އެމެރިކާ އިން އީރާނަށް ދިން ހަމަލާއެއް.

އާ ހަމަލާތަކަކަށް ފަހު، އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފި

ވޮޝިންޓަނުން އިތުރު ހަމަލާތަކެއް ދީފި ނަމަ، ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެހެން މަރުކަޒުތަކަށް ވެސް ހަމަލާތައް ފުޅާކުރާނެ ކަމުގެ އިންޒާރު އީރާނުން ދިން
47 މިނިޓު ކުރިން

އެމެރިކާއިން ޖެހިޖެހިގެން ދެވަނަ ދުވަހަކަށް އީރާނުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ދިން ހަމަލާތަކަށް ފަހު، އީރާނުން ބަހްރައިންނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިއަދު ވެސް މިސައިލް ހަމަލާތަކެއް ދީފި އެވެ.

ޔުނައިޓެޑް ސްޓޭޓްސް ސެންޓްރަލް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އެމެރިކާ ސިފައިން ވަނީ އީރާނުގެ އަސްކަރީ ގާތްގަނޑަކަށް 90 އަމާޒަކަށް ހަމަލާދީފަ އެވެ. މީގެ ތެރޭގައި ވައިގެ ދިފާއީ ނިޒާމުތަކާއި އައްސޭރިފަށް ބަލަހައްޓާ ސާމާނުތަކާއި މިސައިލާއި ޑްރޯން ރައްކާކުރާ ތަންތަނާއި ކަނޑުގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން ލޮޖިސްޓިކްސް ތަންތަން ހިމެނެ އެވެ. މީގެ ކުރިން އަންގާރަ ދުވަހުގެ ރޭ ވެސް ސެންޓްކޮމްއިން ވަނީ 80އަށް ވުރެ ގިނަ އަމާޒަކަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އެ ގައުމުގެ ދެކުނު އައްސޭރިފަށުގެ އެކި ސަރަހައްދުތަކަށް އަމާޒުވެފައިވާއިރު، މީގެ ތެރޭގައި ބަންދަރު އައްބާސް، ކޮނަރަކް އަދި ޗާބަހާރު ހިމެނެ އެވެ. އަދި ޗާބަހާރުގައި ހުންނަ ކަނޑުގެ ދަތުރުފަތުރު ކޮންޓްރޯލްކުރާ ޓަވަރަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

މީގެ އިތުރުން، އިރާންޝަހަރުގެ އެއާޕޯޓަށް ދިން ހަމަލާއެއްގައި އަލިފާން ނިއްވާ މީހަކު މަރުވެފައިވާއިރު، އަހްވާޒް ކައިރިއަށް ދިން ހަމަލާތަކެއްގައި ތިން މީހުން މަރުވެ، އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އަދި އީރާނުގެ އުތުރުގައި އޮންނަ އަކްގަލާ ކައިރީގައި ހުރި ރޭލު ދަތުރުކުރާ ބްރިޖަކަށް ވެސް ހަމަލާ އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާތަކުގެ ރައްދުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނީ، އެ ފަރާތްތަކުން ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ ދެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ވޮޝިންޓަނުން އިތުރު ހަމަލާތަކެއް ދީފި ނަމަ، ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ އެހެން މަރުކަޒުތަކަށް ވެސް ހަމަލާތައް ފުޅާކުރާނެ ކަމުގެ އިންޒާރު އެ ފަރާތުން ދިނެވެ.

އަލުން ފެށުނު މި ކުރިމަތިލުންތަކުގެ ސަބަބުން ހަކަތައިގެ މާކެޓަށް ވެސް ވަނީ ލޮޅުން އަރާފަ އެވެ. އެގޮތުން، ބްރެންޓް ކުރޫޑްގެ އަގު މިއަދު %1.1 މަތިވެ ފީފާއެއް 78.88 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ކުރޫޑްގެ އަގު ވަނީ %1.2 މަތިވެ ފީފާއެއް 74.37 ޑޮލަރަށް އުފުލިފަ އެވެ.

އަގުތަކަށް އައި މި ބަދަލުން ދައްކުވައިދެނީ، ހަނގުރާމަ މިގޮތަށް ކުރިއަށްދާ ނަމަ ސުލްހައިގެ މަޝްވަރާތައް ލަސްވެ، ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރި މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އިތުރު ބުރޫއަރާފާނެތީ އުފެދެމުންދާ ކަންބޮޑުވުންތަކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް