ޗައިނާގެ ދިދަ. (ފޮޓޯ/ރޮއިޓާސް)

ޗައިނާ

ޗައިނާއިން މިސައިލް ޓެސްޓެއް ކުރުމުން ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފި

މި ޓެސްޓު މި ކުރީ، 2024 ވަނަ އަހަރު ޗައިނާއިން ވަރަށް މަދުން ނޫނީ ނުކުރާ ފަދަ، ބައްރުން ބައްރަށް ފޮނުވާލެވޭ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓެއް ކޮށްފައިވަނިކޮށް
2 ގަޑިއިރު ކުރިން

ޗައިނާގެ އަސްކަރިއްޔާއިން ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑުގެ ސަރަހައްދަކަށް މިސައިލް ޓެސްޓެއް މިއަދު ކޮށްފި އެވެ.

ބެއިޖިން އިން މި ހަރަކާތަކީ އާންމު އަސްކަރީ ތަމްރީނެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، މިކަމާ ގުޅިގެން ޖަޕާނާއި އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ، ޒިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާގެ ކަނޑުގެ ސިފައިން މި މިސައިލް ފޮނުވާލާފައިވަނީ އެ ގައުމުގެ ގަޑިން މެންދުރު 12:01ގަ އެވެ. އަދި ވޯހެޑެއް ނެތް މި މިސައިލް ވެއްޓިފައިވަނީ ކަނޑައެޅިފައިވާ ކަނޑުގެ ސަރަހައްދަށެވެ.

ޒިންހުއާއިން ބުނި ގޮތުގައި، މިއީ އަހަރީ އަސްކަރީ ތަމްރީނުތަކުގެ ބައެއްގެ ގޮތުން ކުރިއަށްގެންދިޔަ އާންމު އިންތިޒާމެއް ކަމަށާއި މިއީ ވަކި ގައުމަކަށް ނުވަތަ ވަކި އަމާޒަކަށް އަމާޒުކޮށްގެން ކުރި ކަމެއް ނޫނެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގް ވިދާޅުވީ، މިސައިލް ފޮނުވާލުމުގެ ކުރިން ކެންބަރާއަށް އެކަން އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަނީ މިއީ މަސްރަހު ހަލަބޮލިވާ ފަދަ އަމަލެއްގެ ގޮތުގައި ސިފަކުރައްވައި ޗައިނާއިން ހަލުވިކަމާ އެކު އަސްކަރިއްޔާ ވަރުގަދަކުރަމުންދާ ކަމަށް ބުނެ އަދި އެކަމުގައި ހާމަކަން ބޮޑު ގޮތެއް ނުގެންގުޅޭތީ ފާޑުވިދާޅުވެފަ އެވެ.

ޖަޕާނުން ބުނީ މިސައިލް ފޮނުވާލުމުގެ ކުރިން އެ ގައުމަށް ނޯޓިސް ލިބިފައިވާ ކަމަށެވެ. އަދި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުވަމުންދާތީ އެ ގައުމުގެ ކަންބޮޑުވުން ޗައިނާއަށް ރައްދުކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.

ހަމަ އެއާ އެކު، ނިއުޒިލޭންޑްގެ ފޮރިން މިނިސްޓަރު ވިންސްޓަން ޕީޓާސް ވިދާޅުވީ، މި ޓެސްޓަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމާށާއި ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ޗައިނާގެ މިސައިލް ގާބިލުކަން ޓެސްޓުކުރާ ތަނެއްގެ ގޮތުގައި ޕެސިފިކް ސަރަހައްދު ބޭނުންކުރުމަށް ޕެސިފިކްގެ ގައުމުތަކުން އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޓެސްޓު މި ކުރީ، 2024 ވަނަ އަހަރު ޗައިނާއިން ވަރަށް މަދުން ނޫނީ ނުކުރާ ފަދަ، ބައްރުން ބައްރަށް ފޮނުވާލެވޭ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓެއް ކޮށްފައިވަނިކޮށެވެ. މިއީ އެ ގައުމުގެ އަސްކަރީ ގާބިލުކަން ފުޅާވަމުންދާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް