ލަންކާގައި މަދިރި އާލާވެފައިވާ ސަރަހައްދެއްގައި ފޮގް ކުރަނީ. (ފޮޓޯ/އޭޕީ)
ލަންކާގައި 56،000 މީހުންނަށް ޑެންގީ ޖެހި، 35 މީހުން މަރުވެއްޖެ
މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ސްރީ ލަންކާގައި 56،422 ޑެންގީ ކޭސް ރިޕޯޓްކޮށް، 35 މީހުން މަރުވެއްޖެ އެވެ.
މިއީ މިދިޔަ އަހަރު ރިޕޯޓްކުރި ޖުމްލަ ކޭސްތަކަށް ވުރެ އިތުރު އަދަދެކެވެ. މިއާ އެކު، އެ ގައުމުގެ ސިއްހީ ނިޒާމަށް ބާރުބޮޑުވަމުންދާތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.
ހެލްތު އެންޑް މީޑިއާ މިނިސްޓަރު ނަލިންދަ ޖަޔަތިއްސަ އިންޒާރުދެއްވި ގޮތުގައި، ބަލިމީހުންގެ އަދަދު އިތުރުވަމުންދިއުމުގެ ސަބަބުން ހޮސްޕިޓަލްތަކަށް ނުކަތާވަރުވެ، ސިއްހީ ނިޒާމަށް ވަރަށް ބޮޑަށް ބާރުބޮޑުވެދާނެ އެވެ.
މާހިރުން މި އިތުރުވުން ނިސްބަތްކުރަނީ ޑެންގީ ވައިރަހުގެ ބާވަތެއް ކަމަށްވާ 'ޑެންވީ-2' އިތުރުވުމާއި ހޫނުގަދަ މޫސުމާއި ރޭވުންތެރިކަމެއް ނެތް ސިޓީތައް ތަރައްގީކުރުމާއި ކުނި މެނޭޖްކުރުން ދަށްވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކަށެވެ. މި ކަންކަމުގެ ސަބަބުން އީޑީސް މަދިރި އާލާވުމަށް އެންމެ އެކަށީގެންވާ މާހައުލެއް ވަނީ އުފެދިފަ އެވެ.
ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓްގެ ކޮންސަލްޓަންޓް ކޮމިއުނިޓީ ފިޒީޝަން ޕްރެޝިލާ ސަމަރަވީރާ ވިދާޅުވީ، ދިރާސާތަކުން ދައްކާ ގޮތުގައި މިހާރު 'ޑެންވީ-2'ގެ ސަބަބުން ބަލިފެތުރޭ މިންވަރު ވަރަށް މަތި ކަމަށާއި ކޮންމެ ދުވަހަކު ވެސް އާ ކޭސްތައް ރިޕޯޓްކުރަމުންދާ ކަމަށެވެ.
ޔުނިވަސިޓީ އޮފް ސްރީ ޖަޔަވަދަނަޕުރަގެ ޕްރޮފެސަރު ނީލިކާ މަލަވިގޭ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަދިރި އާލާވުމާއި ބަލި ފެތުރުން ހަލުވިވެފައިވާ ކަމަށެވެ.
ޕަބްލިކް ހެލްތު އިންސްޕެކްޓަރުންގެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ ޗަމިލް މުތުކުޑަ އިންޒާރުދެއްވި ގޮތުގައި، އާންމުކޮށް ބޭނުންކުރާ މަދިރި ބޭހަށް މަދިރިތައް މިހާރު ވަނީ ހޭނިފަ އެވެ. މީގެ ސަބަބުން ދުންޖެހުމުގެ އަސަރު ވަނީ ކުޑަވެފަ އެވެ.
ސިއްހީ އިދާރާތަކުން ދަނީ މަދިރި އާލާވާ ތަންތަން ނައްތާލުމަށް ބޮޑު ސަމާލުކަމެއް ދެމުންނެވެ. އަދި ދިރާސާކުރާ ފަރާތްތަކުން ވަނީ ބަލި ފެތުރިގަތުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، މޫސުމާއި ތިމާވެށީގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ކުރިއާލާ އިންޒާރުދޭ ނިޒާމެއް ގާއިމުކުރުމަށް ގޮވާލާފަ އެވެ.
ކޮމެންޓް