ޔަންގް ޔޫލިން އޭނާގެ މަގާމުގެ ބޭނުން ހިފައިގެން އެހެން މީހުންނަށް އިންޖިނިއަރިން ކޮންޓްރެކްޓްތަކާއި ފައިނޭންސް ހަމަޖައްސައިދިނުމުގައި އެހީތެރިވެދީފައިވާ ކަމަށް ކޯޓަށް މައުލޫމާތު ލިބިފައިވޭ.
325 މިލިއަން ޑޮލަރުގެ ރިޝްވަތު ހިފި ޗައިނާގެ އޮފިޝަލަކު މަރަން ހުކުމްކޮށްފި
ޗައިނާގެ ސިޓީއެއްގެ ކުރީގެ އޮފިޝަލަކު 30 އަހަރުގެ ތެރޭގައި، 2.2 ބިލިއަން ޔުއާން ނުވަތަ 325 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ހިފި މައްސަލައެއްގައި މަރުގެ ހުކުމް އިއްވައިފި އެވެ.
ނަންޖިން ސިޓީގެ އެކި މަގާމުތައް 1993 އިން 2023އަށް ފުރުއްވި ޔަންގް ޔޫލިންގެ މައްޗަށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށް ވެސް ވަނީ ސާބިތުވެފަ އެވެ. އޭނާ ނާޖާއިޒު ގޮތުގައި، ހޯދި މި ފައިސާއަކީ ފަހުގެ ތާރީހެއްގައި މިފަދަ މައްސަލައެއްގައި ފެނުނު އެންމެ ގިނަ ފައިސާގެ ތެރެއިން ހިމެނޭ އަދަދެކެވެ.
ޔަންގް، 69، އޭނާގެ މަގާމުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އެހެން މީހުންނަށް އިންޖިނިއަރިން ކޮންޓްރެކްޓްތަކާއި ބިން ބަދަލުކުރުމުގެ މުއާމަލާތްތަކާއި ފައިނޭންސް ހަމަޖައްސައިދިނުމުގައި އެހީތެރިވެދީފައިވަނީ ފައިސާ އާއި އަގުބޮޑު ތަކެތި ބަދަލުގެ ގޮތުގައި ހޯދައިގެން ކަމަށް ދައުލަތުގެ މީޑިއާ އިން ބުނެ އެވެ.
ޔަންގްގެ މައްސަލަ ތަހުގީގުކޮށްފައިވަނީ ރައީސް ޝީ ޖިންޕިންގް ފައްޓަވާފައިވާ ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ ކެމްޕޭނުގެ ދަށުންނެވެ. މި ކެމްޕޭނުގެ ދަށުން އަސްކަރިއްޔާގެ އިސް ބޭފުޅުންނާއި ބޭންކިން ދާއިރާގެ ބޮޑެތި އޮފިޝަލުން ހިމެނޭހެން އެކި ދާއިރާތަކުން ފިޔަވަޅު އަޅަމުންދެ އެވެ.
ނަންޖިންގެ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ތަރައްގީގެ ދާއިރާގައި އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރެއްވި ޔަންގް ކޮށްފައިވާ ކުށްތަކަކީ "އިންތިހާއަށް ސީރިއަސް" ކުށްތަކެއް ކަމަށާއި އޭގެ ސަބަބުން "ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އާދަޔާ ހިލާފަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ" ކަމަށް ޗަންގްޒޫ ސިޓީގެ ކޯޓަކުން ހޯމަ ދުވަހު ބުނެފައިވެ އެވެ.
ވެރިކަމަށް ވަޑައިގަތީއްސުރެ ރައީސް ޝީ ވަނީ ކޮރަޕްޝަނާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ފައްޓަވައިފަ އެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ބޭނުންކުރާ ހަތިޔާރެކެވެ.
ފައިނޭންސް ދާއިރާގެ ކުރީގެ ވެރިޔާ ލައި ޝިއާއޯމިން 10 އަހަރުގެ ތެރޭގައި 1.8 ބިލިއަން ޔުއާން ރިޝްވަތުގެ ގޮތުގައި ހިފި މައްސަލައެއްގައި 2021 ވަނަ އަހަރު ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ.
އިނާ މޮންގޯލިއާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ލީ ޖިއަންޕިންގް، 3 ބިލިއަނަށް ވުރެ ގިނަ ޔުއާންގެ ފައިސާއަށް ހިޔާނާތްތެރިވެ އަދި ރިޝްވަތު ހިފި މައްސަލާގައި 2024 ވަނަ އަހަރު ވަނީ އޭނާގެ މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ.
ކޮމެންޓް