެ ތެރެއިން، އައިއެމްއެފުން ލަފާކުރާ ގޮތުގައި މި އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާނީ %2.3އާ އެކު އެމެރިކާ އެވެ. އޭގެ ފަހަތުން، ޔޫރަޕް އިއްތިހާދުގެ ގައުމުތަކުން %0.9، އިނގިރޭސިވިލާތުން %1، ކެނެޑާ އިން %1.1 އަދި ޖަޕާނުން %0.6ަގައި އެ ގައުމުތަކުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކުރިއަރަމުން އަންނަ އިގްތިސާދެއްގެ ގޮތުގައި ކަނޑައޅާފައިވާ ޗައިނާގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ %4.6ގަ އެވެ.
ކޮމެންޓް