ހޮރްމޫޒް ކަނޑުއޮޅި. (ފޮޓޯ/ގެޓީ އިމޭޖަސް)

ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން އަލުން ހަމަލާތައް ދޭން ފަށައިފި: އެމެރިކާ

މި ދެ އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ
1 ގަޑިއިރު ކުރިން

ހޮރްމޫޒް ކަނޑުއޮޅިން ރޭ ދަތުރުކުރަމުންދިޔަ ވިޔަފާރި އުޅަނދުތަކަކަށް އަމާޒުކޮށް އީރާނުގެ އަސްކަރިއްޔާއިން މަދުވެގެން ދެ މިސައިލް ފޮނުވާލާފައިވާ ކަމަށް އެކްސިއޯސް ނޫހުން އެމެރިކާގެ ދެ އޮފިޝަލުންނާ ހަވާލާދީ މިއަދު ބުނެފި އެވެ.

މިއާ އެކު، އެ މުހިންމު ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ރައްކާތެރިކުރުމަށް އެމެރިކާ އަދި އީރާނުން ދާދި ފަހުން އެކުލަވާލި އެމްއޯޔޫއާ މެދު އަލުން ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ބުނީ، އޮމާންގެ އައްސޭރިފަށާ ކައިރިން ދެކުނަށް ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ކާކުކަން ނޭނގޭ އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ވިޔަފާރިކުރާ ދެވަނަ އުޅަނދަކަށް ވެސް އީރާނުގެ މިސައިލް ހަމަލާއެއް ވަނީ އަރާފަ އެވެ.

މި ދެ އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.

މި ހަމަލާތަކުގެ ސަބަބުން، ހޮރްމޫޒް ކަނޑުއޮޅީގައި ހަމަލާދިނުން ހުއްޓާލުމަށް އީރާނުން އެއްބަސްވެ، މީގެ ތިން ހަފުތާ ކުރިން ސޮއިކުރި އެމްއޯޔޫ ދެމިއޮތްކަމުގެ ބިރު ވަނީ ހީވެފަ އެވެ. އަދި މި ހަމަލާތައް މި ދިނީ، އެ ކަނޑުއޮޅީގައި ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާ އާއި އީރާނާ ދެމެދު އެއް ހަފުތާގެ މުއްދަތަށް ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވި ތަނާ އެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ، މިދިޔަ ހަފުތާގައި ގަތަރުގެ ވެރިރަށް ދޯހާގައި އެމެރިކާ އާއި އީރާނާ ދެމެދު ނުސީދާ ގޮތެއްގައި ބޭއްވި މަޝްވަރާތައް، ހޮރްމޫޒް ކަނޑުއޮޅީގެ މުސްތަގުބަލާ މެދު އެދެވޭ ކުރިއެރުމެއް ނުލިބި ނިމުނު ފަހުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، މިއަށް ރައްދުދިނުމުގެ ގޮތުން އީރާނުގެ ބައެއް އަމާޒުތަކަށް ހަމަލާދިނުމަށް އެމެރިކާއިން ވިސްނުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް