އެމެރިކާއިން އީރާނަށް ދިން ހަމަލާއެއް އަމާޒުވި ތަނެއް.

އެމެރިކާއިން އީރާނުގެ 80 އަމާޒަކަށް ހަމަލާދީ، ތެޔޮ ވިއްކުމުގެ ހުއްދަ ބާތިލްކޮށްފި

ސެންޓްކޮމް އިން ރޭ ފަތިހު ބުނި ގޮތުގައި،އައިއާރުޖީސީއަށް ނިސްބަތްވާ 60އަށް ވުރެ ގިނަ އުޅަނދަށާއި ވައިގެ ދިފާއީ ނިޒާމުތަކަށާއި އައްސޭރިފަށް ބަލަހައްޓާ ސާމާނުތަކަށާއި އުޅަނދުތަކަށް ހަމަލާދޭ މިސައިލްތަކާ އަދި ޑްރޯން ފޮނުވާލާ ސަރަހައްދުތަކަށް ވަނީ ހަމަލާ ދީފައި
1 ގަޑިއިރު ކުރިން

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ވިޔަފާރިކުރާ ތިން އުޅަނދަކަށް އިއްޔެ ހަމަލާތަކެއް އަރާފައިވާ ކަމުގެ ރިޕޯޓްތަކާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ހަމަލާތައް މެދުކަނޑާލުމުގެ ނާޒުކު އެއްބަސްވުމަށް އިތުރު ހުރަސްތަކެއް ކުރިމަތިކުރުވައި، އެމެރިކާއިން އީރާނާ ދެކޮޅަށް ރޭ އާ ވައިގެ ހަމަލާތަކެއް ދީފި އެވެ.

މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ 80އަށް ވުރެ ގިނަ ސަރަހައްދަކަށް ވަނީ އަމާޒުކޮށްފަ އެވެ.

ޔުނައިޓެޑް ސްޓޭޓްސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ރޭ ފަތިހު ބުނި ގޮތުގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)އަށް ނިސްބަތްވާ 60އަށް ވުރެ ގިނަ އުޅަނދަށާއި ވައިގެ ދިފާއީ ނިޒާމުތަކަށާއި އައްސޭރިފަށް ބަލަހައްޓާ ސާމާނުތަކަށާއި އުޅަނދުތަކަށް ހަމަލާދޭ މިސައިލްތަކާ އަދި ޑްރޯން ފޮނުވާލާ ސަރަހައްދުތަކަށް ވަނީ ހަމަލާދީފަ އެވެ.

ސެންޓްކޮމްއިން ބުނީ މި ހަރަކާތަކީ "އީރާނުގެ ސިފައިން ދިން ބޭއިންސާފު އުދުވާނަށް" ރައްދުދިނުމުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށެވެ. އަދި މިއީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް "ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފަށް ހިންގި ނުރައްކާތެރި އަމަލެއް" ކަމަށް ވެސް ބުންޏެވެ.

އީރާނުގެ އަސްކަރިއްޔާއިން މި ހަމަލާތައް ކުށްވެރިކޮށް، މިއީ "އުދުވާނީ އަމަލެއް" ކަމަށް ސިފަކޮށް، "ލޮޅުން އަރުވާލާ ފަދަ ރައްދެއް" ދޭނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނީ ގައުމީ ސަލާމަތް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ތެހެރާނުން އަޅާނެ ކަމަށެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ދެކުނުގެ ރަށްތައް ކަމަށްވާ ސިރިކް އާއި ބަންދަރު އައްބާސްގެ އިތުރުން، އެ ގައުމުން އެންމެ ފުޅާދާއިރާއެއްގައި ތެޔޮ އެކްސްޕޯޓްކުރާ މަރުކަޒު ކަމަށްވާ ހާރްގް އައިލެންޑަށް ވެސް ގޮވުންތަކުގެ އަސަރު ވަނީ ކޮށްފަ އެވެ. ވިޔަފާރި ބަނދަރަކަށް އެރި ބޮމުގެ އެތިކޮޅުތަކުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވި ކަމަށް ރިޕޯޓްކޮށްފައިވާއިރު، މަސްވެރިކަން ކުރާ ބައެއް ދޯނިފަހަރަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

މަސްރަހު ހޫނުވެގެންދިޔައީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ވިޔަފާރިކުރާ ތިން އުޅަނދަކަށް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި އަލިފާން ރޯވި ގަތަރުގެ ގުދުރަތީ ގޭސް (އެލްއެންޖީ) ޓޭންކަރަކާއި ގެއްލުންތަކެއް ލިބުނު ސައުދީގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރެއް ހިމެނެ އެވެ. ގަތަރުން މި ހަމަލާތަކުގެ ޒިންމާ އީރާނުގެ ބޮލުގައި އަޅުވައި ރަސްމީކޮށް އިހުތިޖާޖު ހުށަހަޅާފައިވާއިރު، ތެހެރާނުން ވަނީ މިކަމުގެ ޒިންމާ ދޮގުކޮށްފަ އެވެ. އަދި އީރާނުގެ އިދާރާތަކާ މަޝްވަރާނުކޮށް ހޮރްމޫޒް ކަނޑުއޮޅި ބޭނުންކުރާ ނަމަ އުޅަނދުތަކަށް ނުރައްކަލާ ކުރިމަތިވާނެ ކަމަށް އީރާނުން ބުންޏެވެ.

މީގެ އިތުރުން، އީރާނުން ސާފުނުކުރާ ތެޔޮ ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމަށް ދީފައިވާ ވަގުތީ ހުއްދަ ވޮޝިންޓަނުން ވަނީ ރޭ ބާތިލްކޮށްފަ އެވެ. އަދި ތެޔޮ ގަންނަ ފަރާތްތަކަށް މުއާމަލާތްތައް ނިންމާލުމަށް މި މަހުގެ 17ގެ ނިޔަލަށް ވަނީ މުއްދަތު ދީފަ އެވެ. މި ފިޔަވަޅުގެ ސަބަބުން ތެލުގެ އަގުތައް %3އަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ.

އަލުން ހަމަނުޖެހުންތައް ފެށުނު ނަމަވެސް، ދާއިމީ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެ އެވެ. އެކަމަކު މިދިޔަ ހަފުތާގައި ގަތަރުގައި ބޭއްވި ނުސީދާ މަޝްވަރާތައް ނިމުނީ އެދެވޭ ކުރިއެރުމެއް ނުލިބި އެވެ.

"އަޅުގަނޑުމެން ނިންމާނީ އެއްބަސްވުމަކަށް އަންނަން. ނޫނީ މި މަސައްކަތް އެއްކޮށް ނިންމާލަން،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ ވިދާޅުވި އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ރައްދުގައި ވިދާޅުވީ، ބިރުދެއްކުންތައް ކުރިއަށްދާ ނަމަ، މަޝްވަރާތައް ނުފެށޭނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް