ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ސީރިއާއަށް ކުރައްވާ ދަތުރުގައި ހުންނެވި ހޮޓާ ކައިރީގައި އެއްޗެއް ގޮއްވާލާފައި. (ފޮޓޯ/ރޮއިޓާސް)
ފްރާންސްގެ ރައީސް ސީރިއާގައި ހުންނެވި ހޮޓާ ކައިރީގައި ބޮމެއް ގޮއްވާލައިފި
ސީރިއާގައި މިހާރު ވެސް ސަލާމަތީ ގޮންޖެހުންތައް ހުރިއިރު، ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ސީރިއާއަށް ކުރައްވާ ދަތުރުގައި ހުންނެވި ހޮޓާ ކައިރީގައި މިއަދު ބޮންތަކެއް ގޮއްވާލައިފި އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، މި ގޮވުންތައް ގޮވާފައިވަނީ އޭނާ ދިމިސްގުގައި ހުންނެވި ހޮޓާ ކައިރީގަ އެވެ. މަންޒަރު ދުށް މީހަކު ރޮއިޓާސްއަށް ބުނި ގޮތުގައި، ގޮވުންތަކުގެ އަޑު އިވުމާއެކު ދުން އަރަމުންދިޔަ މަންޒަރު ފެނިފައިވެ އެވެ. އެއާ އެކު، މަގުތައް ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.
އެލިޒޭ ޕެލަސްއިން ބުނި ގޮތުގައި، މެކްރޮން ދަތުރުކުރެއްވި ކާރުކޮޅުތަކަށް މި ގޮވުންތަކުގެ އަޑެއް ނީވެ އެވެ. އަދި ފްރާންސުގެ ރައީސަށް މި ހާދިސާ ހިނގިކަމެއް ކުރިއަކުން އެނގިވަޑައެއް ނުގަންނަވަ އެވެ. އޭނާ ވަނީ ފަހުން ތާވަލާ އެއްގޮތަށް ރިޔާސީ ގަނޑުވަރުގައި ސީރިޔާގެ ރައީސް އަހްމަދު އަލް-ޝަރާއުއާ ބައްދަލުކުރައްވާފަ އެވެ.
މެކްރޮންއަކީ، 2024ގައި ޝަރާއު އިސްވެ ހުންނަވައި ހަނގުރާމަވެރި ޖަމާއަތްތަކުން ސީރިއާގެ އޭރުގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލި ފަހުން، އެ ގައުމަށް ޒިޔާރަތްކުރެއްވި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ފުރަތަމަ ވެރިޔާ އެވެ.
ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ގައުމު އަލުން އާރާސްތުކުރުމަށް މަސައްކަތްކުރައްވަމުން، ހުޅަނގުގެ ގައުމުތަކާއި މެދުއިރުމަތީގެ ގައުމުތަކާ އެކު ގާތް ގުޅުމެއް ބޭއްވުމަށް ޝަރާއު ބޭނުންވާއިރު، މި ދަތުރުން ހާމަކޮށްދެނީ ސީރިއާގެ ބަދަލުވަމުންދާ ހާރިޖީ މަސްރަހެވެ.
އަސަދުގެ އާއިލާއިން އެތައް އަހަރެއް ވަންދެން ކުރި ވެރިކަމަށް ފަހު، ހުރިހާ ފަރާތްތަކެއް ހިމެނޭ ސިޔާސީ ނިޒާމެއް ގާއިމުކުރުމަށް ޝަރާއު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް، އޭނާގެ ސަރުކާރަށް އަދިވެސް ވަނީ ހަތިޔާރު އެޅި ޖަމާއަތްތަކާއި ދީނީ އަދި ނަސްލީ މަދު ބަޔަކު ހިމެނޭ ގްރޫޕްތަކުގެ ފަރާތުން ސަލާމަތީ ނުރައްކާތަކާއި ދޭތެރެ ދޭތެރެއިން ހިނގާ އަނިޔާވެރި ހަމަލާތަކާ ކުރިމަތިލާންޖެހިފަ އެވެ.
ކޮމެންޓް