ހަމާސްގެ ތަރުޖަމާނު ހާޒެމް ގާސެމް ވާހަކަދައްކަވަނީ. (ފޮޓޯ/އޭޕީ)
މަދަނީ ކޮމިޓީއަކަށް މަގުފަހިކުރަން، ގާޒާ ހިންގާ މަޖިލިސް ހަމާސްއިން އުވާލައިފި
އެމެރިކާގެ ތާއީދާ އެކު އެކުލަވާލާފައިވާ ރޭވުމެއްގެ ދަށުން، ގާޒާގެ މަދަނީ އިދާރާ ހިންގުމުގެ މަސްއޫލިއްޔަތު ފަންނީ މާހިރުންގެ ކޮމިޓީއަކާ ހަވާލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން، 2007 ވަނަ އަހަރުން ފެށިގެން ގާޒާ ހިންގަމުން އައި މަޖިލިސް އުވާލާފައިވާ ކަމަށް ހަމާސްއިން އިއްޔެ އިއުލާންކޮށްފި އެވެ.
ހަމާސްގެ ގާޒާގެ މީޑިއާ އޮފީހުން ބުނީ، ސަރުކާރުގެ ކުއްލި ހާލަތްތަކާ ބެހޭ ކޮމިޓީގެ ވެރިޔާ މުހައްމަދު އަލް-ފައްރާ އިސްތިއުފާ ދެއްވައި އެ މަޖިލިސް އުވާލާފައިވަނީ އިދާރީ ގޮތުން ބަދަލުތައް ގެނައުމުގެ މަރުހަލާއަށް ފަސޭހަކުރުމަށާއި އެއްބަސްވެފައިވާ އިންތިޒާމުތައް ތަންފީޒުކުރުމަށް ކަމަށެވެ.
ހަމާސްގެ ތަރުޖަމާނު ހާޒެމް ގާސެމް ވިދާޅުވީ، އެ ޖަމާއަތުން މަދަނީ ވެރިކަމުން އެއްފަރާތްވަނީ އިސްތިއުމާރީ ބާރުތަކަށް (އިޒްރޭލަށް) ދައްކާނެ އެއްވެސް ބަހަނާއެއް ނުބޭއްވުމަށް ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި، ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތުތައް އެ ކޮމިޓީއާ ހަވާލުކުރުމަށް ހަމާސް އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާޒާގެ މަދަނީ އިދާރީ ކަންކަން ބަލަހައްޓާނެ ކަމަށް ބެލެވޭ 'ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ގާޒާ' އިން ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފަ އެވެ. އެ ކޮމިޓީގެ ވެރިޔާ އަލީ ޝާތު ވިދާޅުވީ، ބޭނުންވާ ވަސީލަތްތައް ހަމަޖެހުމާ އެކު، ގައުމީ މަސްއޫލިއްޔަތުތަކާ ހަވާލުވުމަށް ކޮމިޓީ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މި ނިންމުމަކީ ގާޒާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ގޮތުން ހަމާސްއިން ދޫކޮށްލި ސިޔާސީ ބޮޑު ދުލެއްގެ ގޮތުގައި ބެލެވެ އެވެ. ނަމަވެސް، ހަމާސްއިން އިޝާރާތްކޮށްފައިވާ ގޮތުގައި އެ ޖަމާއަތުން ދޫކޮށްލަނީ ހަމައެކަނި ސީދާ މަދަނީ ވެރިކަން ހިންގުމުގެ ދައުރެވެ. އެ ޖަމާއަތުގެ ސިޔާސީ އަދި އަސްކަރީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
އިޒްރޭލުން ތަކުރާރުކޮށް ބުނަމުންދަނީ ހަމާސްއިން ގާޒާ ހިންގުމާ ދެކޮޅު ހަދާ ކަމަށެވެ. އެކަމަކު، ފަލަސްތީނު އޮތޯރިޓީން ވަގުތުން އެ ސަރަހައްދުގެ ވެރިކަމާ ހަވާލުވުމަށް ވެސް އިޒްރޭލުން ވަނީ ދެކޮޅު ހަދާފަ އެވެ.
ކޮމެންޓް