ލަންޑަންގެ ގެއެއްގައި އޭސީ ބަހައްޓަނީ. (ފޮޓޯ/އޭއެފްޕީ)

ދުނިޔެ ހޫނުވުން

ގަދަ ހޫނާ ހެދި އިނގިރޭސިވިލާތުގެ ގޭގޭގައި އޭސީ ހަރުކުރުން ވަރަށް ބޮޑަށް އިތުރުވެއްޖެ

އިނގިރޭސިވިލާތުގެ ގޭގޭގެ ތެރެއިން އެއާކޮންޑިޝަން ހަރުކޮށްފައިވަނީ އެންމެ %5 ގޭގޭގައި ކަމަށްވީ ނަމަވެސް، ތަކުރާރުކޮށް ކުރިމަތިވި ހީޓްވޭވްތަކާއި ރެކޯޑް މިންވަރަކަށް ފިނިހޫނުމިން މަތިވުމާ ގުޅިގެން އޭސީގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފައި
1 ގަޑިއިރު ކުރިން

ހޫނު މޫސުމުގެ ފިނިހޫނުމިން މަތިވަމުންދިއުމުގެ ސަބަބުން، ފްރާންސެކޭ އެއްގޮތަށް އިނގިރޭސިވިލާތުގެ ގިނަ ގޭގޭގައި ވެސް އެއާކޮންޑިޝަން ހަރުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

ނަމަވެސް މާހިރުން އިންޒާރުދެއްވާ ގޮތުގައި، މިއީ މޫސުމަށް އަންނަ ބަދަލުތަކަށް ދެވޭ ދާއިމީ ހައްލަކަށް ވެގެން ނުވާނެ އެވެ.

އިނގިރޭސިވިލާތުގެ ގޭގޭގެ ތެރެއިން އެއާކޮންޑިޝަން ހަރުކޮށްފައިވަނީ އެންމެ %5 ގޭގޭގައި ކަމަށްވީ ނަމަވެސް، ތަކުރާރުކޮށް ކުރިމަތިވި ހީޓްވޭވްތަކާއި ރެކޯޑް މިންވަރަކަށް ފިނިހޫނުމިން މަތިވުމާ ގުޅިގެން އޭސީގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

އެއާކޮންޑިޝަން ހަރުކޮށްދޭ ޖޯ ސްޕްރިންގެޓް ބުނި ގޮތުގައި، ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާ ދިމާކޮށް މިކަމަށް އެދޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ އެވެ.

"ހޫނު މޫސުން ފެށޭއިރަށް ހަމަ ކުއްލިއަކަށް ފޯނުތައް ރިންގުވާން ފަށާ... ކޮންމެ މީހަކު ވެސް ބޭނުންވަނީ ހަމަ ވަގުތުން ވަގުތަށް އޭސީ ހަރުކުރަން،" އޭނާ ބުންޏެވެ.

ލަންޑަނުގައި ދިރިއުޅޭ ޒައިނަބް ހުސައިން ބުނި ގޮތުގައި، ފަހަކަށް އައިސް ކުރިމަތިވި ހޫނުގަދަ ދުވަސްތަކަށް ކެތްނުކުރެވިގެން، އޭނާގެ އާއިލާއިން ދާދި ފަހުން ވަނީ ގޭގައި އިތުރު އެއާކޮންޑިޝަންތަކެއް ހަރުކޮށްފަ އެވެ.

ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ މާހިރުން ވަނީ އެއާކޮންޑިޝަނަށް މާ ބޮޑަށް ބަރޯސާވުމާ ދެކޮޅަށް އިންޒާރު ދެއްވާފަ އެވެ.

އޮކްސްފޯޑް ބްރޫކްސް ޔުނިވަސިޓީގެ ޕްރޮފެސަރު އޮފް ސަސްޓެއިނަބަލް އާކިޓެކްޗާ އެންޑް ކްލައިމެޓް ޗޭންޖު ރާޖަތު ގުޕްތާ ވިދާޅުވީ މިއީ ކަރަންޓު ބޭނުންކުރާ މިންވަރާއި ކަރަންޓު ބިލްތަކާ އަދި ކާބަން ބޭރުކުރާ މިންވަރު އިތުރުކުރުވާ ވަގުތީ ހައްލެއް ކަމަށެވެ. އޭނާ ގޭގެ ވެރިންނަށް އިލްތިމާސްކުރެއްވީ، ގޭތެރެއަށް ވައިބަދަލުވާނެ ގޮތްތައް ރަނގަޅުކުރުމާއި ހިޔާ ފޯރުކޮށްދިނުމާ އަދި އިމާރާތް ފަރުމާކުރުން ފަދަ ފިޔަވަޅުތަކަށް އިސްކަންދިނުމަށެވެ. އަދި އެއާކޮންޑިޝަން ބޭނުންކުރަންވާނީ ހަމައެކަނި ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި އަދި ބޭނުންވާ ތަންތަނުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ ހީޓްވޭވްތައް އަންނަނީ ކުރިއަށް ވުރެ ގިނައިން އަދި މާ ބޮޑަށް ނުރައްކާތެރިކޮށެވެ. އެގޮތުން، އިންގްލޭންޑްގައި ޖެހިޖެހިގެން ދެވަނަ އަހަރަށް މިދިޔަ މަސް ވެގެން ގޮސްފައިވަނީ ތާރީހުގައި ވެސް އެންމެ ހޫނުގަދަ ޖޫން މަހަށެވެ.

ހޫނުން ސަލާމަތްވުމަށްޓަކައި ގޭގޭގައި ބޭނުންކުރުމަށް ފަސޭހައިން ހިފައިގެން އުޅެވޭ ޕޯޓަބަލް އޭސީތައް ގަންނަ މިންވަރާއި އިންޓަނެޓުން އެފަދަ ތަކެތި ހޯދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވިޔަފާރިވެރިން ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް