އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ފޮޓޯ/ރޮއިޓާސްް)

އިންޑިއާ

އިންޑިއާއިން އިންޑޮނޭޝިއާއަށް 630 މިލިއަން ޑޮލަރުގެ މިސައިލް ފޯރުކޮށްދެނީ

އިންޑިއާ އާއި ރަޝިއާ ގުޅިގެން އުފައްދާފައިވާ މި މިސައިލަކީ ދުނިޔޭގައި ހުރި އެންމެ ހަލުވި ކްރޫޒް މިސައިލްތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް
57 މިނިޓު ކުރިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑޮނޭޝިއާގެ ވެރިރަަށް ޖަކާޓާއަށް ކުރައްވާ ދެ ދުވަހުގެ ދަތުރު މިއަދު ފައްޓަވާފައިވާއިރު، އިންޑިއާއިން އިންޑޮނޭޝިޔާއަށް 'ބްރަމޯސް' ސުޕަސޮނިކް ކްރޫޒް މިސައިލާއި 'އަސްޓްރާ' ވައިގެ ތެރެއިން ވައިގެ ތެރެއަށް ފޮނުވާލެވޭ މިސައިލް ފޯރުކޮށްދޭނެ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ގާތްގަނޑަކަށް 630 މިލިއަން ޑޮލަރުގެ އަގުހުރި މި އެއްބަސްވުމުގެ ސަބަބުން، ވިއެޓްނާމް އަދި ފިލިޕީންސަށް ފަހު ބްރަމޯސް މިސައިލް ގަންނަ ތިންވަނަ ގައުމަށް އިންޑޮނޭޝިއާ ވެގެންދާނެ އެވެ.

އިންޑިއާ އާއި ރަޝިއާ ގުޅިގެން އުފައްދާފައިވާ މި މިސައިލަކީ ދުނިޔޭގައި ހުރި އެންމެ ހަލުވި ކްރޫޒް މިސައިލްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އަދި މިއީ އެއްގަމާއި ކަނޑާއި ވައިގެ ވަސީލަތްތަކުން ވެސް ފޮނުވާލެވޭ މިސައިލެކެވެ. އަސްޓްރާ މިސައިލްތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިންޑޮނޭޝިއާގައި ހުރި ރަޝިއާގައި އުފައްދާފައިވާ 'ސުހޯއި' އަސްކަރީ މަތިންދާބޯޓުތަކުގަ އެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ އަސްކަރީ ސާމާނު ބޭރުކުރާ މިންވަރު ވަރުގަދަވެ، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާއާ އެކު ވާދަވެރިކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިންޑޮނޭޝިއާއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.

މި ދަތުރުގައި މޯދީ ވަނީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއާ އެކު ކަނޑުގެ ސަލާމަތާއި އަސްކަރީ އެއްބާރުލުމާއި ސަރަހައްދީ ގުޅުންތަކާ އަދި ފުޅާ ދާއިރާއެއްގައި އިންޑޯ-ޕެސިފިކް ސްޓްރެޓެޖީއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ތާވަލުކުރައްވާފަ އެވެ. މީގެ އިތުރުން، މިސައިލް ނިޒާމުތަކާއި އުމްރާނީ ވަސީލަތްތަކާއި ތަމްރީނާއި މަރާމާތުކުރުމާ އަދި ފަންނީ އެހީތެރިކަން ހިމެނޭހެން މަރުހަލާތަކަކަށް ބަހާލައިގެން ތަކެތި ހޯދުމުގެ ރޭވުމަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.

ދަތުރު ފެއްޓެވުމުގެ ކުރިން މޯދީ ވިދާޅުވީ، މި ދަތުރުގެ ސަބަބުން އިންޑިއާގެ 'އެކްޓް އީސްޓް' ނުވަތަ އިރުމައްޗަށް އަމާޒުކުރާ ސިޔާސަތާއި މިނިވަން، ހުޅުވާލެވިފައިވާ އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ އިންޑޯ-ޕެސިފިކް ސަރަހައްދެއް ގާއިމުކުރުމަށް އޮތް ވިސްނުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް